އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިނަކީ ރައްކާތެރި އަދި ކޮވިޑް-19 ބަލިން ދިފާއުކޮށްދޭ ނިސްބަތް މަތި ވެކްސިނެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯގެ ޚާއްސަ ޕެނަލުން ކަނޑައަޅައިފިއެވެ.
ޑަބްލިޔޫއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަން ޕެނަލުން ބުނެފައިވަނީ، އެސްޓްރަޒެނެކާގެ ވެކްސިން އެންމެނަށްވެސް ދެވިދާނެ ކަމަށާއި އަދި އުމުރުން 65 އަހަރުންމަތީގެ މީހުންނަށްވެސް ދެވިދާނެ ކަމަށެވެ.
ހަމަ އެއާއެކު، ދެކުނު އެފްރިކާއިން ފެނިގެން އުޅޭ ކޮވިޑް ވައިރަހުގެ ވޭރިއެންޓާ ދެކޮޅަށްވެސް އެސްޓްރަޒެނެކާގެ ވެކްސިން ބޭނުން ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ.
ދެކުނު އެފްރިކާއިން ފެނިގެންއުޅޭ ވޭރިއެންޓްގެ ކިބައިން މީހުން ދިފާއުކުރަން އެސްޓްރަޒެނެކާގެ ވެކްސިން ދިނުމަށް ރެކޮމެންޑް ނުކުރާންވީ އެއްވެސް ސަބަބެއް ނެތްކަމަށް އެކްސްޕާޓް ގްރޫޕްގެ ޗެއަރ އަލެހަންދްރޯ ކްރަވިއޯޓޯ، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
އެސްޓްރަޒެނެކާގެ ކޮވިޑްވެކްސިން، ދެކުނު އެފްރިކާއިން ފެނިފައިވާ ވޭރިއެންޓްގެ ކިބައިން ދިފާއުކޮށްދެނީ ގާތްގަނޑަކަށް %17 ވަރު ކަމަށް ބުނެ، ދެކުނު އެފްރިކާއިން މިހާރުވަނީ އެސްޓްރަޒެނެކާގެ ވެކްސިން ބޭނުން ނުކުރަން ވަގުތީގޮތުން ނިންމާފައެވެ.
ނަމަވެސް، ޑަބްލިޔޫއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަންގެ ޗެއަރ އަލެހަންދްރޯ ކްރަވިއޯޓޯ ވިދާޅުވީ، އެންމެ ފުރިހަމައަށް ރައްކާތެރިކަން ނުލިބުނު ނަމަވެސް ކޮވިޑުން ދިފާއުވުމަށް އެސްޓްރަޒެނެކާގެ ވެކްސިން ދިނުމަށް ރެކޮމެންޑްކުރާ ކަމަށެވެ.
އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިނާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އަދި ދީފައިވަނީ ރެކޮމެންޑޭޝަނެކެވެ.
ޑަބްލިޔޫއެޗްއޯއިން އިއްޔެ ބުނެފައިވަނީ، އެސްޓްރަޒެނެކާގެ ވެކްސިން ރިވިއުކުރުމަށްފަހު، އިމަޖެންސީ ބޭނުމަށް އެ ވެކްސިން ބޭނުންކުރުމަށް ޑަބްލިޔޫއެޗްއޯގެ ރަސްމީ "އޯކޭ" މި ހަފްތާތެރޭގައި ދެވޭވަރުވާނޭ ކަމަށެވެ.
އިމަޖެންސީ ބޭނުމަށް ޑަބްލިޔޫއެޗްއޯއިން މިހާތަނަށް "އޯކޭ" ދިން ހަމައެކަނި ވެކްސިނަކީ ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިނެވެ.
ޑަބްލިޔޫއެޗްއޯގެ އިމިއުނައިޒޭޝަން އެކްސްޕާޓް ކޭޓް އޮބްރައިން އިއްޔެގެ ޕްރެސް ބްރީފިންގައި ވިދާޅުވީ، އެސްޓްރަޒެނެކާގެ ވެކްސިނަކީ ބަލިން ދިފާއުކޮށްދޭ މިންވަރު މަތީ ވެކްސިނެއް ކަމަށެވެ. ހަމަ އެއާއެކު، ކޮވިޑަށް ދޭނެ ވެކްސިންތައް މަދުއިރު، އެސްޓްރަޒެނެކާގެ ވެކްސިނަކީވެސް މުހިންމު ވެކްސިނެއް ކަމަށް ކޭޓް ވިދާޅުވިއެވެ.
އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުމަށް ޑަބްލިޔޫއެޗްއޯއިން ރެކޮމެންޑް ކުރުމާ ގުޅިގެން ދުނިޔޭގެ ސިއްހީ ތަޖުރިބާކާރުންވަނީ އެކަމަށް މަރްހަބާ ވިދާޅުވެފައެވެ.
އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިންއަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އިމަޖެންސީ ބޭނުމަށް މިހާރުވެސް ބޭނުންކުރަމުންދާ ވެކްސިނެކެވެ. މިވެކްސިނަށް އީޔޫއިންވެސްވަނީ ހުއްދަ ދީފައެވެ.