ބަތަލާ ޝްރަދާ ކަޕޫރު އަދި އެކްޓަރު ރަންބީރް ކަޕޫރުވަނީ އެމީހުންގެ ކުރިއަށްއޮތް ފިލްމުގެ މަސައްކަތް މިއަހަރު ޖެނުއަރީ މަހުތެރޭ ފަށާފައެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި ޝޫޓިންގް ކުރިއަށް ގޮސްފައިވާއިރު ފިލްމުގެ ފުރަތަމަ ޝެޑިއުލް ނިންމާލުމަށްފަހު ބަތަލާ ޝްރަދާ މިހާރުވަނީ އެނބުރި މުމްބާއީއަށް ގޮސްފައެވެ.

ލޯބީގެ ޑްރާމާ މިފިލްމަކީ އާއިލީ މަންޒަރުތައް ގިނަ ފިލްމެއްކަމުން ފިލްމަށް ބޭނުންވާވަރުގެ ބޮޑު ސެޓެއް ވަނީ ތައްޔާރުކޮށްފައެވެ.

ޝްރަދާއާއެކު ފިލްމުގައި ދެން ފެނިގެންދާ އެކްޓަރު ރަންބީރު ކަޕޫރުގެ އިތުރުން އެހެން ތަރިންގެ ފުރަތަމަ ޝެޑިއުލް ނިމޭނީ މިފެބްރުއަރީ މަހުގެ ފުރަތަމަ ދެ ހަފްތާތެރޭގައެވެ. އެއަށްފަހު ބްރޭކްއަކަށްފަހު ފިލްމުގެ ދެވަނަ ޝެޑިއުލް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުއެވެ.

ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ނިންމާފައިވަނީ އިންޑިއާއިން ބޭރުގައި ނެގުމަށް ހަމަޖެހިފައިވާ ޝޫޓިންގްއަށް ދިއުމުގެކުރިން އިންޑިއާގެ ސިޓީތަކުގައި ޝޫޓްކުރަންހުރި މަންޒަރުތަކާއެކު ޝެޑިއުލް ނިންމާލުމަށެވެ.

މިފިލްމުގެ ބޮޑު ބައެއް ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ ސްޕޭންގައެވެ.

އެހެންނަމަވެސް މިވަގުތު ކޮވިޑް-19 ގެ ނުރައްކާ ޔޫރަޕްގެ ގައުމުތަކުގައި އިންތިހާއަށް ބޮޑުވެފައިވުމާ ގުޅިގެން ޝޫޓިންގް ކުރިއަށް ގެންދާނެ ވަކި ގައުމަކާމެދު ދަނީ މަޝްވާރާ ކުރަމުންނެވެ.

ލަވް ރަންޖަން ޑައިރެކްޓްކުރާ ލޯބީގެ ޑްރާމާ މިފިލްމަކީ ޕްރޮޑިއުސަރު ބޮނީ ކަޕޫރު ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

މީގެކުރިން މުޅީންވެސް ކެމެރާގެ ފުރަގަހުގައި މަސައްކަތްކޮށްފައިވާ ކާމިޔާބު ޕްރޮޑިއުސަރު/ޑައިރެކްޓަރާއެކު ދެން ފެނިގެންދާނީ ބަތަލާ ޑިމްޕަލް ކަޕާޑިއާއެވެ.