އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ސެނޭޓްގައި އިމްޕީޗްމަންޓް ޝަރީއަތް ފަށައިފިއެވެ.

މައްސަލައިގެ ބަހުސް ސެނޭޓްގައި މިހާރު ފެށިގެން ކުރިއަށްދާއިރު، އެންމެ ފުރަތަމަ ބަހުސް ކުރަމުން ގެންދަނީ، ކުރީގެ ރައީސަކާ ދެކޮޅަށް ސެނޭޓްގައި ޝަރީއަތް ކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެންވޭތޯއާ މެދުގައެވެ.

މިކަމަށް ހަތަރު ގަޑިއިރުގެ ބަހުސްގެ ވަގުތު ކަނޑައެޅި، ބަހުސް މިހާރު ފެށިފައިވާއިރު، ބަހުސަށްފަހު މައްސަލައާއިގެން ކުރިއަށް ދިއުމާމެދު ވޯޓަކަށް އަހާނެއެވެ.

މައްސަލައާއިގެން ކުރިއަށް ދިއުމަށް ސިމްޕަލް މެޖޯރިޓީއަކުން ފާސްވެއްޖެނަމަ، މައްސަލަ ހުށަހަޅާ ފަރާތާއި، ޓްރަމްޕްގެ ދިފާއީ ޓީމަށް ބަޔާންތަކާއި، ހެކިތައް ހުށަހަޅަން 16 ގަޑިއިރުގެ ވަގުތު ލިބޭނެއެވެ.

ނޮވެމްބަރުމަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑެން ހޯއްދެވި ކާމިޔާބީ ބަދަލުކުރަން ޓްރަމްޕް މަސައްކަތް ކުރެއްވި ކަމާއި، އެކަމާ ގުޅޭގޮތުން ހަގީގަތާ ޚިލާފް ދޮގު މައުލޫމާތު ޓްރަމްޕް ހާމަކުރައްވަމުން ގެންދެވުމާއި، އިލެކްޓޯރަލް ކޮލެޖް ވޯޓު ސެޓިފައި ކުރުމަށް ކޮންގްރެސްގެ ޖަލްސާ ޖެނުއަރީ 6 ގައި ބޭއްވި ވަގުތާ ދިމާކޮށް، ޓްރަމްޕްގެ ގޮވާލެއްވުމަށް އޭނާ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ހަމަލާދީ، ބޮޑެތި ގެއްލުންތައް ދިން މައްސަލަވެސް، ހައުސް އިމްޕީޗްމަންޓް މެނޭޖަރުން ސެނޭޓަށް ހުށަހަޅުއްވާނެއެވެ.

ޓްރަމްޕްގެ ދިފާއީ ޓީމުން ތައްޔާރު ވެފައިވަނީ، ވެރިކަމުގައި ނެތީސް ޓްރަމްޕްގެ މައްޗަށް ސެނޭޓުގައި ޝަރީއަތް ހިންގުމަށް ގާނޫނުއަސާސީ ތަން ނުދޭކަމަށް ހުށަހެޅުމަށެވެ. ހަމަ އެއާއެކު، ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ޓްރަމްޕް ދައްކަވަމުން ގެންދެވި ވާހަކަތަކަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ތެރެއިން ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ހުށަހެޅުމަށެވެ.

މަގާމުގައި ނެތަސް، ޓްރަމްޕްގެ މައްޗަށް ސެނޭޓުގައި ޝަރީއަތް ހިންގޭނޭ ކަމަށާއި، އެކަމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް މިހާރު ވެރިކަމުގައި އޮތް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުން ވިދާޅުވަމުން ގެންދަވާއިރު، ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ގިނަ މެމްބަރުން ވިދާޅުވަނީ، އެކަން ނުކުރެވޭނޭ ކަމަށެވެ.

ކޮންގްރެސް އިމާރާތްދޮށަށް މީހުން އެއްވާން ގޮވައި އަދި ޓްރަމްޕް ދެއްވި ހިތްވަރުގެ ސަބަބުން އޭނާގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ހަމަލާދިނުމުގައި ޓްރަމްޕްގެ އިހުމާލު އޮތްކަން ސާބިތުވެ، ޓްރަމްޕް އިމްޕީޗްކުރަން އެމެރިކާގެ ހައުސްއިން ފާސްކޮށްފައިވަނީ ޖެނުއަރީމަހުގެ 13 ވަނަ ދުވަހުއެވެ.

ޓްރަމްޕް އިމްޕީޗްކުރަން ހައުސްގެ ރިޕަބްލިކަން ބައެއް މެމްބަރުންވެސް ވޯޓު ދެއްވާފައި ވެއެވެ.

ސެނޭޓްގައި ޝަރީއަތް ކުރިއަށް ގެންދެވޭގޮތްވެ، ޝަރީއަތަށްފަހު، ޓްރަމްޕް ކުށްވެރިވާ ކަމަށް ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ ޓްރަމްޕަށް ދެން ދުވަހަކުވެސް އެމެރިކާގެ ރައީސްކަމަށް ކުރިމަތި ނުލެއްވޭނެއެވެ.

ރިޔާސީ އިންތިޚާބުން ބަލިވެވަޑައި ގަތްފަހުން ޓްރަމްޕް ގެންދެވީ 2024 ގައި ވެރިކަމަށް އަލުން ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ. އަދި އެކަމަށް މަސައްކަތްތަކެއްވެސް ފަށްޓަވާފައި ވެއެވެ.