މިއީ މަންމަން ކުއްޖެއްގެ ހަޔާތުގެ ތެރެއިން އެކުއްޖާއަށް ކުރެވޭ އިހްސާސްތައް މުޖުތަމަޢުއަށް ހާމަކޮށްދިނުގެ ބޭނުމުގައި ލިޔެފައިވާ ހަޤީޤީ ވާހަކަ ކޮޅެކެވެ.

އަހަރެން ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު ފިލާވަޅު ދަސްނުކޮށްގެން ފިލާވަޅު ދަސްނުކުރާ ކުދިންނާއެކު އެއްދުވަހަކު ސްކޫލު ނިމުމުން އަހަރެން ސްކޫލްގައި ކޮޅަށް ބެހެއްޓި. އަދި އަހަރެންގެ މަންމައަށްގުޅައި އެއްދުވަހުވެސް ދޭ ފިލާވަޅު ޓީޗަރަށް ނުކިޔައިދޭކަމަށް ބުނެ ބައްދަލުކުރުމަށް އެދުނު. އެއީ އަހަރެމެން ރަށު ޓީޗަރެއް. އޭރުވެސް ޓީޗަރަކަށް އަހަރެންނަކީ މަންމަން ކުއްޖެއްކަމެއް ނޭނގެ. ޓީޗަރަށް މިވާހަކަތައް ކިޔައިދޭނެ ގޮތެއްވެސް އަހަރެންނަކަށް ނޭގުނު. އަހަރެން ވަރަށް ދެރަވި

(2 ފެބްރުއަރީ 2021 އާ ގުޅޭ)

މަންމަ ފެނުމާއެކު އަހަރެންނަށް ރޮވުނެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. ޓީޗަރަށް ނޭގުނަސް މަންމައަށް އަހަރެންގެ ހުރިހާ އިހްސާސެއްވެސް އެނގޭނެއެވެ. އެހެންކަމުން މަންމަގޮސް ޓީޗަރާއި ބައްދަލުކޮށް އަހަރެންނަކަށް ޓީޗަރަކަށް ދުވަހަކުވެސް ފިލާވަޅެއް ނުކިޔައިދެވޭނެ ކަމަށާއި، އަހަރެންނަކީ މަންމަން ކުއްޖެއްކަމަށް ބުންޏެވެ. އަދި މިކަން ސްކޫލަށްވެސް އެނގޭނެ ކަމަށާއި، ޓީޗަރަށް ނޭގުމުން އެކަމާ ހިތާމަކުރާ ކަމަށްވެސް ބުންޏެވެ.

މިވާހަކަތައް މަންމަ ޓީޗަރަށް ކިޔައިދިނުމާއެކު ޓީޗަރު ހައިރާންވެ އިނދެ މަންމައާއި ދިމާލަށް ބަލާލިއެވެ. އަދި ބުންޏެވެ. މިވީހާދުވަސް ވީއިރުވެސް އަހަރެންނަކަށް އެއީ މަންމަން ކުއްޖެއްކަމެއް ނޭނގެއެވެ. މަޢާފްކުރާށެވެ. އަދި އަހަރެން މަންމައާއެކު ގެއަށް ފޮނުވާލިއެވެ. އެދުވަހަށްފަހު ޓީޗަރު އަހަރެންނަށް ވަރަށް ރަނގަޅެވެ. ކަމޭހިތައެވެ. އެހެން ކުދިންނާއި އަހަރެންނާއި ދެމެދު ތަފާތު ކުރުމެއް ނުބާއްވައެވެ.

**

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ގްރޭޑަކަށްފަހު ގްރޭޑެއް ގިރާކުރަމުން އަހަރެންނަށް ގްރޭޑް 7 ގައި ތިން އަހަރު ރިޕީޓްވާން ޖެހިއްޖެއެވެ. އެއަށްވުރެ މައްޗަށް އަހަރެންނަށް ދެވޭކަށެއް ނެތެވެ. ސްކޫލުން ބުނަމުންދިޔައީ އަހަރެންނަކީ މަންމަން ކުއްޖަކަށްވުމުން އެންމެ މައްޗަކަށްވެސް ގެންދެވެން އޮތީ ގްރޭޑް 7 އާއި ހަމައަށް ކަމަށެވެ. އެހެންކަމުން އަހަރެންނަށް ޖެހުނީ ގްރޭޑް 7 ނިންމާ ސްކޫލުން ވަކިވާށެވެ. އެދުވަހު އަހަރެން ވަރަށް ދެރަވިއެވެ. ވަރަށް ރޮއެ ހިތާމަކުރީމެވެ. އެއީ އެހެން ކުދިންފަދައިން އަހަރެންވެސް ކިޔަވަން ބޭނުންވާތީއެވެ. ނަމަވެސް އޭރަކު ނުކުޅެދޭ ކުދިންނަށް ވަކި ކުލާހެއް ހެދިފައެއް ނެތެވެ. ކުރާނީ ކީއްތޯއެވެ. ކިތަންމެ ކިޔަވާ ހިތްވިޔަސް މިއަދު ޖެހުނީ ކިޔެވުމުގެ މަރުހަލާ ވަކި ހިސާބަކުން ނިންމާލާފަ ގޭގަ ހުންނާށެވެ.

ނަމަވެސް އަހަރެންނަކީ މުރާލި މީހެއްކަމުން މަންމަމެންނާއި ރައްޓެހިންވެސް އަހަރެންނަށް ވަރަށް ކަމޭ ހިތައެވެ. ވަރަސް ރަނގަޅެވެ. އެއީ ގޭގައި ކުރާ ހުރިހާ މަސައްކަތެއްހެން އަހަރެން އަމިއްލައަށް ފެނިގެން ކުރާތީއެވެ. އަދި އާއިލާގެ އެހެން ކުދިންވެސް އަހަރެންނަށް ވަރަށް އޯގާތެރިއެވެ. އެހެންކަމުން ރަށުގެ ބަޔަކު މެދުވެރިވެގެން އަހަރެންފަދަ ނުކުޅެދޭ މީހުންނަށް އެހީވާ ޖަމިއްޔާއަކުން އަހަރެންނަށް ފަހާފޮށްޓެއް ހަދިޔާކުރިއެވެ. އަދި އަހަރެން ރަށުގައި ހިންގި ފަހަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވެ ފަހަން ދަސްކޮށް އާއިލާކުދިންނާއި ރައްޓެހިންގެ ހެދުން ފަހައިދޭން ފެށީމެވެ. އަދި ރަށުގައި ކުޅޭ ސަޤާފީ ކުޅިވަރުތަކުގައި އެހެން އަންހެން ކުދިންނެކޭ އެއްގޮތަށް އަހަރެވެސް ހަރަކާތްތެރިވާން ފެށީމެވެ. އެހެން މީހުންނެކޭ އެއްފަދައިން ބެރަށް ފައިހަމަކޮށް ނަށަމެވެ. ބަލާމީހަކަށް އަހަރެންނަކީ އަޑުނީވޭ މީހެއްކަމުގެ އިހްސާސެއް ނުކުރެވޭނެއެވެ. އެހާ ފުރިހަމައަށެވެ. ހަމައެހެންމެ މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންވެސް އަހަރެން ބާކީއެއް ނުކުރެއެވެ. ވަރަށް ރަނގަޅެވެ. ރަށުގެ އަންހެނުން އިސްނަގައިގެން ކުރާ ކޮންމެ ކަމެއްގައިވެސް އަހަރެން ބައިވެރި ކުރުވައެވެ.

ނަމަވެސް އަބަދަކު އަހަރެންގެ ކައިރިއަކު އެކުޅުނު ރައްޓެހިންނެސްވެސް ނުތިބޭނެއެވެ. އެމީހުންވެސް ޒަވާޖީ ހަޔާތެއް ފަށާނެއެވެ. ކޮންމެ މީހަކަށްވެސް މިދުވަސް އަންނާނެއެވެ. އެ އުފާވެރި ދިރިއުޅުން އުޅެން ބޭނުންވާނެއެވެ.

**

އަހަރެންނާއި އެއްފުރައިގެ ކުދިންނާއި އަދި އަހަރެންނަށްވުރެ އުމުރުން ހަގު ކުދިން ޒަވާޖީ ހަޔާތެއްފަށައި ދަރިން ލިބުމުން އަހަރެން ވަރަށް ދެރަވެއެވެ. ހިތަށް އަރައެވެ. އަހަރެންނަށްވެސް މިދުވަސް އަންނާނެ ނަމައެވެ. އެހެން ނަމަވެސް އާއިލާއާއި ރައްޓެހިންނާއި އަދި ރަށުގެ އެންމެހާ ރައްޔިތުންގެ ކިބައިންވެސް އޯގާތެރިކަމާއި ހަމްދަރުދީ އަބަދުވެސް އަހަރެންނަށް ލިބޭކަމުގެ އިހްސާސް ކުރެވެއެވެ. އެއްބަނޑު އެއްބަފާ ކަމެވެ. ނަމަވެސް އަހަރެން މިވަރަކުން ހިތްހަމައެއް ނުޖެހުނެވެ. އެހެން މީހުންނެކޭ އެއްފަދައިން މިއަދު ހެޔޮލަފާ ފިރިއަކާއެކު އަހަރެންވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުމެވެ. ނަމަވެސް އަހަރެންނާއި ރައްޓެހިވަނީ މުޅިންވެސް ތާކުންތާކުނުޖެހޭ މީހުންނެވެ. މިގޮތުން ދެފަހަރެއްގެ މަތިން އަހަރެން ދެމީހަކާއި ރައްޓެހިވީމެވެ. ނަމަވެސް އެއިން އެކަކަށްވެސް އަހަރެންގެ އާއިލާ ޤަބޫލެއް ނުވިއެވެ. އެއީ އެމީހުން އަހަރެން ބާކީކުރަން ބޭނުންނުވާތީއެވެ. ސަބަބެއް ވެއެވެ. އެއިން އެކަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނިމިފައިވާ އަހަރެމެންގެ އަތޮޅާއި މާ ދުރު އަތޮޅެއްގެ މީހެކެވެ. އަނެއް މީހަކީ އަހަރެންނަށްވުރެ މާދޮށި އަހަރެންގެ މަންމަ އުމުރުފުރައިގެ މީހެކެވެ. އަހަރެން ވަރުގެ ކުދިންވެސް އެމީހާގެ ތިބެއެވެ.

އަހަރެން އެމީހާގެ އެދުމަށް އެމީހާއާއި އިންނަން ބޭނުންވިއެވެ. ނަމަވެސް އެކަމާ އަހަރެންގެ މައިންބަފައިން ރުޅިއައެވެ. އެކަމާ ނުގަބޫލުވިއެވެ. އަދި އެކަން ނުކުރެވޭނެ ކަމަށާއި އެއީވެސް އުޅުން ރަނގަޅު މީހެއް ނޫންކަމަށް އާއިލާއިން ބުނަމުން ދިޔައެވެ. އަދި ބުންޏެވެ. ކޮންމެވެސް ދުވަހަކުން ރަނގަޅު މީހަކު ލިބިދާނެއެވެ. ނަމަވެސް އަހަރެން އުޅެންޖެހޭނީ މަންމަމެން ކައިރީ ހަމަ މިގޭގައެވެ. އާއެކެވެ. އަހަރެންގެ މައިން ބަފައިން އަހަރެންނަށް ވަރަށް ކަމޭހިތައެވެ. އެއްވެސް މަޔަކު އަދި ބަފަޔަކު އެމީހެެއްގެ ދަރިއެއް އަދި އަނމުދުން ނުކުޅެދޭ ކުއްޖަކު އެމީހުންގެ ލޯމަތިން ގެއްލިގެންދާކަށް ބޭނުމެއް ނުވާނެއެވެ. ގޮސްފިނަމަ ގެއްލުނީއެވެ. ވާހަކަ ދެއްކޭނެގޮތެއް ނެތެވެ. ހާލު ބަލާލެވޭނެގޮތެއް ނެތެވެ. އަޑެއް ނީވެއެވެ.

އަހަރެން މިއަދު މި އިންތިޒާރުކުރަމުން މިދަނީ އަހަރެންނަށް އުފާވެރި ޒަވާޖީ ހަޔާތެއް ފެށޭނެ ދުވަހަކަށެވެ. އަހަރެން ގޮވައިގެން މައިންބަފައިންގެ ގޭގައި އުޅެވޭނެ ހެޔޮލަފާ ރަނގަޅު ފިރިއަކަށެވެ. މިއީ މިއަދު އަހަރެންނަށް ކުރެވޭ އެންމެ ބޮޑު އިހްސާސެވެ. މަންމަނެއްކަމަކު ކުރާ ހިތުގެ އާދޭހެކެވެ. (ނިމުނީ)