ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ، ވައިރަސްއިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މިމަހުގެ 3 ވަނަ ދުވަހު އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ކުޅިވަރުގެ އެންމެހާ ހަރަކާތްތައް ހުއްޓާލުމަށް އެންގި އެންގުމުގެ ސަބަބުން ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަވެސް މެދުކަނޑާލާައި، ފަރިތަކުރުންތައްވެސް ހުއްޓާލަން ޖެހުމުން އެކަމުގެ ސަބަބުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރަތަމަ ޑިވިޝަނުގެ ސީނިއަރ ކުޅުންތެރިން ޕްރެސް ކޮންފަރެންސެއް ބާއްވައިފިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ރާއްޖޭގެ ސީނިއަރ ފިރިހެން ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) ބުނީ، ސީނިއަރ ލެވެލްގައި ފުޓުބޯޅަ ކުޅޭ ގިނަ ފަރާތްތަކަކީ ހަމައެކަނި ފުޓުބޯޅައިން އާމްދަނީ ހޯދައި، ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަމުންދާ ބަޔަކަށްވުމުން، މިގޮތަށް ލީގު މެދުކަނޑާލަން ޖެހުމުން އެކުޅުންތެރިންނަށް ލިބޭނެ ގެއްލުންތަކާމެދު ކަންބޮޑުވާ ކަމަށެވެ.

ހާއްސަގޮތެއްގައި ކުޅުން މެދުކަނޑާލާފައި އޮތުމުގެ ސަބަބުން ކުލަބުތަކަށްވެސް، ނުކުޅެތިބި ކުޅުންތެރިންތަކަކަށް މުސާރަ ދިނުމަށް ދަތިތަކަކާއި ކުރިމަތިވާނެތީ ވީއެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުން މިކަމަށް ހައްލެއް ގެނެސްދިނުން އެދޭކަމަށް އަކޫ ވަނީ ބުނެފައެވެ.

މީގެއިތުރުން ރާއްޖެއަށް ފުޓުބޯޅައިން އެތައް ކާމިޔާބީއެއް ހޯދައިދީ، ދުނިޔޭގެ ފެންވަރުގައި ފުޓުބޯޅައިން ރާއްޖޭގެ ނަން ވިދުވާލި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވަނީ، ކުލަބް ވެލެންސިއާގެ ކެޕްޓަންގެ ހައިސިއްޔަތުން ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަދައްކަމުން، ކޮވިޑާއި ދެކޮޅަށް ސިއްހީ ހިދުމަތްތެރިން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރައްވާ މަސައްކަތް އަގުވަޒަންކުރާ ކަމަށް ބުނެފައެވެ.

އަދި ފުޓްބޯޅައަށް ދެރައެއް ލިބޭ ކޮންމެ ފަހަރަކު އެންމެން އެކައްޗެއް ކިޔައި އެއްގޮތެއްގައި ނުކުމެ ކުރާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެއް ކަމަށްވެސް ދަގަނޑޭ ބުނެފައިވެއެވެ.

ފުޓުބޯޅަ ހުއްޓާލާފައި އޮތުމުން އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާނެ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ދަގަނޑޭ ވަނީ އެދިފައެވެ.

"އަޅުގަނޑު އެދެނީ ލީގާއި ޕްރެކްޓިސް ހުއްޓާލާފައި މިހެން އޮތުމުން މި ލިބޭ ގެއްލުންތައް ކުޑަކުރެވޭތޯ މަސައްކަތްކުރުން. އަދި ވީ އެންމެ އަވަހަކަށް ރަސްމީ އިދާރާތަކުން ވިސްނައި މިކަމަށް ހައްލެއް ހޯދައިދިނުމަށް. އުއްމީދަކީ ވީ އެންމެ އަވަަހަށް ޕްރެކްޓިސްތަކާއި ފުޓްބޯޅައިގެ ކަންކަން ފެށޭގޮތްވުން،" ދަގަނޑޭ

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ފުޓުބޯޅަ ސީޒަން ފެށީ އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން، ވަރަށް ހަރުުކަށި ގައިޑްލައިންތަކަކާއި އެކުގައި ކަމަށްވެފައި، މިގައިޑްލައިންތަކަށް ފުރިހަމައަށް ތަބާވަމުން ދިޔުމުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ތެރެއިން އެއްވެސް ވަރަކަށް ކޮވިޑުގެ ކްލަސްޓަރއެއް އުފެދިފައި ނުވާއިރު އަދި މީގެއިން އެއްވެސް ކުޅުންތެެރިއަކުވެސް އަދި ކޯޗަކުވެސް ޕޮޒިޓީވް ވެފައި ނުވާއިރު، ކުއްލިއަކަށް އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި މިގޮތަށް ލީގު މެދުކަނޑާލުމުން ޕްރެސްގައި ބައިވެރިވި ގިނަ ކުޅުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުލަބް ގްރީންސްޓްރީޓްގެ ފަރާތުން ވާހަކަދައްކަމުން ރިލްވާން ވަހީދް (ރިލޭ) ބުނީ، އެއްވެސް ހާލަތެއްގައި އެޗްޕީއޭގެ ނިންމުންތަކާއި ދެކޮޅު ނަހަދާ ކަމަށާއި އެހެންނަމަވެސް، ކުލަބުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންނަކީ އަމިއްލަ ރަށް ދޫކޮށް، ހަމައެކަނި ފުޓުބޯޅައިން ލިބޭ އާމްދަނީއަކުން ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަމުން އަންނަ ބައެއް ކަމަށްވުމުން، މިގޮތަށް ސީޒަން އަނެއްކާވެސް މެދުކަނޑާލަން ޖެހުމުން ވަރަށް ބޮޑު ގޮންޖެހުން ތަކަކާއި ކުޅުންތެރިންނަށް ކުރިމަތިވާނެ ކަމަށެވެ.

އަދި މިހާލަތުގައި އެޗްޕީއޭއިން އެފަރާތްތަކާއި އަޅާލުން އެދޭކަމަށާއި މިކަމުގައި އެފްއޭއެމްގެ ރައީސް އާއި ޖެނެރަލް ސެކްރެޓަރީގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށް ރިލޭ ވަނީ ބުނެފައެވެ.

އަދި މީގެއިތުރުން ކުރިއަށް ގައުމު ތަމްސީލްކުރަން ހުރި މުބާރާތްތަކެއް ހުރުމާއިއެކު މިގޮތަށް ފަރިތަކުރުންތަކެއް ނުބޭއްވި ފިޓްނަސް ގެއްލުމުން އެމުބާރާތްތަކުގައި ކުޅުންތެރިންނަށް އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވިދާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލުމާމެދު ރާއްޖޭގެ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް، އަހުމަދު މަހްލޫފުވެސްވަނީ ކަންބޮޑުވުން ފާޅުކޮށް ޓުވީޓް ކުރައްވާފައެވެ.

މިނިސްޓަރ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، މިމައްސަލައިގައި ކުލަބުތަކުން ކަންބޮޑުވާ ފަދައިން އެމަނިކުފާނުވެސް ކަންބޮޑުވެވަޑައި ގަންނަވާ ކަމަށާއި ލީގު މެދުކަނޑާލާފައި އޮތުމުން ކުލަބުތަކާއި ކުޅުންތެރިންނަށްވެސް އެކިގޮތްގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށެވެ.

އަދި މިމައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށްވެސް މިނިސްޓަރ މަހްލޫފް ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ވަނީ، ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބައްސާމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫންކަމަށާއި މިއީ މިއިންޑަސްޓްރީގެ އެތައް ބައެއް ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމަށްޓަކާ ހޯދާ އާމްދަނީ ވަންނަ ދޮރުކަމަށެވެ.

އުންމީދުކުރަނީ ލީގުގެ ކުޅުން ވީހާވެސް އަވަހަކަށް ފެށުން ކަމަށާއި، ކްލަބްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ލިބި ވޭތުވެދިޔަ އަހަރު ދިމާވި ކަންތައް އަލުން ތަކުރާރުވާން ނޭދޭ ކަމަށްވެސް ބައްސާމްގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންވެސް ބައްސާމްވަނީ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ބައްސާމް ވިދާޅުވީ ލީގުގެ ފުރަތަމަ ބުރުނިމި ދެވަނަބުރާ ކުރިމަތިލިއިރުވެސް ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅިގެން ހުރިހާކަމެއްވެސް ވަރަށް ރަނގަޅަށް ބެލެވި، މޮނިޓާ ކޮށްގެން ކުރިއަށް ގެންދިޔަ ކަމަށާއި، މިހާތަނަށް ލީގުގައި ކުޅޭ އެއްވެސް ޓީމެއްގެ ކުޅުންތެރިއެއްވެސް އަދި އޮފިޝަލެއްވެސް ކޮވިޑަށް ޕޮޒިޓީވް ވިކަން އެނގިފައި ނުވާކަމަށެވެ.

އެހެންނަމަވެސް މިހާ ރަނގަޅަށް މިކަންކަން ބެލެވިގެން ގޮސް އެޗްޕީއޭގެ އެންމެހާ ގައިޑްލައިންތަކަށް ފޮލޯކުރަމުން ދަނިކޮށް މިފަހުން މާލޭގައި ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ފަހުން އާންމުކުރި އުސޫލުތަކުގެ ތެރެއިން ފުޓުބޯޅަ ލީގު ހުއްޓާލަން އެންގީ އެފްއޭއެމް އާއިވެސް އަދި ކުޅިވަރު ވުޒާރާއާވެސް އެއްވެސް ވަރަކަށް މަޝްވަރާކުރެވިގެން ނޫންކަން ބައްސާމް ވަނީ ހާމަކުރައްވާފައެވެ.

ލީގުގެ ކުޅުން މެދުކަނޑާލާފައި ވާއިރު މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ.

ލީގުގެ ދެވަނަ ބުރުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު ވަގުތީގޮތުން މެދުކަނޑާލަން ނިންމިއިރު ތާވަލުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެޓީމަށް ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ލީގު މެދުކަނޑާލުމުން ކަންބޮޑުވުން ފާޅުކޮށް ކުޅުންތެރިން ޕްރެސް ކޮންފަރެންސެއް ބާއްވާފައިވާއިރު މީގެކުރިން ކުލަބުތަކުގެ ކޯޗުންނާއި ވެރިންވެސް ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.