"މިވާހަކަ ބިނާކޮށް ލިޔެފައިމިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. 2004 ވަނަ އަހަރު އަޅުގަނޑު ތ. އަތޮޅުގެ ރަށްތަކަށް ކުރި ޒިޔާރަތެއްގައި އެއަތޮޅު ރަށަކުން ދިމާވި ދެމީހަކު، ލޯބިވިތާ 45 އަހަރު ފަހުން ކުރެވުނު ކައިވެންޏެއްގެ މައްޗަށް ބިނާ ކޮށެވެ. މިދެމީހުންގެ ލޯބީގެވާހަކަ އެދުވަސްވަރު "ފިޔެސް" މަޖައްލާގައި އަޅުގަނޑު ޝާއިއު ކުރީމެވެ.
ރާއްޖޭގެ ދެކުނުން ތަޖުރިބާ ކުރެވުނު މިވާހަކަ މިހާރު މިވަނީ އުތުރަށް ބަދަލު ކުރެވިފައެވެ. އަދި ވާހަކައިގައި އުޅޭ މީހުންގެ ނަންތަކާއި ރަށްވެސް މިވަނީ ބަދަލު ކުރެވިފައެވެ. މިހާރު މިވާހަކައިގެ ނަމަކީ އިބްރާހިމްގެ ހުވަފެނެވެ. މިވާހަކައިން އެނގިގެންދާނެ އެއް ހަގީގަތަކީ ސާފު ތެދުވެރި ލޯތްބަކީ ކިތަންމެ ދުވަހެއް ވިއަސް ހިތުން ފިލުވާލަން ދަތި އަސަރު ހުރި ވަރުގަދަ ބާރެއް އެކުލެވޭ ގުޅުމެއް ކަމެވެ"
**
(4 ފެބްރުއަރީ 2021 އާ ގުޅޭ)
އެކަކުވެސް ބަހެއް ނުބުނެ އިރުކޮޅަކު ތިބުމަށް ފަހު ހަލީމަ ވާހަކަ ދައްކަން ފެށިއެވެ.
[އަހަރެންގެ ހަޔާތުގެ ޒުވާން ދުވަސްވަރު އިބުރާހިމަކީ އަހަރެން އެންމެ ފުރަތަމަ ރައްޓެހިވި މީހާ. ތަޤުދީރު ނިޔާކުރި ގޮތުން އަހަރެންނަށް އެ ނަސީބު ނުލިބުނީ. މިހާރު އޭގެ ފަހުން 45 އަހަރު ވެއްޖެ. އަހަރެން ބުނަން އޮތްހައިވެސް ވާހަކައަކީ މިހާރު ގައިގެ ބާރު ދެރަވެ އުމުރުން ދުވަސްވުމުން ކޮންމެ މީހަކުވެސް މީހެއްގެ އެހީތެރިކަމަށް ބޭނުން ވާނެއޭ. ތަނެއްގައި ރިއްސާލިއަސް ބޭސް ކޮޅެއްވެސް އުނގުޅާލަ ދޭނެ މީހަކަށް ބޭނުންވޭ. ހިތުގައި ހުންނަ ބައެއް ޝަކުވާތައް ކިޔާލަ ދޭނެ އަޑު އަހާނެ މީހަކު ބޭނުންވޭ. ދަރިން ތިއްބަސް އެއްބަނޑު މީހުން ތިއްބަސް މުހިންމު ވަގުތުތަކުގައި ފިރިއެއްގެ އެހީތެރިކަމަށް ހަމަ ގައިމުވެސް އަހަރެން ބޭނުންވޭ އެކަމަކު ހަސަންފުޅު ނިޔާވި ފަހުން އެފަދަ މީހަކު ލިބޭނެ ކަމަކަށް އުންމީދެއް ނުކުރަން. ކައިވެންޏަށް އެދި މީހުން އާދޭ އެކަމަކު އެއީ އަހަރެންގެ މުދަލަށްޓަކައި ނުވަތަ އެނޫންވެސް އެހެން ބޭނުމެއް އޮވެގެން އަންނަ މީހުން ކަމަށް އަހަރެން ދެކެނީ. އަހަރެން މިހިރީ......!]
މިހިސާބަށް ވާހަކަ ދިޔައިރު ހަލީމައަށް ގިސްލެވެން ފަށައިފިއެވެ. އަރުބެދޭ ގޮތް ވެގެން އަނގަމަތީގައި އަތް އަޅައިފިއެވެ. އެއީ އަޑު ވީއްލާ ރޮވިދާނެ ކަމަށް ޓަކައެވެ.
ހަލީމަ އާއި ކައިރިއަށް ޚަދީޖާ ޖެހެލުމަށް ފަހު ބުރަކަށީގައި ފިރުމައިލިއެވެ. އަދި ހިތްވަރު ކުރުމަށް ނަސޭހަތް ދިނެވެ.
އިބުރާހިމު ވާހަކަ ދައްކަން ފެށިއެވެ. ކުރަކި ގޮތަކަށް ލަސްލަހުން ބުންޏެވެ. [އަހަރެން މިހިރީ ހަލީމަގެ ހުރިހާ ހިތާމަތަކާއި އަދި އުފާތަކުގައި ވެސް ބައިވެރިވުމަށް ތައްޔާރަށް......! އެފަދަ... ފުރުސަތެއްގެ އިންތިޒާރުގައި.........!]
ހަމަ ހިމޭންކަމުގެ ވަގުތު ކޮޅަކަށް ފަހު ހަލީމަ ބުންޏެވެ. [އަހަރެން ތިކަމާ ވިސްނާނަށް" ......
"އިބުރާހިމު ރަނގަޅު ގޮތެއް ވޭތޯ ދުޢާ ކުރޭ......... އަބަދުވެސް އެކަލާނގެ މިންވަރު ކުރައްވާނީ އަޅުން ހެޔޮ ނިޔަތުގައި ކުރާ ކަންކަމަށް ރަނގަޅު ގޮތްތައް] މިހެން ޚަދީޖާ ބުނިތަނުން ބަންގި ގޮވަން ފަށައިފިއެވެ. ބަންގި ނިމެންދެން ހިމޭން ކަމާއެކު ތިބުމަށްފަހު ތިންމީހުން ބަންގި ދުޢާ ކިޔާ ޙަމްދު އަޅައިފިއެވެ.
މިސްކިތަށް ދިއުމަށް ކަމަށްބުނެ އިބުރާހިމު ހިނގައިގަނެފިއެވެ. ހަލީމައާއި ޚަދީޖާވެސް ނަމާދު ކުރުމަށް ގެއަށް ދިއުމަށް ހިނގައި ގަންފިއެވެ.
ތިން ދުވަސްވީ އިރުވެސް ހަލީމާގެ ޚަބަރެއް އިބުރާހިމަކަށް ނުވެއެވެ. ގޭދޮށުން ވެސް ދިމާވާ ގޮތެއް ނުވެއެވެ. އިބުރާހިމުގެ ހިތުގައި ޝައްކުތަކާ ވަހުމުތައް ދިޔައީ ބޮޑުވަމުންނެވެ. މިކަން ނާކާމިޔާބުވީ ކަމަށް ބެލެވެން ފަށައިފިއެވެ. ހަލީމަ ގެއިން ނުނިކުންނަނީ އިބުރާހިމަށް ފެނިދާނެ ކަމަށް ވާތީއޭވެސް ހިތަށް އަރައެވެ.
ގަސްދޮށުގައި ވާހަކަ ދެއްކި ދުވަހުގެރޭ ދަންވަރު ހަލީމަ ވަރަށް ގަދައަށް ހުންއައެވެ. އަދި އެ ހުންގަނޑު މައިތިރިވާގޮތް ވެލީވެސް ތިން ދުވަސް ވީ ފަހުންނެވެ. ފާޚާނާއަށް ދާން ނުވަތަ ކާން ނޫނީ އެދުން ވެސް ނުތެދުވެއެވެ. ޚަދީޖާއަށް މިކަން އެނގުނީވެސް ދެދުވަސްވީ ފަހުންނެވެ.
ހުމުގެ ބަލީގައި އެނދުގައި އޮތްއިރު ފިރިއެއްގެ އެހީ ތެރިކަން ބޭނުން ވާވަރު ހަލީމައަށް އިހުސާސް ކުރެވުނެވެ. ހަސަންފުޅު ނިޔާވި ފަހުން މިހާވަރަށް ހަލީމަ ބައްޔެއް ނުވެއެވެ. ހަލީމައަކީ މުރާލި އަންހެނަކަށް ވީތީ ރޯގާ ޖެހިލާ ކުޑަކޮށް ހުން އަޔަސް އެނދަކު ނޯވެއެވެ. ކޮންމެވެސް މަސައްކަތެއްގައި އަވަދި ނެތި އުޅެއެވެ. ރޯނުވެށުމާއި ފަންގިވިނުން އަދިވެސް ދުލެއް ނުކުރެއެވެ. ދިރިއުޅެވޭ ވަރަށް ފައިސާ ލިބުނަސް އެކަން ހުއްޓަން ބޭނުން ނުވަނީ ފޫހިކަން އިހުސާސް ވެދާނެ ކަމުގެ ބިރަށް ޓަކައެވެ. ދަރިންވެސް މަންމަ އެކަހަލަ މަސައްކަތް ކުރާކަށް މިހާރު ގަބޫލެއް ނޫނެވެ. އެކަމަކު ހަލީމަގެ އެދުމަކީ އެކަމަށް ދަރިން ހުރަސް ނޭޅުމެވެ.
ހަލީމަ ބަލިވެ އުޅޭކަން ޚަދީޖާއަށް އެނގިއްޖިއްޔާ ހަލީމައަށް އެހީތެރިކަން ފޯރުކޮށް ދެއެވެ. ޚަދީޖާ އެކަން ކޮށްދެނީ ހަލީމަގެ ދަރިންގެ އަޅައިލުން ނުލިބޭތީއެއް ނޫނެވެ. ރަހުމަތްތެރިކަމާ ގާތްކަމުގެ ކުލުނު އޮންނަލެއް ބޮޑު ކަމުންނެވެ. އެކަން ހަލީމަވެސް ވަރަށް ރަނގަޅަށް ހަނދާން ބަހައްޓައެވެ. ޚަދީޖާއަކީ ތަނަވަސް މީހަކަށް ނުވާތީ މާލީގޮތުން ޚަދީޖާއަށް ދަތިވާ ކަންކަން ހަލީމަ އަންނަނީ ކޮށްދެމުންނެވެ.
އިހަވަންދުއަކީ ޒަމާނުންސުރެ މަސްވެރި ރަށެކެވެ. ނަމަވެސް މިހާރު މަސްވެރިކަން ކުރާ އޮޑިފަހަރު ކުރިއަށްވުރެ މަދެވެ. ހަލީމަގެ ގެއަކީވެސް މަސް ކައްކާ ގެއެކެވެ. ދެ އޮޑި ހުރުމާއެކު ބޮޑުކަންނެލީގެ މަސްވެރިކަމާއި ކަނޑުމަހުގެ މަސްވެރިކަން ވެސް ކޮށް އުޅެއެވެ. މަސްކައްކާ ރެއެއްވިއްޔާ ކައިރި އަވަށްޓެރިންގެ އެހީތެރިކަން ލިބެއެވެ. އެހެންވުމުގެ އެންމެބޮޑު ސަބަބަކީ، ހަލީމައަކީ އަވަށްޓެރިންނަށް ހެޔޮވުމުގައި ނަމޫނާއަކަށް ވާތީއެވެ. އެކަން އަވަށްޓެރިންވެސް ހެޔޮ ހިތުން ބަލައިގަނެއެވެ.
ހަލީމަގެ ހުމަކީ ބައްޔެއް ނޫނެވެ. އެއީ އިބުރާހިމާ މެދު ހަލީމާ ވިސްނިލެއް ބޮޑުކަމުން އައި ހުމެކެވެ. މިކަން ޚަދީޖާއަށް ވެސް ރަނގަޅަށް އެނގެއެވެ. ހަލީމަ ވަނީ މިކަން ޚަދީޖާއަށް ކިޔައި ދީފައެވެ.
ހަލީމަވެސް އިބުރާހިމާ ގުޅެން މިހާރު ހުރީ ތައްޔާރަށެވެ. މިކަމުގައި މެދުވެރިއެއްގެ ބައި އަދާ ކުރެވޭނީ ޚަދީޖާއަށް ކަމަށްވާތީ ޚަދީޖާ މެދުވެރިކޮށް އިބުރާހިމަށް ޖަވާބު ދޭން ނިންމައިފިއެވެ.
ކޮންމެ ހުކުރު ދުވަހަކު އަސުރުން ފައިބައިގެން ރަށުގެ ތުނޑިމަތީގައިވާ ދޮން ފަސްގަޑަށް ދިއުމަކީ ހަލީމަގެ އާދައެކެވެ. އަދި ޚަދީޖާ ވެސް ގިނަ ދުވަސް ދުވަހު އެތަނުން ބައްދަލުވެއެވެ. ބައެއް ދުވަސް ދުވަހު ކާއެއްޗެހި ގެންގޮސްގެން ކައިވެސް ހަދައެވެ.
ހުކުރު ދުވަހު އިރު އެރީއްސުރެ ހަލީމަގެ ހިތުގެ ވިންދު ހުރީ އަވަސް ވެފައެވެ. ހަމަ އެންމެ ކަމަކަށް ޓަކައެވެ. އެއީ އިބުރާހިމަށް އާނ ބަސް ބުނުމަށް ޚަދީޖާ ކައިރީގައި ބުނަން ޖެހޭތީއެވެ.
ނަމާދުން ފައިބައިގެން ލޯގަނޑު ކުރިމައްޗަށް ހުއްޓި މޫނުގައި ފުށްޖަހަން ރުމާ ނަގާފައި ވަރަށް ފުންކޮށް މޫނުގައި ހުރި ކުދި ރޫތަކަށް ބަލައިލިއިރު ހަނދާނަށް އަންނަނީ މީގެ އެތަކެއް އަހަރު ކުރީގައި މޫނުމަތީގައި ހުރި އޮމާންކަމާއި ރީތި ކަމެވެ. މިހާރު އެނަލަކަން ފަޑުވަމުން ދާކަން އިހުސާސް ވީ އަހަރެންގެ ހަލީމަ އަދިވެސް ހާދަ ރީއްޗޭ ބުނި ކަހަލަ އަޑެއް އިވުމުންނެވެ. ފަސް އެނބުރި ބަލައިލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ ހީވި ހީވުމެކެވެ. އެކަމަކު އެ އަޑަކީ ހަލީމައަށް ބީރައްޓެހި އަޑެއް ނޫނެވެ. ހަސަންފުޅުގެ އަޑެވެ. ނަމަވެސް ހަސަންފުޅު މިހާރު ދުނިޔޭގައި ނެތުމުން ފެންކަޅިވާ ގޮތް ވިއެވެ. އިރުކޮޅަކު ހަސަން ފުޅުގެ ހަނދާނުގައި ގަބު އަރާފައި ހުރެވުނެވެ. އަދި އަމިއްލަ ނަފުސާ ވާހަކަ ދައްކަން ފެށިއެވެ.
އަހަރެން ކުރަން މިއުޅޭކަންތައް ހަސަންފުޅަށް އެނގޭނެ ބާވައެވެ. ހަސަންފުޅަށް މިއަދު ބަހެއް ނުބުނެވުނަސް އޭނާއަށް އެނގިއްޖިއްޔާ ރޯނެވެ.
ހަސަންފުޅު ނެތް ދުނިޔެއެއްގައި އެހެން މީހަކާ ކައިވެނި ނުކުރާން ނިންމައިގެން ހުރި ހުރުން ބަދަލު ކުރަން ޖެހުމަކީ ހަލީމާއަށް އެހައި ފަސޭހަ ނިންމުމެއް ނޫނެވެ.
ދެފިކުރެއްގައި ހުރެގެން ގެއިން ނުކުމެގެން ހިނގައި ގެންފިއެވެ. މޫނުމަތިން ފެންނަނީ ހާސްކަމާ ފިކުރު ބޮޑުވުމެވެ. މަޑު ހިނގުމެއްގައި ހުރެގެން ކުރިއަށް ދާއިރު މަގުމަތިން ދިމާވި ދެ އަންހެނަކު ހަލީމައަށް ގޮވައިލުމުން ވެސް ރޭކާލާ ގޮތެއް ނުވިއެވެ. ފިކުރުތަކުގެ ތެރެއަށް ގެނބިފައި ވާލެއް ބޮޑު ކަމުން ހަމަ އަޑު ނީވެނީއެވެ. (ނުނިމޭ)
***
އެޑިޓަރުގެ ނޯޓު: މިވާހަކައިގެ 9 ވަނަ ބައި ޝާއިއު ކުރެވޭނީ ދެން އަންނަ ބުރާސްފަތި ދުވަހުއެވެ.
އިބުރާހިމު ތަންކޮޅެއް ފިރިހެން ވެލަންޖެހޭ އެބަ. ލިޔުންތެރިޔާ ކުޑަކޮށް މިގޮތަށް ސްޓޯރީ ހެދިދާނެތަ. ވަރަށް ދިވެހި ވަންތަ ތަފާތު މިވާހަކަ
މިހާރު އިންތިޒާރު ކުރެވެނީ ނިމޭނެ ގޮތަކާ ދޭތެރޭގަ
ވަރަށް ރީތި ވާހަކައެއް