ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސް ބަލިކޮށް ލީގުގެ ގަދަބާރު ބާސެލޯނާއިން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުގެންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

މެޗުން ބާސާ މޮޅުވިނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ބެޓީސްއެވެ. މިލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެމާސަން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ބޮރްހާ އިގްލޭސިއަސްއެވެ.

ލީޑުގައި އޮވެ ބެޓިސްއިން ދެވަނަހާފާއި ކުރިމަތިލިނަމަވެސް ބާސާއިން ވަނީ އެޓީމުގެ އެންމެ ނުރައްކާތެރި ހަތިޔާރު ކަމަށްވާ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ދެވަނަ ހާފުގައި ކުޅެން އަރުވާފައެވެ. ބެންޗުން އަރާ ތަފާތު މޮޅުކުޅުމެއް ދެއްކުމަށްފަހު ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެސީއެވެ.

މިލަނޑަށްފަހު ކުޅުން އިތުރަށް ވަރުގަދަކޮށް ބާސާއިން ވަނީ ނުރައްކާތެރި ދެހަމަލާއެއްވެސް ބެޓިސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން 65 ވަނަ މިނެޓުގައި ޑެމްބެލޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ބެޓިސްގެ ކީޕަރު ދިފާއުކުރިއިރު މިހަމަލާއާއި ގުޅިގެން ލިބުނު ކޯނަރުން މެސީ ނަގައިދިން ހުރަސް އޮސްކާ މިންގުއެޒާ ބޮލުން ފޮނުވާލި ނަމަވެސް ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ފުލުފުލުގައި ހަމަލާތައް އުފައްދަމުންދިޔަ ބާސާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ 68 ވަނަ މިނެޓުގައެވެ. މިލަނޑަކީ ބާސާގެ މަޝްހޫރު "ޓިކިޓަކަ" ކުޅުން ފެނިގެންދިޔަ ލަނޑަކަށްވާއިރު ބާސާގެ ގިނަ ކުޅުންތެރިންތަކެއް މިހަމަލާ އުފެއްދުމުގައި މަސައްކަތް ކޮށްފައިވެއެވެ. މިއީ އޭރިއާތެރޭގައި މުޅިން ހުސްކޮށްހުރި ގްރީޒްމަން އަށް ޖޯޑީ އަލްބާ ނަގައިދިން ހުރަސް ގްރީޒްމަންގެ ފައިގައި ޖެހިފައި ފަހަތަށް އައުމުން ބެޓިސްގެ ވިކްޓަރ ރުއިޒްގެ ފައިގައި ޖެހި ބައިކޮޅަށް ވަތް ލަނޑެކެވެ.

އެހެންނަމަވެސް މިލީޑުގައި އޮވެ ބާސާއަށް ކުޅެވުނީ އެންމެ ހަތްމިނެޓެވެ. މެޗުގެ 75 ވަނަ މިނެޓުގައި ބައިކޮޅަށް ވަންލަނޑުގެ ބަދަލުގައި ވިކްޓަރ ރުއިޒް ވަނީ ބެޓިސްއަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ހިލޭޖެހުމަކުން ނަބީލް ފެކީރް ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަސް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުން ބާސާ މޮޅުވިލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަަވާން ތިންމިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ ޕޯޗުގަލްގެ ޒުވާން ފޯވާޑް ފްރެންސިސްކޯ ޓްރިންކާއޯ އެވެ. މިއީ ބާސާއިން އުފެއްދި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އެޓީމުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގާ ޓްރިންކާއޯ ކާމިޔާބުކުރި ލަނޑެކެވެ.

މިމޮޅާއެކު ބާސާއަށް ސްޕެނިޝް ލީގުގެ ޕޮއިންޓް ތާވަލުގެ ދެވަނަ ލިބެނީ ކުޅުނު 21 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްވެސް އޮތީ ހަމަ 21 މެޗުން މިއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ބާސާއަށް ރެއާލްގެ މައްޗަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ އެއްވަނައިގައި ދެމެޗު މަދުންކުޅެ ހަތް ޕޮއިންޓުގެ ލީޑަކާއިއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

މިސީޒަނުގައި ތަފާތު މޮޅުކުޅުމެއް ދައްކަމުން އަންނަ އެތްލެޓިކޯއިން މިރޭ ސެލްޓާ ވިގޯއާއި ދެކޮޅަށް ނުކުންނާނީ އެތްލެޓިކޯގެ އަމިއްލަ ދަނޑުގައެވެ. މިމެޗު ކުޅޭނީ މިރޭ 01:00 ގައެވެ.