އަސްކަރީން ގެނައި ބަޣާވާތާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުމެ މުޒާހަރާކުރާން ފެށުމުން، މިޔަންމާގެ ބައެއް ހިސާބުތަކުގައި މާޝަލް ލޯ ނުވަތަ އަސްކަރީ ގާނޫނު ހިންގައިފިއެވެ.

މާޝަލް ލޯ ހިންގާފައިވަނީ މިޔަންމާގެ އެންމެބޮޑު ސިޓީ، މަންޑާލޭގައެވެ.

މަންޑާލޭގެ ބައެއްގައި މާޝަލް ލޯ މި ހިންގީ، އަސްކަރީ ވެރިކަމާ ދެކޮޅަށް މިޔަންމާގެ އެކި ކަންކޮޅުތަކުގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވަރުގަދަ މުޒާހަރާތަކެއް ފަށައި އަދި މުޒާހަރާތައް ވަރުގަދަވެ ފުޅާވާން ފެށުމުންނެވެ.

މިޔަންމާގެ އަސްކަރީންވަނީ މުޒާހަރާ ކުރާ މީހުންނަށް ވަރުގަދަ އިންޒާރުތަކެއްވެސް ދީފައެވެ. އެގޮތުން، މުޒަހަރާ ކުރާ މީހުން އެކަން ނުހުއްޓައިފިނަމަ ބާރުގެ ބޭނުންކޮށް، މުޒާހަރާކުރާ މީހުން ހިފައި ހައްޔަރުކުރާނޭ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.

މަންޑާލޭއަށް ނެރުނު އަމުރުގައި، 5 މީހުންނަށްވުރެ ގިނަމީހުން އެއްތަންވުން މަނާކޮށްފައި ވާއިރު، ރޭގަނޑު 8 އިން ފަތިހު 4 އަށް މީހުން ބޭރަށް ނުކުމެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.

އަދި މިޔަންމާގެ އެހެން ހިސާބުތަކުގައިވެސް މިފަދަ ބައެއް ފިޔަވަޅުތައް އަޅާފައި ވެއެވެ.

އަސްކަރީ ވެރިކަމާ ދެކޮޅަށް އާންމުން މުޒާހަރާ ކުރަމުންދިޔަ ނަމަވެސް، މުޒާހަރާތައް ރޫޅާލަން އަސްކަރީން އަދި މިހާތަނަށް ބާރުގެ ބޭނުން ކޮށްފައެއް ނުވެއެވެ.

ނަމަވެސް، މިޔަންމާގެ ވެރިރަށް ނޭޕީޑޯގައި އެތައްހާސް އާންމުން މިއަދު ކުރި މުޒާހަރާ ރޫޅާލަން ރަޔަޓް ފުލުހުންވަނީ ޕްރެޝަރުގައި ފެންޖަހާފައެވެ.

މިޔަންމާގެ އަސްކަރީން ބަޣާވާތްކޮށް، އެގައުމުގެ މަދަނީ ސަރުކާރު ވައްޓާލައި ވެރިކަމަށް އަތްގަދަކުރީ މި ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ.

މަދަނީ ސަރުކާރު ވައްޓާލައި، އެ ސަރުކާރުގެ ވެރިޔާ އަންގް ސަން ސޫކީއާއި، ސަރުކާރުގެ ހުރިހާ ވެރިން ހައްޔަރުކޮށް، ޕާލަމެންޓް ހުރިހާ މެމްބަރުން ގޭގައި ބަންދުކޮށް، އަސްކަރީންވަނީ މިޔަންމާގައި އެއް އަހަރު ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

އަސްކަރީން ގެނައި ބަޣާވާތަށް މުޅި ދުނިޔެ ދެކޮޅު ހަދަމުންދާއިރު، އަސްކަރީ ވެރިންގެ އިންޒާރަށް ބެލުމެއްނެތި އާންމުންވަނީ މަގުތަކަށް ނުކުމެފައެވެ.

މިޔަންމާގެ ގައުމީ ޓީވީ، އެމްއާރްޓީވީން މިއަދު ބުނެފައިވަނީ، އަސްކަރީ ވެރިކަމާ ދެކޮޅު ހެދުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށެވެ. އަދި މަގުތަކަށް ނުކުންނަ މީހުން ހައްޔަރުކުރަން ފަށާނޭކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.