ދިރާގު ދިވެހި ލީގު މެދުކަނޑާލުމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ނިންމި ނިންމުން ބަދަލުކޮށް ލީގު އަލުން ފެށުމަށް ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ގޮވާލައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވައިރަސްއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ކުޅިވަރުގެ އެންމެހާ ހަރަކާތްތައް ހުއްޓާލުމަށް ނިންމި ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެފްއޭއެމް އިން ލީގު މެދުކަނޑާލަން ނިންމީ މިމަހުގެ ތިންވަނަ ދުވަހުއެވެ.

މިއާއެކު ކުލުަބުތަކުން ވަނީ މިކަމުގެ ސަބަބުން ކުޅުންތެރިންނާއި ކުލަބުތަކަށްވެސް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އަލުން ލީގު ފެށުމުގެ ހުއްދަދިނުމަށް އެދި ނޫސް ބަޔާނެއް ނެރެފައެވެ.

އެގޮތުން ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެ ޓީމަށް ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

މާޒިޔާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ފުރަތަމަ ޑިވިޝަނުގެ ކުލަބްތަކުން މިސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފެށީ އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި އަދި ލީގު ފެށިވެސް ހަމަ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ. އަދި ފަރިތަކުރުންތައްވެސް، ލީގުގެ ކުޅުންވެސް ކުރިއަށް ގެންދިޔައީ އެޗްޕީއޭއިންނާއި އެފްއޭމް އިން ނެރެފައިވާ ގައިޑްލައިންތަކަށް ފުރިހަމައަށް ތަބާވަމުންކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް އަޅައިގެން ކަމަށެވެ.

އެހެންނަމަވެސް ކޮވިޑްގެ ކޭސްތައް މާލޭގައި އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން އެޅި ފިޔަވަޅުތަކާއި އެކު ފުޓުބޯޅައިގެ ހުރިހާ ހަރަކާތެއް ހުއްޓާލާ ފަރިތަކުރުންތަށް ކުރިއަށް ގެންދިޔުމުގެ މަގު ބަންދުވުމަކީ ކުލަބުތަކަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެ ކަމެއްކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

ހާއްސަގޮތެއްފައު ފުޓުބޯޅައިން ލިބޭ އާމްދަނީއަށް ބަރޯސާވެފައިވާ ކުޅުންތެރިންނާއި ކޯޗުންނަށް މިކަމުގެ ސަބަބުން ބޮޑު މާޔޫސްކަމަކާއި ކުރިމަތިލާންޖެހުމުގެ އިތުރުން މިފަދަ ގޮތަކަށް ސީޒަން މެދުކަނޑާލުމުން ކުލަބުތަކަށްވެސް މާލީގޮތުން ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހޭނެތީވެ ގައިޑްލައިންތަކާއި އެއްގޮތަށް ހިންގަމުންދިޔަ ފުޓުބޯޅަ ސީޒަން މިގޮތަށް ކުއްލިއަކަށް މެދުކަނޑާލުމުގެ ބަދަލުގައި ހަމައެކަނި ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަދިނުމަކީ ކުލަބުން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ކުލަބް އީގަލްސް އިންވެސް ވަނީ މެޗުތަށް މެދުކަނޑާލިޔަސް ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ދިނުމަކީ މިވަގުތު ހުރިހާ ކުލަބެއްގެވެސް އެދުމެއް ކަމަށާއި ގައިިޑްލައިންތަކާއި އެއްގޮތަށް ލީގުގެ މެޗުތައްވެސް އަލުން ފެށުމުގެ ފުރުސަތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުލަބުތަކަށް ދިނުމައް އެދޭކަމަށްބުނެ ބަޔާނެއް ނެރެފައެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރު ކަމުގައިވާ ޔޫރަޕުގައިވެސް ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ދުވަސްވަރުގައިވެސް ފުޓުބޯޅަ ލީގުތައް މެދުކަނޑާނުލާ ހާއްސަ އުސޫލުތަކަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ދަށުން ކުޅުން ކުރިއަށް ގެންދިޔުމަށް ބޮޑު އިސްކަމެއް ދީފައިވެއެވެ. ހާއްސަގޮތެއްގައު ދާދިފަހުން އިނގިރޭސި ވިލާތުގައި ކޮވިޑްގެ އިތުރު ވޭރިއެންޓްތަކެއް ފެނި އެގައުމުގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައި ވަނިކޮށްވެސް މިދެންނެވި ހާއްސަ އުސޫލުތަކާއި ހުއްދަތަކެއްގެ ދަށުން ޕްރިމިއަރ ލީގު ކުރިއަށް ގެންދިޔުމުގެ ހުއްދަ ވަނީ ދީފައެވެ.

އެޗްޕީއޭގެ އައު އުސޫލުތަކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ލީގު ކުރިއަށް ގެންދިޔުމަށް އެފްއޭއެމުން ހާއްސަ އުސޫލުތަކެއް ކަނޑައެޅިއިރު، ލީގުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ދަނޑަށް ސަޕޯޓަރުން ނުވައްދައެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ. ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، ތާވަލުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެ ޓީމަށް ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.