ކޮވިޑް-19 ބަލީގައި މަރުވާ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް ވަޅުލުމުގެ ހުއްދަދޭން ސްރީލަންކާ ސަރުކާރުން އެންމެފަހުން ނިންމައިފިއެވެ.
ކޮވިޑް ބަލީގައި މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ވަޅުލުމުގެ ހުއްދަ ދޭން ސްރީލަންކާ ސަރުކާރުން މިނިންމީ، ކޮވިޑްބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދަން ނިންމި މައްސަލާގައި ސްރީލަންކާގެ މުސްލިމުންނާއި، އިސްލާމީ އެތައް ގައުމެއްގެ ދެކޮޅުހެދުންތަކާ ކުރިމަތިވުމަށް ފަހުގައެވެ.
ބުދިސްޓުންގެ އަޣުލަބިއްޔަތު އޮންނަ ސްރީލަންކާއިން، ކޮވިޑްބަލީގައި މަރުވާ މީހުންނާއި އަދި ކޮވިޑްކަމަށް ޝައްކުކުރެވޭ ބައްޔެއްގައިވިޔަސް، މަރުވާ މީހުން އަންދަން ލާޒިމްކޮށްފައިވަނީ މިދިޔަ 2020 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.
އެގޮތަށް ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ، ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލައިފިނަމަ ބިމުގެ ފެންފަށަލަ ކޮވިޑް ވައިރަހުން ތަޣައްޔަރު ވެދާނެތީ ކަމަށެވެ.
ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލެވިދާނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގައިޑްލައިނެއްވެސް ނެރެފައިވަނިކޮށް ސްރީލަންކާއިން، މުސްލިމުންގެ އިހްސާސްތަކަށް އަދި ޑަބްލިޔުއެޗްއޯގެ ގައިޑްލައިނަށް ބެލުމެއްނެތި އަދި އާއިލާގެ ހުއްދަވެސް ނެތި މުސްލިމުންގެ ހަށިތައް އަންދަން ފެށުމުން، ސްރީލަންކާގެ މުސްލިމުންނާއި، މުސްލިމް ނޫން މީހުންވެސް މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައި ވެއެވެ.
އެމީހުން ބުނަމުންދިޔައީ، ކޮވިޑްބަލީގައި މަރުވާ މީހުންގެ ހަށިތައް ވަޅުލުމުން ފެންފަށަލަ ތަޣައްޔަރުވާ ކަމަށް ދައްކާ ވާހަކައަކީ ސައިންޓިފިކް އެއްވެސް ހަގީގަތެއްނެތް ބުހުތާނު ވާހަކައެއް ކަމަށެވެ. އަދި މިއީ ސީދާ މުސްލިމުންނަށް އަމާޒުކޮށް ކޮށްގެންއުޅޭ ކަމެއް ކަމަށްވެސް ބުނަމުންދިޔައެވެ.
މިމައްސަލައިގެ ކަންބޮޑުވުން އދއާއި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް ސްރީލަންކާ ސަރުކާރަށް ހުށަހެޅިއެވެ.
ނުވިތާކަށް، ކޮވިޑްބަލީގައި މަރުވާ މީހުންގެ ހަށިތައް އެންދިދާނެ ކަމަށް އަދި ވަޅުވެސް ލެވިދާނެކަމަށް ސްރީލަންކާގެ މެޑިކަލް ޑޮކްޓަރުންގެ ގްރޫޕްތަކުންވެސް ސަރުކާރަށް ހުށަހެޅިއެވެ.
ޕްރެޝަރ ބޮޑުވާން ފެށުމުން، ސްރީލަންކާ ސަރުކާރުން ފަހުންވަނީ، ކޮވިޑް ބަލީގައި މަރުވާ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް ދިވެހިރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލައި ދިނުމަށް އެދި ދިވެހި ސަރުކާރަށް ހުށަހަޅާފައެވެ.
ނަމަވެސް، އެކަމުގެ ވަރުގަދަ ބަހުސްތަކެއް ރާއްޖޭގައިވެސް ފެށި، އަދި ސްރީލަންކާނޫނީ، ރައްޔިތަކު މަރުވީމާ ބޭރު ގައުމަކަށް "އެކްސްޕޯޓްކުރަންއުޅޭ ގައުމެއް" ނުދެކޭ ކަމަށްބުނެ ދުނިޔޭގައިވެސް އެވާހަކަ ދެކެވޭން ފެށުމުން ޕްރެޝަރ ބޮޑުވެގެން ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ހުށަހެޅި ހުށަހެޅުން ފަހުންވަނީ އަނބުރާ ގެންގޮސްފައެވެ.
އަދި ވަކިގޮތެއް ނިންމެންދެން މުސްލިމުންގެ ހަށިތައް އެންދުން ވަގުތީގޮތުން އޮތީ ހުއްޓާލާފައެވެ.
ބުދަދުވަހު ބޭއްވި ޕާލަމެންޓް ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވަނީ، ކޮވިޑް ބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދާނުލާނޭ ކަމުގެ ކަށަވަރު ޔަގީންކަން ދެއްވާފައެވެ.
ރާޖަޕަކްސަ ވިދާޅުވީ، ކޮވިޑް ބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް ވަޅުލުމުގެ ހުއްދަދޭން ނިންމަވާފައިވާ ކަމަށެވެ.
ސްރީލަންކާ ބޮޑުވަޒީރުގެ ވާހަކަތަކާ ގުޅިގެން ޕާލަމެންޓްގައި ހިމެނޭ މުސްލިމް މެމްބަރުންނާއި، އަދި ސްރީލަންކާގެ މުސްލިމުންވެސް ގެންދަނީ އުފާފާޅުކުރަމުންނެވެ.
ވަރަށް ބޮޑު ނަސީބެއް... އެހެން ނޫނީ ރާއްޖެއަށް ގެނެސް ތިކަން ކުރަން ޖެހުނު ނަމަ ބޮޑަތި ކަންކަމާދިމާވުންވެސް އެކަށީގެންވޭ