ބޭރު ގައުމުތަކުން އިނގިރޭސިވިލާތަށް އަންނަ ދަތުރުވެރިންގެ ތެރެއިން ކަރަންޓީނު އުސޫލާ ޚިލާފްވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރުމަށާއި، ދިގު މުއްދަތަކަށް ޖަލަށްލުމަށް އިނގިރޭސި ސަރުކާރުން ނިންމާއިފިއެވެ.

އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް ވައިރަހުގެ އައު ވޭރިއެންޓްގެ ސަބަބުން ހަލުވިކަމާއެކު ބަލި ފެތުރެމުންދާތީ އެކަން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް މިހާރުވަނީ އިތުރަށް ހަރުކަށި ކޮށްފައެވެ.

އެގޮތުން، ބޭރުން އަންނަ ދަތުރުވެރިންގެ ތެރެއިން، ކަރަންޓީނު އުސޫލާ ޚިލާފްވާ ފަރާތްތައް 10،000 ޕައުންޑުން (13،800 އެމެރިކާ ޑޮލަރުން) ޖޫރިމަނާ ކުރުން ނުވަތަ 10 އަހަރަށް ޖަލަށް ލުމުގެ އަދަބު ދިނުމަށް އިނގިރޭސި ސަރުކަރުން މިހާރުވަނީ ނިންމައި، އެކަން އިއުލާން ކޮށްފައެވެ.

އިނގިރޭސި ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއަރއިން ބުނެފައިވަނީ، އަލަށް އެކަށައެޅި ފިޔަވަޅުތަކަށް އަމަލު ކުރަން ފަށާނީ މި ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އަލަށް އެކަށައެޅި އުސޫލުގައި ބުނެފައިވަނީ، ބޭރު ގައުމުތަކުން އަންނަ ދަތުރުވެރިން ކަރަންޓީނު ވާންޖެހޭނީ ސަރުކާރުން ކަނޑައަޅާ ހޮޓާތަކުގައި ކަމަށެވެ.

އިނގިރޭސި ހެލްތު މިނިސްޓަރ މެޓް ހެންކޮކް ވިދާޅުވީ، މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހުނީ، ބަލި ފެތުރުން ހުއްޓުވަން ސަރުކާރުން ކުރަމުންދާ ބުރަ މަސައްކަތްތަކުން ލިބެމުން އަންނަ ކުރިއެރުން ހިމާޔަތް ކުރުމަށް ކަމަށެވެ.

އިނގިރޭސި ސަރުކާރުން މިއަދު ބުނެފައިވަނީ، ދުނިޔޭގެ ކޮންމެ ތާކުންވިޔަސް، އިންގްލެންޑަށް އަންނަ ކޮންމެ މީހަކު ކޮވިޑްގެ ދެ ޓެސްޓް ހަދަންޖެހޭނޭ ކަމަށެވެ. 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތުގެ ތެރެއިން ޓެސްޓް ހަދަންޖެހެނީ ދެވަނަ ދުވަހާއި އަދި އަށްވަނަ ދުވަހުއެވެ.

ބޭރު ގައުމުތަކުން އިނގިރޭސިވިލާތަށް ދާ ހުރިހާ އެންމެން މިހާރުވެސް، އެމީހަކު ފުރުމުގެ ތިންދުވަސްކުރިން ހަދާފައިވާ ކޮވިޑް ޓެސްޓްގެ ނެގަޓިވް ނަތީޖާ ހުށަހަޅަންޖެހެއެވެ.

އަދި ކޮންޓެކްޓް ޓްރޭސިން ހެދުމަށްޓަކައި ކޮންޓެކްޓް މައުލޫމާތާއި، ދަތުރުތަކުގެ ތާރީޚް ހުށަހަޅަންޖެހެއެވެ.

ނަމަވެސް، އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ "ރެޑްލިސްޓް" ގައި ހިމެނޭ ގައުމުތަކުން، އެގައުމަށް އަންނަ މީހުން ޖެހެނީ "ކަރަންޓީނު ޕެކޭޖެއް" ގަންނާށެވެ.

"ރެޑްލިސްޓް" ގައި ހިމެނެނީ، ފުޅާދާއިރާއެއްގައި ކޮވިޑްބަލި ފެތުރެމުންދާ ގައުމުތަކާއި، އަދި މީހުންގެ މެދުގައި ހަލުވިކަމާއެކު ބަލިފަތުރާ ވޭރިއެންޓް ފެނިފައިވާ ގައުމުތަކެވެ.

"ކަރަންޓީނު ޕެކޭޖް" ގައި ޓެސްޓްތަކުގެ ޚަރަދާއި، ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރާ ހޮޓަލުގެ ޚަރަދުތައްވެސް ހިމަނާފައި ވެއެވެ.

ބޭރު ގައުމުތަކުން އަންނަ މީހުން ކަރަންޓީނުވުމަށް އިނގިރޭސި ސަރުކާރުން މިހާތަނަށްވަނީ 16 ހޮޓަލެއް ކަނޑައަޅާފައެވެ. އެ ހޮޓާތަކުގައި 4،600 ކޮޓަރި ހިމެނެއެވެ.

"ރެޑްލިސްޓް" ގައި ނުހިމެނޭ ގައުމުތަކުން އަންނަ ދަތުރުވެރިން ޖެހެނީ 10 ދުވަހަށް ސެލްފް-އައިސޮލޭޓް ވާށެވެ.