5 އަންހެނެއްގެ ހަޔާތުގައި ދިމާވާ ތަފާތު އެކި ގޮން ޖެހުންތަކުގެ މައްޗަށް ބިނާކޮށްގެން ނެޓްފްލިކްސްއިން ތައްޔާރުކުރާ ޑްރާމާ ސީރީސް "ބޮމްބޭ ބޭގަމްސް" މިއަންނަ މާރޗްމަހުގެ 8 ވަނަ ދުވަހު ރިލީޒްކުރުމަށް ނެޓްފްލިކްސްއިން ނިންމައިފިއެވެ.

ޑްރީމް ސިޓީގެ ނަމުން މަޝްހޫރުވެފައިވާ އިންޑިއާގެ "މުމްބާއީ" ގައި ދިރިއުޅޭ 5 އަންހެނަކު އެމީހުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް މިސީރީޒްއިން ވަރަށް ރަގަޅަށް ފެނިގެންދާނެއެވެ.

ސީރީސްއިން ފެނިގެންދާ ފަސް ބަތަލާއިންނަކީ، މަޝްހޫރު ބަތަލާ އަދި ފިލްމު ޕްރޮޑިއުސަރ ޕޫޖާ ބަޓްގެ އިތުރުން ދާދިފަހުން ނެޓްފްލިކްސްއިން ގެނެސްދިން ސީރީޒް "ދަ ސުއިޓަބްލް ބޯއި" އިން ފެނިގެންދިޔަ ބަތަލާ ޝަހާނާ ގޯސްވާމީއާއި، އަމްރުތާ ސުބާޝްއެވެ.

މިސީރީސްއިން ފެނިގެންދާ އެކްޓަރުންގެ ތެރޭގައި އެކްޓަރު ރާހުލް ބޯސް، ވިވެކް ގޯމްބަރ އަދި ދަނިޝް ހުސެއިން ހިމެނެއެވެ.

މިސީރީސްއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޑައިރެކްޓަރު އަލަންކްރިތާ ޝްރިވަސްތަވާ ބުނެފައިވަނީ މިސީރީސްގެ ޒަރީއާއިން އިންޑިއާއިން ބޭރުގައި ދިރިއުޅޭ އިންޑިއާއަށް ނިސްބަތްވާ ގިނަ އަންހެނުން އެކަކު އަނެކަކަށް ގުޅުން ބަދަހިކުރާނެކަމަށް އޭނާ އުއްމީދުކުރާ ކަމަށެވެ.

މީގައި ބޮޑަށް ދައްކުވައިދޭނީ އާމްދަނީ ހޯދުމަށް މަސައްކަތްކުރާ އަންހެނުންތަކެއް އެމީހުންގެ ހައްޤު ހޯދުމަށް ކުރާ މަސައްކަތްތަކެވެ. އަދި މިއަދުގެ ދުނިޔޭގައި ކޮންމެ މުޖްތަމައެއްގައިވެސް މިފަދަ އަންހެނުން އުޅޭ ކަމަށާއި އެމީހުންގެ ގުރުބާނީތައް އަގުވަޒަންކުރުން އެއީ މުހިއްމު ކަމެއްކަމަށް ގިނަ ބަޔަކަށް އަންގައިދިނުމަކީވެސް މިސީރީސް އުފެއްދުމުގެ މައިގަނޑު އެއް ސަބަބުކަމަށް އޭނާވަނީ ބުނެފައެވެ.

މިސީރީޒް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެންނެވެ.