ފިލްމު "ދާކަދް" ގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދާ ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލް އާ ޕްރޮޖެކްޓަކަށް ސޮއިކޮށްފިކަމަށް ބޮލީވުޑް ޚަބަރުތައް ބުނެފިއެވެ.

"ދަ ރޭޕިސްޓް" ނަމަކަށް ކިޔާ ފިލްމުގައި އަރުޖުންއާއެކު ފެނިގެންދާނީ މުޅީންވެސް ތަފާތު ރޯލަކުތައް ކުޅެގެން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާ ކޮންކޮނާ ސޭން ޝަރުމާއެވެ.

މިފިލްމަކީ 2013 ވަނަ އަހަރު މިދެތަރިން އެކީގައި ފެނިގެންދިޔަ ވިނޯދް މިތްރާގެ ފިލްމު "މެރީޑިއަން ލައިންސް" އަށް ފަހު ދެމީހުން އެކީގައި ފެނިގެންދާނެ ދެވަނަ ފިލްމެވެ.

އެޕްލޯސް އެންޓަޓެއިންމެންޓްއިން ގެނެސްދޭ "ދަ ރޭޕިސްޓް" ޑައިރެކްޓްކުރާނީ ބަތަލާ ކޮންކޮނާގެ މަންމަގެ އަދި ބެންގާލީ ފިލްމު އުފައްދާ ފަރާތެއްކަމަށްވާ އަޕަރްނާ ސެންއެވެ.

އަޕަރްނާ ސެންއަކީ އިންޑިއާގެ ބެންގާލީ ސިނަމާއަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވުމުގެ އިތުރުން އިންޑިއާގެ ސަރުކާރުންދޭ ޕަދްމާޝްރީ އެވޯޑްވެސް ހާސިލްކޮށްފައިވާ ފަރާތެކެވެ.

ފިލްމު "ދަ ރޭޕިސްޓް" އަކީ އިންޑިއާގެ މުޖްތަމައުގައި ހިނގާ ރޭޕްކުރުމުގެ މައްސަލަތަކުގެ މައްޗަށް ބިނާކޮށްގެން ތައްޔާރުކުރާ ފިލްމެކެވެ.

މިފިލްމުގެ ވާހަކަ ބޮޑަށް ބިނާކޮށްފައިވަނީ މުޖްތަމައުގައި ރޭޕްއަށް ހުށަހެޅޭ މައްސަލަތައް އުފެދެނީ ކިހިނެއްކަމާއި، އެ މުޖްތަމައެއް އެކަމަށް ޒިންމާނަގަން ޖެހޭ މިންވަރުގެ އިތުރުން ރޭޕްގެ ހާދިސާތަކަށްފަހު އަންހެނުން ތަހައްމަލުކުރާ ހިތްދަތި ދިރިއުޅުމުގެ މައްޗަށެވެ.

މިފިލްމުގެ ޕްރޮޑަކްޝަން މިވަގުތު ފެށިފައިވާއިރު ރަސްމީކޮށް މިފިލްމުގެ ޝޫޓިންގް ފަށާނީ މިއަހަރުގެ މާރޗް މަހުކަމަށް ޚަބަރުތައް ލިބެއެވެ.