ކޮވިޑް-19 ބަލިމަޑުކަމާއި، އަލަށް ފެންނަމުންދާ ވައިރަހުގެ ވޭރިއެންޓްތަކުގެ ކިބައިން ސަލާމަތްވުމަށް އޮތް އެންމެ މޮޅު ދިފާއަކީ، ވީހާވެސް އަވަހަކަށް ވީހާވެސް ގިނަ ބަޔަކަށް ކޮވިޑްވެކްސިން ދިނުން ކަމަށް، ވައިރަސްގެ ޒަރީއާއިން ފެތުރޭ ބަލިތަކާބެހޭ، އެމެރިކާގެ އެންމެ އިސް ޑޮކްޓަރ، އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

އެމެރިކާގައި އެކަނިވެސް ގާތްގަނޑަކަށް 700 މީހުންނަށް، ތަފާތު ވޭރިއެންޓްތަކުގެ ޒަރީއާއިން ކޮވިޑްބަލި ޖެހިފައި ވެއެވެ. އޭގެތެރެއިން 690 މީހުންނަށް ބަލި ޖެހިފައިވަނީ އިނގިރޭސިވިލާތުން ފެނިފައިވާ ބީ117 ގެ ނަމުން ނަންދީފައިވާ ވޭރިއެންޓްގެ ޒަރީއާއިން ކަމަށް އެމެރިކާގެ ސިއްހީ އޮފިޝަލުން ޕްރެސް ކޮންފަރެންސެއްގައި ހާމަކޮށްފައި ވެއެވެ.

އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓަކީ މީހުންގެ މެދުގައި ވަރަށް ހަލުވިކަމާއެކު ކޮވިޑްބަލި ފަތުރާ ވޭރިއެންޓެކެވެ.

މި ވޭރިއެންޓްގެ ސަބަބުން އިނގިރޭސިވިލާތުގައި ކޮވިޑްބަލި ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާއިރު، މާޗްމަހާ ހިސާބަށް ދާއިރު، އެމެރިކާގައިވެސް އެންމެ ގިނަ މީހުންނަށް ބަލިޖެހޭނީ މި ވޭރިއެންޓްގެ ސަބަބުން ކަމަށް އޮފިޝަލުންވަނީ ލަފާކުރައްވާފައެވެ.

ވޭރިއެންޓްތަކަށް ޓެސްޓްކުރުން އެމެރިކާގައި އަދި އެހާ ފުޅާކޮށް ކުރިއަކަށް ނުގެންދެއެވެ. އެހެންވެ، އޮފިޝަލުން ހާމަކޮށްފައިވާ އަދަދަށްވުރެ ގިނަ މީހުންނަށް، ވޭރިއެންޓްގެ ސަބަބުން ބަލިޖެހިފައި ވެދާނޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ދުނިޔެއިން މީގެކުރިން ފެނިފައިވާ ތަފާތު ވައިރަސްތަކަކީވެސް މިއުޓޭޓްވާ ވައިރަސްތަކެވެ. ނުވަތަ ގިނަ ދުވަސްވާ ވަރަކަށް އޭގެ ހާލަތު އަމިއްލައަށް ބަދަލުކުރާ އެއްޗެވެ.

އެހެން ނަމަވެސް، ކޮވިޑް-19 ވައިރަސް މިއުޓޭޓްވެ، އުފެދެމުންދާ އައު ވޭރިއެންޓްތައް މީހުންގެ މެދުގައި ވަރަށް ހަލުވިކަމާއެކު ބަލިފަތުރައި، އަދި އެފަދަ ވޭރިއެންޓްތައް އިންސާނުންނަށް އިތުރު ނުރައްކާތަކާ ކުރިމަތި ކޮށްފާނެ ކަމަށްޓަކައި ސައިންސްވެރިން ތިބީ ވަރަށް ކަންބޮޑުވެފައެވެ.

ބުނެވޭގޮތުގައި، ކޮވިޑް-19 ވައިރަހުގެ ތަފާތު 4،000 ވޭރިއެންޓް މިހާރު ދުނިޔޭގައި އެބައުޅެއެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލަޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑިރެކްޓަރ، ޑރ. އެންތަނީ ފައުޗީ ވިދާޅުވީ، އިތުރު ދިރާސާތަކެއް ހަދަން ވަގުތު ނަގާނެ ކަމަށާއި، މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ކޮންމެ މީހަކުވެސް ދެޑޯޒް ވެކްސިން ޖެހުން ކަމަށެވެ.

ފައުޗީވަނީ، ވީހާވެސް އަވަހަކަށް ވީހާވެސް ގިނަ ބަޔަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށާއި، އަދި ކަނޑައެޅިފައިވާ ވަގުތަށް ދެވަނަ ޑޯޒްވެސް ދިނުމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.

އެމެރިކާގައި ކޮވިޑަށް ވެކްސިން ދޭން ފެށިގެން މިހާތަނަށް، އުމުރުން 65 އަހަރުންމަތީގެ މީހުންނަށް 17 މިލިއަން ޑޯޒްގެ ވެކްސިން ދީފައިވާ ކަމަށް، ވައިޓްހައުސްގެ ކޮވިޑް-19 ރެސްޕޮންސް ޓީމުގެ ސީނިއަރ އެޑްވައިޒަރ އެންޑީ ސްލަވިޓް ވިދާޅުވިއެވެ.

ހަމަ އެއާއެކު، މިހާތަނަށް އެމެރިކާގެ 31 މިލިއަން މީހުންނަށް 41 މިލިއަން ޑޯޒްގެ ވެކްސިން ދެވިފައިވާ ކަމަށް، އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސީޑީސީގެ ޑިރެކްޓަރ ވަނީ، މާސްކް އަޅައިގެން އުޅެން އެމެރިކާގެ އާންމުންނަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ. އަދި މާސްކް އެޅުމާބެހޭ އުސޫލަށް ލުއިނުދޭން ސްޓޭޓްތަކުގެ ކިބައިންވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އެމެރިކާގެ އައު ރައީސް ޖޯ ބައިޑެންގެ ސަރުކާރުން، އެމެރިކާގެ ރައްޔިތުންގެ ކިބައިން އެދިފައިވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ނިމެންދެން އެންމެންވެސް މާސްކް އަޅައިގެން އުޅުމަށެވެ.