ފިލްމު ހީރޯޕަންތީއިން ބޮލީވުޑަށް ނުކުތް އެކްޓަރު ޓައިގަރ ޝްރޮފްގެ ކުރިއަށް އޮތް ފިލްމު "ގަންޕަތް" އިން ފެނިގެންދާނީ ހިރޯޕަންތީގައި ޓައިގަރއާއެކު ފެނިގެންދިޔަ އަރަމުން އަންނަ ޒުވާން ބަތަލާ ކްރިތީ ސެނަންކަން ކަށަވަރުވެއްޖެއެވެ.

ކްރިތީ މިފިލްމުގެ މެއިން އަންހެން ލީޑްއިން ފެނިގެންދާނެކަމަށް ފިލްމު އުފައްދާ ފަރާތްތަކުގެ އިތުރުން ޚުދު ކްރިތީވެސްވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ބުނެފައެވެ.

ޓައިގަރއާއެކު ކްރިތީވެސް ބިލޯވުޑަށް ތައާރަފްވެފައިވަނީ 2014 ވަނަ އަހަރު ނެރުނު ފިލްމު "ހީރޯޕަންތީ" އިންނެވެ.

"ހީރޯޕަންތީ" އަށްފަހު އަނެއްކާވެސް ކްރިތީއާއެކު މަސައްކަތް ކޮށްލުމުގެ ފުރުޞަތު ލިބުމުން އެކަމާ ވަރަށް އުފާވާކަމަށް ޓައިގަރވެސްވަނީ އޭނާ އިންސްޓަގްރާމްގައި ބުނެފައެވެ.

ގިނަބަޔަކު އުއްމީދުކުރީ ފިލްމު "ހީރޯ ޕަންތީ-2" އިން މިދެތަރިން އެކީގައި ފެނުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށެވެ. އެހެންނަމަވެސް އެފިލްމުގައި ޓައިގަރއާއެކު ފެނިގެންދާނީ ބަތަލާ ތާރާ ސުތާރިއާއެވެ.

މިފިލްމުގެ ޓީޒާއިން ފެންނަގޮތުގައި ބަތަލާ ކްރިތީ ސެނަން ފެންނަނީ މީގެކުރިން އޭނާ ފެނިފައި ނުވާފަދަ ތަފާތު އެކްޝަން ސީންއެއްގެ މަންޒަރެއްގެ ފޮޓޯއަކުންނެވެ.

ވިކާސް ބަލް ޑައިރެކްޓްކުރާ މިއެކްޝަން ފިލްމުގެ ޝޫޓިންގް މިހާރު ފެށިފައިވާއިރު ޓައިގަރ މިފިލްމުގައި ކުޅެން ހަމަޖެހިފައިވަނީ ބޮކްސިންގް ތެޅުންތެރިއެއްގެ ރޯލެވެ.

"ގަންޕަތު" ޕޯސްޓަރުގައި ވާގޮތުން ދޭހަވަނީ މިއީ ފްރެންޗައިޒްއެއް ކަމަށެވެ. އެހެންކަމުން ބެލެވޭގޮތުގައި މިފިލްމުގެ ފުރަތަމަ ބަޔަށްފަހު ދެވަނަބައެއްވެސް ނެރޭނެއެވެ.

މިވަގުތު ބޮލީވުޑްގައި އެންމެ ނަންހިނގާ އެއް ބަތަލާ ކްރިތީ 30، އަކީ މިހާތަނަށް ވަރަށް ކާމިޔާބު ފިލްމުތައް ކުޅެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ބަތަލާއެކެވެ.

ކްރިތީގެ ކުރިއަށްހުރި ފިލްމީ މަސައްކަތްތަކުގެ ތެރޭގައި "ހަމް ދޯ ހަމާރޭ" އަދި އަކްޝޭ ކުމާރުއާއެކު ކުޅޭ "ބައްޗަން ޕާންޑޭ" ހިމެނެއެވެ.