އޮކްސްފޯޑް-އެސްޓްރަޒެނެކާ ގުޅިގެން ތަރައްގީކޮށްފައިވާ ވެކްސިން، ކޮވިޑްބަލިން ފުރިހަމައަށް ދިފާއުކޮށްދޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޮސްޓްރޭލިއާއިން ހާމަކޮށްފިއެވެ.
އޮސްޓްރޭލިއާއިން މިކަން ހާމަކޮށްފައިވަނީ، ދެކުނު އެފްރިކާއިން ފެނިގެންއުޅޭ ކޮވިޑް ވައިރަހުގެ ވޭރިއެންޓް، އެސްޓްރަޒެނެކާގެ ވެކްސިނަށް ގުޑަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށްބުނެ، އެ ވެކްސިން ބޭނުންކުރުން ދެކުނު އެފްރިކާއިން ވަގުތީގޮތުން ހުއްޓާލުމާ ގުޅިގެންނެވެ.
އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރ ގްރެގް ހަންޓް ވިދާޅުވީ، އެސްޓްރަޒެނެކާގެ ވެކްސިނަކީ ކޮވިޑް ބަލިން ފުރިހަމައަށް ދިފާއުކޮށްދޭ ވެކްސިނެއް ކަމަށެވެ.
އޮސްޓްރޭލިއާއިން މިހާރުދަނީ، އެގައުމުގައި އެސްޓްރަޒެނެކާގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ތައްޔާރުވަމުންނެވެ.
އެގައުމުން މިދިޔަމަހުވަނީ، ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.
އޮސްޓްރޭލިއާގެ މުޅި އާބާދީގެ ދެބައިކުޅަ އެއްބަޔަށް ފުދޭވަރަށް ވެކްސިން ޑޯޒްތައް ހޯދުމަށް އެގައުމުން އޯޑަރު ޖަހާފައިވީ ނަމަވެސް، އޯޑަރުތައް ލިބުމުގައި ލަސްތަކެއްވަނީ ކުރިމަތިވެފައެވެ.
އޮސްޓްރޭލިއާގައި ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް މިމަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުން ދާއިރު، އޮސްޓްރޭލިއާއިން އުންމީދުކުރަނީ، ވެކްސިން ޕްރޮގްރާމް ފުރިހަމަ ވެގެންދާނީ އެސްޓްރަޒެނެކާގެ ވެކްސިނާވެސް އެކުގައެވެ.
އޮސްޓްރޭލިއާއިންވަނީ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ 53 މިލިއަން ޑޯޒްގެ ވެކްސިނަށް އޯޑަރުކޮށްފައެވެ. އޮސްޓްރޭލިއާއަށް ލިބޭ އެސްޓްރަޒެނެކާ ވެކްސިންގެ ގިނަ ޑޯޒްތައް އުފައްދާނީ އެގައުމުގެ ކުންފުންޏެއް ކަމަށްވާ ސީއެސްއެލްގައެވެ.