ކޮވިޑް-19 ގެ އިންޒާރު ފުރަތަމަ ދިން ޗައިނާގެ ޑޮކްޓަރ މަރުވިތާ އެއްއަހަރު ފުރުމާއި ވިދިގެން އޭނާގެ ހަނދާންތައް ޗައިނާގެ ވޫހާން ސިޓީގެ ރައްޔިތުން އާކުރަން ފަށައިފިއެވެ.

ވޫހާން ޝަހަރުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދިޔަ އޮފްތަލްމޮލޮޖިސްޓް ނުވަތަ ލޮލުގެ ބައްޔަށް ފަރުވާދޭ ޑޮކްޓަރ ލީ ވެންގލިއަންގ ވަނީ މި ނުރައްކާތެރި ނޮވިޑް ކޮރޯނާވައިރަސް، ރަސްމީ ވަބާއެއްކަމަށް ކަނޑައެޅުމުގެ ކުރީން ފެތުރެމުންދާކަމުގެ އިންޒާރުދީފައެވެ. އަދި އޭނާއަކީ ވޫހާންގައި މިބަލި ފެތުރިގަތް ދުވަސްވަރުވެސް އެންމެ ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތަށް ވެގެންދިޔައީ އޭނާއަކީ މި ނުރައްކާތެރި ވަބާ އެބަ އަންނަކަން ފުރަތަމަ ކިޔައިދިން މީހާކަމަށްވާތީއެވެ. އޭނާ މަސައްކަތް ކޮށްފައިވަނީ އެކަމުގެ އިންޒާރުދީ އޭގެ ސިފަތައް ބުނެދިނުމަށެވެ.

ޢުމުރުން 34 އަހަރުގެ ލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ކޮވިޑް-19 ޖެހިގެން މަރުވުމާއި ގުޅިގެން ޢާންމުންގެ ތަޢުޒިޔާއާއި ޢާންމުކޮށް އޮންލައިނުން ނުފެންނަ ނުރުހުންތައް ވަނީ އޮހިގެން ގޮސްފައެވެ.

މި ޑޮކްޓަރ ނިޔާވިތާ ދުވަސްކޮޅެއްފަހުން ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ޒޮންގ ނަންޝާން ރޮއިޓާރސް މީޑިއާއަށް ދިން އިންޓަރވިއުއެއްގައި ކަރުނައަޅަމުން ބުނެފައިވަނީ ލީއަކީ ޗައިނާގެ ބަޠަލެއް ކަމުގައެވެ.

ނަމަވެސް މދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގ ކޮވިޑް ހަނގުރާމައިގެ ބަޠަލުންނަށް ޝަރަފްވެރިކަމުގެ އިނާމު ދެއްވިއިރު ލީގެ ޚިދުމަތުގެ ނަންގަނެވަޑައިގެންފައެއް ނުވެއެވެ. އަދި އެހެން ގޮތަކަށްވެސް ފާހަގަ ކޮށްލައިފައެއް ނުވެއެވެ.

ލީގެ ހޮސްޕިޓަލް ހުންނަ ސަރަޙައްދުގެ މަގުތަކުގައި ހިނގައި ބިނގައިވެ އުޅޭ މީހުން ބުނިގޮތުގައި އެ ޝަހަރުވަނީ މިހާރު ޢާންމު ޙާލަތަކަށް އައިސްފައި ކަމުގައެވެ. އެހެނަސް ލީގެ ޚިދުމަތް އެމީހުންގެ ހިތުން ފިލައިގެން ނުދާ ކަމުގައެވެ. އަދި އޭނާއަށް އޮތް އިޙުތިރާމާއި ޤަދަރު ކުޑަ ނުވާ ކަމުގައެވެ.

އޮންލައިން ފިހާރައެއް ހިންގާ ލީ ޕަން ނަމަކަށްކިޔާ ޒުވާނަކު ބުނެފައިވަނީ ލީއަކީ އެމީހުނަށް އެވައިރަހާއި ގުޅޭ ގޮތުން އެއްޗެއް ބުނެދިން މީހާއެވެ. އަދި އޭގެ ސަބަބުން ކުރިމަތިވާނެ ބޮޑު ގޮންޖެހުން އޭނާއަށް އިޙުސާސް ކުރެވުނު ކަމަށް ދެކޭ ކަމުގައެވެ. އަދި އެކަމުގެ އަސަރު ހުންނާނެގޮތް އެނގިހުރެމެ އެކަމުގެ އިންޒާރު އޭނާ ދިނުމަކީ އެއީ ވަރަށް ގަދަ ހިތްވަރެއް ކަމުގައެވެ.

ޢުމުރުން 34 އަހަރުގެ ޑިޒައިނަރެއް ކަމަށްވާ ޖީ ޕެންޚުއީ ބުނީ ލީގެ އިންޒާރު އޭނާއަށް ލިބުމާއިއެކު ރަސްމީ ސިގފައެއްގައި ވައިރަހާބެހޭ ގޮތުން މަޢލޫމާތު ލިބުމުގެ ކުރީން، މާސްކާއި އެހެނިހެންތަކެތި ހޯދައި އެއްކުރަމުންދިޔަ ކަމުގައެވެ. ޢާންމުން ލީގެ ހަނދާން އާކުރާއިރު އެމީހުން އޭނާއަށް ޚާއްޞަ ޤަދަރެއްދޭ ކަމުގައެވެ. އަދި ޖީ ދެކޭ ގޮތުގައި ރަސްމީ ޝަރަފްވެރިކަން ލީއަށް ލިބެންޖެހޭނީ ވަރަށް މަތީ ދަރަޖައިގާ ކަމުގައެވެ. އަދި އެއީ އޭނާގެ ކުރީގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ އިތުރުން ކުރަންޖެހޭނެ ކަމެއް ކަމުގައެވެ.

ޖީ ބުނި ގޮތުގައި ވައިރަސް ފެތުރިގަތްތާ ކުރީކޮޅު ނުވަތަ ފުރަތަމަ މަރުޙަލާގައި ސަރުކާރުން ގޯސްތަކެއް ހަދައިފައިވާ ކަމުގައެވެ. ނަމަވެސް ފަހުން ވަރަށް ރަނގަޅަށް އެކަން ހަމައަކަށް އެޅުވި ކަމުގައެވެ.

މިހާރު ޑަބްލިޔުއެޗްއޯގެ ޓީމަކުން ގެންދަނީ ވޫހާންގައި ދިރާސާތަކެއް ކުރަމުންނެވެ. އެއީ މި ވައިރަސް ފުރަތަމަ ފެތުރިގަތް މަރުޙަލާގެ ފުރަތަމަ ތަހުލީލުތައް ދެނެގަތުމަށްޓަކައެވެ. އަދި އެމީހުންގެ ހޯދުންތައް ހާމަކުރުމުގެ ތައްޔާރީތައް ވަމުންދާކަމަށް އެ ޓީމުގެ މެމްބަރެއް ކަމަށްވާ ޑޮމިނިކް ޑުވައިޔަރ ވަނީ ބައިނަލްއަޤުވާމީ މީޑިއާއަށް މަޢުލޫމާތު ދެއްވައިފައެވެ.

ޑަބްލިޔުއެޗްއޯގެ ޓީމުން ވަނީ ހައުނާންގެ އެންމެ ކާރޫބާރޫ ބޮޑު ސީފުޑް މާރުކޭޓަށް ޒިޔާރަތް ކޮށްފައެވެ. މިއީ މިވައިރަސް ފުރަތަމަ ފެނުނު ކަމަށް ބުނެވޭ މާރުކޭޓެވެ. ފާއިތުވި އަހަރު ފެށުނުތަނާހެން ބަންދުކުރި ގޮތަށް އަދިވެސް މި މާރުކޭޓު ވަނީ ބަންދުކޮށްފައެވެ. މި މާރުކޭޓުން ފުރަތަމަ ނޮވިޑް ކޮރޯނާ ވައިރަސް ފެނުނުފަހުން މިހާރު ކޮވިޑް-19 ވަބާއަކަށްވެ 105 މިލިއަން މީހުން މި ވައިރަހަށް ފައްސިވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ގާތްގަނޑަކަށް 3 މިލިއަން މީހުން ވަނީ މަރުވެފައެވެ.

މި ވައިރަހުގެ އަޞްލާއިމެދު ދެކެވޭ ވާހަކަތައް ވަނީ މަތީ ދަރަޖައަކަށް ސިޔާސީ ވެފައެވެ. ޗައިނާގެ ބައެއް ޑިޕްލޮމެޓުންނާއި ދައުލަތުގެ މީޑިއާއިން ގެންދަނީ އެ ވައިރަހުގެ އަޞްލު އުފެދިގެންއައީ އެހެން ތަނަކުންކަމަށް ދައްކަން މަސައްކަތްކުރާ ފަލްސަފާއަށް ތާއީދު ކުރަމުންނެވެ.

ޗައިނާގެ ޢުމުރުން ދުވަސްވީ މީހުން ބުނާގޮތުގައި އެ ވައިރަސް އައީ ކިހިނެއްކަމެއް އެމީހުންނަކަށް ނޭނގެއެވެ. އެހެން ނަމަވެސް ލީ އަކީ ބަޠަލެއް ކަމަށް އެމީހުން ޤަބޫލުކުރާ ކަމުގައެވެ. އެހެންވީމާ މިވަބާއާއި ދެކޮޅަށް އޭނާ ކޮށްދީފައިވާ ޚިދުމަތް ފާހަގަކޮށް އޭނާގެ ހަނދާން އާކުރަންޖެހޭނެއެވެ.