ޒުވާން ހުނަރުވެރި ބަތަލާ އާލިއާ ބަޓްއާއެކު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާފައިވާ ފިލްމު "ގަންގްބާއީ ކަތިއާވާޅީ" ޑިޖިޓަލް ޕްލެޓްފޯމްއެއް މެދުވެރިކޮށް ރިލީޒްކުރުމަށް ނިންމާފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ބޮލީވުޑްގެ ތަފާތު ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާގޮތުން 70 ކްރޯޑް ރުޕީސްއަށް މިފިލްމުގެ ރައިޓްސް ވިއްކާލާފައިވަނީ ޑިޖިޓަލް ޕްލެޓްފޯމް ނެޓްފްލިކްސްއަށެވެ.

މިފިލްމަކީ އާލިއާއެކު ސަންޖޭ ބަންސާލީ އުފައްދާ ފުރަތަމަ ފިލްމެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ފިލްމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ޝޫޓްކުރަންފެށީ މިދިޔައަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މިހާރު ފިލްމުގެ މަސައްކަތް ކުރިއަށްދާގޮތުން ބެލެވޭގޮތުގައި މިއަހަރުގެ މާރޗްމަސް ފެށެންވާއިރަށް ފިލްމު އެއްކޮށް ނިންމާލެވޭނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ފިލްމު ރިލީޒް ކުރެވޭނެކަމަށް ބެލެވެނީ މިއަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ.

މިފިލްމުގައި އާލިއާ ފެނިގެންދާނީ 60 ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާގެ މުމްބާއީގައި އުޅުނު ނޫފޫޒުގަދަ އަންހެނެއް ކަމަށްވާ މާފިއާ ކްއީން ގަންގްބާއީގެ ރޯލުންނެވެ.

އާލިއާގެ އިތުރުން ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭގައި ބަތަލާ ހުމާ ގްރެއިޝީ، އެކްޓަރު އަޖޭ ދޭވްގަން އަދި އާލިއާގެ ބައްޕަ މަހޭޝް ބަޓްއަށް ބޮޑު ބޭބެކިޔާ އެކްޓަރު އިމްރާން ހަޝްމީ ހިމެނެއެވެ.

ޢުމުރުން އެންމެ 27 އަހަރުގެ ބަތަލާ އެންމެ ފުރަތަމަ ކުޅެފައިވަނީ 1999 ވަނަ އަހަރު ނުކުތް ފިލްމު "ސަންގްހަރޝް" ގައި ކުޑަ ކުއްޖެއްގެ ރޯލެކެވެ.

އެއަށްފަހު ރަސްމީކޮށް އޭނާ ބޮލީވުޑަށް ތައާރަފްވެފައިވަނީ 2012 ވަނަ އަހަރު ރިލީޒްކުރި ކަރަން ޖޯހަރުގެ ޓީން ޑްރާމާ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔަރ"އިންނެވެ.

އެއަށްފަހު އޭނާ އަންނަނީ ފަސްއެނބުރި ބެލުމެއްނެތި ކާމިޔާބުކަމާއެކު ގިނަ ބައެއްގެ މަޤްބޫލުކަން ހޯދަމުންނެވެ.

އާލިއާ ފާހަގަކުރެވިފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ސޮއިކުރި ފިލްމުތަކުގައި އެކްޓިންގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާލި ބަތަލާއެއްގެ ގޮތުގައެވެ.

ދާދިފަހުން އާލިއާގެ ލޯބިވެރިޔާ އަދި އެކްޓަރު ރަންބީރު ކަޕޫރު ބުނެފައިވަނީ އޭނާ އާލިއާ ސިފަކުރަނީ މަލްޓި ޓެލެންޓެޑް ބަތަލާއެއްގެ ގޮތުގައެވެ. އެއީ އެހާ ޅައުމުރުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާތީއެވެ.

މިވަގުތު އާލިއާގެ އެންމެ އިންތިޒާރުކުރެވޭ އެއް ފިލްމަކީ ލޯބިވެރިޔާ ރަންބީރް ކަޕޫރްއާއެކު ކުޅޭ ކަރަން ޖޯހަރުގެފިލްމު "ބްރަހްމަޝްތްރާ" އެވެ.

އެއަށްފަހު ދެން ފާހަގަކޮށްލެވެނީ މިއަހަރުގެ އޮކްޓޯބަރު 21 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ އިންޑިއަން ތެލުގޫ ފިލްމު "އާރް.އާރް.އާރް" އެވެ.