ދުނިޔެއަކީ ހާދަ ރީތި ތަނެކެވެ. ހާދަ ހިތްގައިމު ތަނެކެވެ. ނަމަވެސް އެ ރީތިކަން އޮންނަނީ ހިނދުކޮޅަކުއެވެ. ދިމާ ކުރިމަތިން ފެންނަން ހުރި ގަސްތަކުގެ ފެހި ކުލަ އިރުއޮއްސުމާއެކު ކަޅުކުލައަށް އެހެރަ ބަދަލުވަނީއެވެ. ދުރުން ފެންނަން އޮތް ހިތްގައިމު މަލަމަތި އެހެރަ ފުސްވަނީއެވެ. އިރު އޭގެ ވާޖިބައިގެން އެހެރަ އޮއްސުނީއެވެ. ރަތްވިލާތައް ދުނިޔެއާ ވަކިވަމުން އެހެރަ ހަނާއަޅަނީއެވެ. ދޫނި ސޫފާސޫފީގެ މޫސީގީ ރާގުތަކާއި މާމަލުގެ މީރުވަހުގެ ހިތްފަހިކަން ހިނދުކޮޅަކަށް ނަމަވެސް ދުނިޔެއާ އެހެރަ ވަކިވަނީއެވެ. ކޮން ކަހަލަ ރީތިކަމެއް ހެއްޔެވެ؟ ނަމަވެސް އެ ރީތިކަން ވެސް މިއަދުގެ ދަންފަޅި ހަމަކޮށް އެ އަލްވަދާޢުކީއެވެ. މިއީ ދުނިޔޭގެ ސުންނަތެވެ. މި ސުންނަތުން އަހަރެންނަށް ބުނެދޭ ކިތަންމެ ކަމެއް އެބަ އޮތެވެ. ރީތިކަމަކީ ހިނދުކޮޅެއްގެ މެހުމާނެއްކަމެވެ. ކޮންމެ ކަމަކަށްވެސް ކަނޑައެޅިފައިވާ ވަގުތެއް އޮންނަ ކަމެވެ. އެ ވަގުތަށް ކޮންމެ މީހަކުވެސް ތައްޔާރުވާން ޖެހޭކަމެވެ.

މިއަދު އަހަރެން ހުއްޓިގެން މިހުރީ އަހަރެން އެންމެ ލޯބިވާ އަހަރެން އުފަން ގައުމަކު ނޫނެވެ. އަހަރެން ނިސްބަތްވާ އުފަން އަތޮޅަކުވެސް ނޫނެވެ. އަދި ކީއް ހެއްޔެވެ؟ އަހަރެންނަށް އެންމެ ރީތި އުފަން ރަށަކުވެސް ނޫނެވެ. އެކަމަކު މިއަދު މިތަން އަހަރެންނަށް ވަރަށް މުހިންމެވެ. ނަމަވެސް އަހަރެންނަށް އެންމެ މުހިންމީ އަހަރެންގެ ގައުމެވެ. އަމިއްލަ ވަޒަނާއި ބިމެވެ. އުފަން ފަސްގަނޑެވެ. ހާލަތު ނިޔާކުރި ގޮތުން މި ހިތްގައިމު މަންޒަރު ބަލާން އަހަރެން ހުންނާން މި ޖެހުނީ އަމިއްލަ ވަޒަނުން ބޭރުގައެވެ. އެ ލޮބުވެތި ފަސްގަނޑާ ދުރުގައެވެ. މި ހިތްދަތިކަމަކީ އަހަރެންނަށް އާ ކަމެއް ނޫނެވެ. މި ތަޖުރިބާއަކީ ހަމައެކަނި މިއަދަކު ކުރާންޖެހުނު ތަޖުރިބާއެއް ވެސް ނޫނެވެ.

ގަބޫލުކުރަމެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ އުފަން ރަށް މުހިންމެވެ. އަމިއްލަ ވަޒަނުގެ ދިރިއުޅުން ލޯތްބެވެ. އެ ފަސްގަނޑު ދެކެ އިންތިހާއަށް ލޯބިވެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ. އެ ޠަބީޢަތުގެ ރާޅު އަހަރެންގެ ހިތުގެ ކަނޑުގައި ވެސް ޖަހައެވެ. އެ ދީލަތި ދަތިވެތިކަން އަހަރެންގެ ނިތުގައި ވެސް ބޮސްދެއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އަހަރެންނަށް މުހިންމުވީ އަހަރެން އުޅޭން އޮތް ގޮތް ދަސްކުރުމެވެ. އެ ގޮތުގައި ދެމިހުރުމަށް ކުރާން އޮތް ޢަމަލު އިސްކުރުމެވެ.

އަހަރެން ބޭނުންވީ ގޮތް ހޯދައިދޭން އަހަރެންނަށް ހިތްވަރު ދިނީ އަހަރެންގެ މައިންބަފައިންނެވެ. އަހަރެންގެ އުފަން ރަށުން އެހެން ރަށަކަށް ބަދަލުވާން މަގުފަހިކޮށްދިނީ އެ މީހުންނެވެ. މައިންބަފައިން ބޭނުންވީ އަހަރެން ރޯފިލައި ތަންދޮރު ދަތުމަށެވެ. އެއީ އަހަރެންވެސް ބޭނުންވި ގޮތެވެ. އަހަރެން ތަޢުލީމު ހާސިލުކުރީ އެ ވިސްނުމުގައެވެ. އުފާވެރި މުސްތަގުބަލެއް ހޯދާށެވެ. ﷲގެ އިރާދަފުޅުން އެ އުފާވެރިކަން އަހަރެންނަށް ލިބުނެވެ. އެއާއެކު ޒަވާޖުގެ މީރުކަން ވެސް ލިބުނެވެ. ދިރިއުޅުމުގެ ފޮނިކަން ވެސް ހޯދުނެވެ. މިއިން ކޮންމެ ކަމެއް އަހަރެންނާ ބައްދަލުކުރީ އަހަރެންގެ އުފަން ރަށް ނޫން އެހެން ރަށަކުންނެވެ. އަހަރެންގެ މުޅި ދިރިއުޅުން މި ހޭދަކުރީ އުފަން ފަސްގަނޑާ ދުރުގައެވެ. މިއަދު މި ހުރީ އަދި މާ ދުރުގައެވެ. ނަމަވެސް މި ދުރުކަމަކީ ހެޔޮ ގޮތާއި ރަނގަޅު ގޮތް ދަސްކުރާން އަމިއްލަ ޒަމީރަށް ވީ ވަޢުދެކެވެ. އެ ވަޢުދު ފުއްދުނީތީ މިއަދު ވެސް ޝުކުރުކުރެވެއެވެ.

ހަޔާތުގެ މި ނޭވާއާ ހަމައަށް އަހަރެންނަށް އާދެވުނު އިރު އަހަރެންނަށް ގަބޫލުކުރެވުނު އެއް ކަމަކީ އަމިއްލަ ވަޒަނަށް އޮންނަ ކުލުނަކީ ދުވަހަކު ވެސް ކެނޑޭނެ ކުލުނެއް ނޫންކަމެވެ. ޒަމާންތައް މާޒީއާ އެކުވިޔަސް، އެ ލޯތްބަށް ބަދަލެއް ނާންނަކަމެވެ. އެ ލޯބީގެ ފަޅުކަމުގައި ވެސް އުޅެން ދަސްކުރާންޖެހޭ ކަމެވެ. އެ އުޅުމުގެ ސަމުގާއަކަށް އަހަރެންނަށް ފެނުނީ ގޮތެވެ. އަހަރެން ގަބޫލުކުރާ ގޮތެވެ. އެއީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތް ވެސް މެއެވެ. އަހަރެންގެ ހަޔާތް ކާމިޔާބު ނަމަ އެ ކާމިޔާބީގެ ސިއްރަކީ އެއީއެވެ. އަހަރެންގެ ދިރިއުޅުން އަރުތަ ނަމަ އެ އަރުތައިގެ ތަރަހައަކީ ވެސް އެއީއެވެ. އަހަރެން ކުރި ކޮންމެ ކަމެއްގައި ވެސް އަހަރެން އިސްކުރީ އެ ގޮތެވެ. ކިޔަވައި ދިނުމުގައި އަހަރެން އިސްކުރީ އެ ގޮތާއި ޢަމަލެވެ. އުނގަންނައި ދިނީ އެ ވިސްނުމުގެ ތެރޭންނެވެ. ރަށުގެ މުދިމުކަން ކުރީ އެ ފަލްސަފާގެ އަލީގައެވެ. ގުރުއާން ކުލާސް ހިންގީ އެ މަގުގެ ގޯޅިންނެވެ. ކުރި ކޮންމެ ކަމެއްގެ ވެސް މައިގަނޑު ވިސްނުމަކީ އެ ގޮތާއި އަމަލެވެ.

އަހަރެންގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ އަހަރެންގެ އަންހެނުންނާއި ކުދީންނަށެވެ. އެ ކުދީންނަށް އަހަރެން ދަސްކޮށްދެވޭތޯ ބެލީ އަހަރެންނަށް ގަބޫލުކުރެވޭ ގޮތެވެ. އެކަން ދަސްކޮށްދެވޭތޯ އަހަރެން ބެލީ ފޮތުންނެވެ. ބަހާއި އަމަލުންނެވެ. ތެދަށް ބުނާނަމަ ހަތްދިހަ ފަސްއަހަރުގެ ހަޔާތުގެ ކޮންމެ ރެއަކު އަހަރެން ނިދީ ހުރިހާ ކުދީންނަށްވުރެ ފަހުންނެވެ. ނަމަވެސް އެ ކުދީންނަށް ވުރެ އަވަހަށް އަހަރެން ހޭލަމެވެ. އެ ކުދީންނާއެކު ގުރުއާން ނުކިޔަވާ ފަތިހެއް މަދުވާނެއެވެ. އަޑުދަށުން ޚަތިމުކޮށްނުދޭ ދަރިއަކު ނުހުންނާނެއެވެ. އަހަރެން ބެލީ އެ ކުދީންނަށް ނަމޫނާ ދެއްކޭތޯއެވެ. އެ ކުދީންނަށް ލޯބި ދެވޭތޯއެވެ. އެ ކުދީން ބޭނުންވާ ކަންކަން ކޮށްދެވޭތޯއެވެ. ﷲ އިރާދަފުޅުން، ގައިބާރު ދޫވެފައިވާ މި ހަށިގަނޑު ގަބޫލުކުރާ ގޮތް އެ ކުދީންނަށް އެނގެއެވެ. އަހަރެން ބޭނުންވާނެ ކަންކަން އެ ކުދީން ދެނެގައެވެ. އަހަރެން ލޯބިކުރާނެ ކަންކަން އެ ކުދީން ހިތުދަހެވެ.

އަހަރެންނަށް ގަބޫލުކުރެވެނީ އުފަން ރަށް ދެކެ ލޯބިވާން ކޮންމެހެން އެ ރަށެއްގައި ވަޒަންވެރިވާން ނުޖެހޭކަމެވެ. ކޮންމެ ތާކު އުޅުނަސް އެ ލޯބި ހިތުގައި ދައުރުވާނެކަމެވެ. އުފަން ރަށުގައި ވަޒަންވެރި ނުވެގެން ލޯބި މަރުވާނަމަ އަހަރެންގެ ހިތުގައި އޮތް ރަށު ލޯބި މިހާރު ކަފުންވިތާ ކިތަންމެ ދުވަހެކެވެ. އެކަމަކު އެހެނެއް ނުވިއެވެ. ކޮންމެ އަހަރަކު ހެން ދަތުރު ހަދައިގެން އަމިއްލަ ރަށަށް ދާން އަހަރެން ބޭނުންވެއެވެ. ކޮންމެ ހާލެއްގައި ވެސް އަމިއްލަ އެއްބަނޑު ތިމާގެ މީހުންގެ ހާލުއަހުވާލު ދެކިލާހިތްވެއެވެ. އެ ލޯބި ނެތްނަމަ އަމަލުން އެކަން ކުރުމުގެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނީހެވެ. ހަގީގަތުގައި އެ ހިތްވަރު އަހަރެންނަށް ލިބުނީ އަހަރެން ގަބޫލުކުރި ގޮތުންނެވެ. އަހަރެން ތަންޒީމުކުރާން ބޭނުންވި ޢަމަލުންނެވެ.

އަހަރެންގެ މުޅި ދިރިއުޅުން ބިނާވީ އުފަންނޫން، އުފަން ރަށުގައެވެ. ނަމަވެސް އެ ވަޒަނުގައި އަހަރެންގެ އެއްވެސް ކުއްޖަކު ދިރިއުޅުން ބިނައެއް ނުކުރިއެވެ. ހުރިހާ ކުދީން ވެސް އެ ތިބީ އުފަން ފަސްގަނޑު ދޫކޮށް މާލޭގައެވެ. އެ ކުދީން ދިރިއުޅުން ބިނާކުރާން ބޭނުންވި ތަނުގައެވެ. އަހަރެންނަށް އެކަން މައްސަލައަކަށް ނުވެއެވެ. އަހަރެންނަށް މުހިންމުވީ ގޮތެވެ. ރިވެތި އުޅުމާއި އަދަބު އަޚުލާގެވެ. އެ ކަންކަމުން އެ ދަރީންގެ ހިތްތަކުގައި އުފަން ފަސްގަނޑުދެކެ ވާންވީ ލޯބި މުޑުވައް ކުރެވޭނެވެ. އަހަރެންނަށް ޔަގީންވަނީ ކޮންމެ ތާކު ހުއްޓަސް އެއިން ކޮންމެ ކުއްޖެއްގެ ހިތުގައި ރަށު ވިންދު ޖަހާނެކަމެވެ. އެއިން ކޮންމެ ކުއްޖެއްގެ ދުލުގައި ރަށު ރަހަ ލާނެކަމެވެ. އެއިން ކޮންމެ ކުއްޖެއްގެ މޭގައި ރަށުގެ ރިހުން ހުންނާނެކަމެވެ.

ތަގުދީރުގެ ރޭވުމުން މިއަދު އަހަރެން މި ބެހެއްޓީ އަހަރެން އުޅެބޮޑުވީ ފަސްގަނޑާ މާ ދުރުގައެވެ. ރައްޓެހީންނާއި އަވައްޓެރީންނާ ވެސް ދުރުގައެވެ. ކިޔަވައިދިން ކުދީންނާއި އެ ކުދީންގެ ބެލެނިވެރީންނާ ވެސް މާ ދުރުގައެވެ. މި ދުރު ތަނަށް އަހަރެން ގެނައީ އަހަރެންގެ ބަލި ހާލެވެ. އެ ހާލުގައި އެޅި ކެތްކުރާން ދަތި ވޭނެވެ. މިއީ ކިހައި ވަރެއްގެ އިމްތިހާނެއްކަން އަހަރެންނަށް އެނގެއެވެ. ދެން އޮތީ ކިހައިވަރެއްގެ މަރުހަލާއެއްކަން ވެސް އަހަރެންނަށް އެނގެއެވެ. ނޭނގެނީ މި ހާލުގައި ހޭދަކުރާން ޖެހިދާނެ މުއްދަތެވެ. އެ މުއްދަތުން ނުކުންނާނެ ނަތީޖާއެވެ.

ކުރިމަތިވީ އިމްތިހާނަށް އަހަރެން ތައްޔާރެވެ. އަމިއްލަ ޒަމީރުގެ ޝަކުވާއެއް ނެތެވެ. ކުރަން ބޭނުންވި ގިނަ ކަންކަން އަހަރެންނަށް ހާޞިލުވެއްޖެއެވެ. ހުރިހާ ދަރީން ތަރުބިއްޔަތު ކުރެވިއްޖެއެވެ. ދިރިއުޅުމުގައި ފިސާރި ދުރަށް ހިނގިއްޖެއެވެ. ވަރުބަލިވާ ވަރަށް ކަންކަމުގައި އުޅެވިއްޖެއެވެ. މިހާރު މާ ބޮޑަށް ވެސް ވަރުބަލި ވެއްޖެއެވެ. މި ވަރުބަލިކަމަށް ވެސް އަހަރެން ކެތްކުރާނަމެވެ. ކެތްތެރިވާނަމެވެ. އެނގޭ ބައެއް ކަންކަން ނޭނގޭ ކަމަށް ހަދާނަމެވެ. ފެންނަ ބައެއް މަންޒަރުތައް ނުފެންނަކަމަށް ވެސް ހަދާނަމެވެ. އިވޭ ބައެއް ވާހަކަތައް ނުއިވޭ ކަމަށް ވެސް ހަދާނަމެވެ. މި ހުރިހާ ކަމެއް އަހަރެން ކުރާނީ އަހަރެން އެންމެ ލޯބިވާ އަންހެނުންނާއި ދަރީންނަށް ޓަކައެވެ. އެ ދަރީންގެ ހިތްހަމަ ޖެހުމަށް ޓަކައެވެ. އެ ދަރީން ބުނެއެވެ. ބައްޕަ ހާދަ ކެތްތެރިއެވެ. އަހަރެންގެ ހިތް ބުނަނީ އެ ދަރީން މާ ކެތްތެރިކަމަށެވެ. އެ ދަރީން ބުނެއެވެ. ބައްޕަ ހާދަ ރަނގަޅެވެ. އަހަރެންގެ ޒަމީރު ބުނަނީ އެ ދަރީން މާ ރަނގަޅުކަމަށެވެ. އެ ދަރީން ބުނެއެވެ. ބައްޕަ ހާދަ ލޯތްބެވެ. އަހަރެންގެ ރޫހު ބުނަނީ އެ ދަރީން މާ ލޯބިކަމަށެވެ. މި ލޯބިން އަހަރެންނަށް ބުނެދިނީ އެންމެ ކަމެކެވެ. ވަޒަނުގެ ލޯތްބަށް މުހިންމީ ވަކި ތަނެއް ނޫންކަމެވެ. ކޮންމެ ތަނެއްގައި ހުއްޓަސް އެ ލޯބީގެ ހުވާސް ކެނޑިގެން ނުދާކަމެވެ. އެ ލޯބީގެ ދިރުމަކީ އެ މީހަކު ގަބޫލުކުރާ ފޮތާއި އަމަލުކުރާ ގޮތްކަމެވެ. އެ ފޮތުގައި ހިފައި އެ ގޮތުގައި ކުރިއަށް ދާނަމަ ހުރިހާ ކަމެއް ވެސް ކާމިޔާބު ވާނެކަމެވެ.

ތެދެކެވެ. ބައެއް މީހުންނަށް ވަޒަންވަނީ ވަޒަނަކަށެވެ. ދިރިއުޅުމުގެ ހަނގުރާމާގައި ތިމާއަށް ހަމަލާދޭ ހަތިޔާރަކަށެވެ. އެއީ އުފަންވި ވަޒަން ނަމަވެސް މެއެވެ. އެ ހާލަތުގައި ވަޒަން ވަނީ ފޫއްސަކަށެވެ. ދިރުން ހުރެމެ، ދިރުން ނެތް ސަހަރާއަކަށެވެ. ނަމަވެސް އެއީ ހަމަ އުފަންވި ބިމެކެވެ. އެންމެ ލޯބިވީ ވަޒަނެވެ. އެ ލޯބި ނެތެނީ ކީއްވެ ހެއްޔެވެ؟ އެ ފަސްގަނޑުގައި އުޅޭ އިރު ވެސް ބައެއް މީހުން އެ ލޯބި ނުހުންނަނީ ކީއްވެ ހެއްޔެވެ؟ މި ސުވާލަށް އަހަރެން ދޭން އޮތީ ވަރަށް ކުރު ޖަވާބެކެވެ. އެއީ ގަބޫލުކުރާ ފޮތާއި އަމަލުކުރާ ގޮތް، ހަޔާތުގެ ދަތުރާ ގުޅުވާލާން ނޭނގޭތީ ވާގޮތެވެ.

ގަބޫލުކުރަމެވެ. އެއްވެސް މީހަކަށް އެ މީހެއްގެ މާދަމާއެއް ނޭނގޭނެއެވެ. އެނގޭނީ އެ މީހެއްގެ މާޒީއެވެ. އެ މާޒީއަށް ދޫކުރި ލޯތްބެވެ. އަހަރެންގެ ހިތުގައި އޮތް އެންމެ ޝަރަފުވެރި ލޯތްބަކީ އަހަރެންގެ ގައުމުދެކެ އަހަރެންވާ ލޯތްބެވެ. އުފަން ރަށްދެކެ ވާ ލޯތްބެވެ. ދިރިއުޅުން އާބާދުކުރި ރަށްދެކެވާ ލޯތްބެވެ. އެ ލޯބި އަހަރެންގެ ހިތުގައި އުފައްދައި ދިނީ އަހަރެންގެ ގަބޫލުކުރުމެވެ. އަހަރެންގެ ޢަމަލެވެ. ޔަގީންވާ ކަމަކީ ކޮންމެ ފަސްގަނޑެއްގައި ހުރެ މި ދުނިޔެއާ ވަކިވި ނަމަވެސް އެމީހަކު ލާނީ އެ ހުރި ފަސްގަނޑެއްގެ ދަށަށްކަމެވެ. އެއީ އުފަން ފަސްގަނޑު ނަމަވެސް މެއެވެ. އަހަރެން މި ހުރީ އެހެން ފަސްގަނޑެއްގައެވެ. އެދެނީ އަހަރެންގެ ނިމުން އަމިއްލަ ވަޒަނުގައި ލެއްވުމެވެ. އެ އުފާ ލިބިގަތުމުގެ ފުރުޞަތު ތަނަވަސް ވުމެވެ. މި ދުޢާ ހިންމެވުމެވެ.

އަހަރެން މި ހުރީ ތައްޔާރަށެވެ. ކޮންމެ މަރުހަލާއަކަށް ވެސް ތައްޔާރަށެވެ. މިއަދު ގެއަށް ދާން މި ހިނގައިގަންނަނީ މާދަމާގެ ކީމޯއަށް ތައްޔާރުވެގެންނެވެ.