ފިލްމު "އޭ.ބީ.ސީ.ޑީ"ގެ ޑައިރެކްޓަރު އަދި ކުޅަދާނަ ނެށުންތެރިޔާ ރެމޯ ޑިސޫޒާ އުފައްދަން ތައްޔާރުކުރާ ފިލްމުގެ މެއިން ލީޑްއިން ފެނިގެންދާނީ ކުޅަދާނަ ނެށުންތެރިއެއްކަމަށް ރެމޯ ބުނެފިއެވެ.
2013 ވަނަ އަހަރު ނެރުނު "އެނީބޮޑީ ކޭން ޑާންސް" ފިލްމުގެ ޑައިރެކްޓަރު މިކަން ހާމަކޮށްފައިވަނީ ފިލްމު ނެރުނުތާ 8 އަހަރު ފާހަގަކުރުމަށް ބޭއްވި ކުޑަ ހަފްލާއެއްގައި އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުގައެވެ.
ފިލްމު "އޭ.ބީ.ސީ.ޑީ" އަށްފަހު 2015 ވަނަ އަހަރު އޭނާވަނީ މީގެ ދެވަނަ ބައެއް ރިލީޒްކޮށްފައެވެ. އެފިލްމުގައި މެއިން ލީޑް ކުޅެފައިވަނީ އެކްޓަރު ވަރުން ދަވަން އަދި ބަތަލާ ޝްރަދާ ކަޕޫރުއެވެ.
މިފްރެންޗައިޒްގެ 3ވަނަ ބައެއް ނެރުމުގެ ޚިޔާލު އަބަދުވެސް އޭނާ ގެންގުޅޭކަމަށް ރެމޯވަނީ ބުނެފައެވެ.
މީގެ 3 ވަނަ ބައެއްގެ ސްކްރިޕްޓްވެސް ގާތްގަނޑަކަށް ނިމުމަކާ ކައިރިވެފައިވާއިރު ފިލްމުގެ ޓައިޓްލް ނަން މިވަގުތުވަނީ ޑިޒްނީ ޕިކްޗަރސްއިން ނަގާފައެވެ.
މިވަގުތު ކާމިޔާބު ކޮރިއޮގްރާފަރ މަސައްކަތްކުރަނީ ފިލްމުގެ ނަން އަލުން އަނބުރާ އޭނާއަށް ލިބޭނެ ގޮތަކާ ދޭތެރޭއެވެ.
މިފިލްމަށް "އެބީސީޑީ-3" ގެ ނަމުން ނަން ދިނަސް ފިލްމުގެ މެއިން ލީޑްއިން މިފަހަރު ފެނިގެންދާނީ ހުނަރުވެރި ނެށުންތެރިއެއް ކަމަށް ރެމޯވަނީ ބުނެފައެވެ.
ނެށުމާ ގުޅުންހުރި ގިނަ ޝޯވްތަކެއްގެ ފަނޑިޔާރުކަން ކޮށްފައިވާ ރެމޯވަނީ އޭނާ ފަނޑިޔާރުކަންކޮށްފައިވާ ޝޯވްތަކުން ފާހަގަކޮށްލެވޭ ގިނަ ހުނަރުހުރި ކުދިންތަކެއް އިންޑިއާގެ ސިނަމާއަށް ނެރެ އެފަރާތްތައް ކުރިއަށްދާނެ މަގު ހޯދައިދީފައެވެ.
ޚާއްސަކޮށް ބޮލީވުޑުގައި ފަނޑުވެފައިވާ ނެށުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސް އެދާއިރާ އަލުން ކޮޅަށް ޖަހައިދިނުމުގައި ރެމޯވަނީ ވަރަށް ބޮޑު ރޯލެއް އަދާކޮށްފައެވެ.
ރެމޯ އުފައްދާފައިވާ ފްރެންޗައިޒް ފިލްމުތަކުގައިވެސް މުހިއްމު ރޯލްތަކުން ފެނިފައިވަނީ ކުރިން ފާހަގަކޮށްލެވުނު ފަންނާނުންނެވެ.
ދާދިފަހުން ރެމޯވަނީ "ސްޓްރީޓް ޑާންސް-ތްރީ ޑީ" ގެ ނަމުގައި ފިލްމެއް އުފައްދާ ރިލީޒްކޮށްފައެވެ.
މިފިލްމުގެ މުހިއްމު ރޯލްއިން ފެނިފައިވަނީ އެކްޓަރު ވަރަން ދަވަން، ބަތަލާ ޝްރަދާ ކަޕޫރް އަދި މިހާރު އަރަމުން އަންނަ ނެށުންތެރިޔާ ނޯރާ ފަތްހީއެވެ.