އެއް މާސްކްގެ ބަދަލުގައި، އެއް ވަގުތެއްގައި ދެމާސްކް އަޅާނަމަ ކޮވިޑް-19 ބަލިމަޑުކަމުން މީހުންނަށް އިތުރު ރައްކާތެރިކަން ލިބިދޭނެ ކަމަށް އެމެރިކާގެ ސެންޓަރސް ފޮރ ޑީޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން – ސީޑީސީން ބުނެފިއެވެ.

ސީޑީސީގެ ރިސާޗަރުން ހެދި ދިރާސާއަކަށްފަހު މި ހަފްތާގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، މެޑިކަލް މާސްކެއްގެމަތިން ފޮތި މާސްކެއް އަޅާނަމަ، ކޮވިޑްބަލި ޖައްސާ ވައިރަހާއެކު ވައިގެތެރޭގައި އެނބުރޭ ކުޅުތިކިތަކުން ފޯރާ ނުރައްކާ %95 އަށް ކުޑަކޮށްދޭ ކަމަށެވެ.

ދެ މާސްކް އެޅުމުގެ މުހިންމުކަން ހާމަކޮށް ރިޕޯޓްގައި ބުނެފައިވަނީ، ބޭރުން މެޑިކަލް މާސްކެއް އެޅުމަށްފަހު މާސްކްގެ އެތެރެ ފަރާތަށް އިތުރު ފޮތިކޮޅެއް ލައްވައި ރަނގަޅަށް ބާރުވާ ގޮތަށް ހެދުމުންވެސް ފުދޭނޭ ކަމަށެވެ.

ހަމަ އެއާއެކު، ސީޑީސީގެ ރިސާޗަރުން ފާހަގަ ކޮށްފައިވަނީ އަނެއް ކަމަކީ، މާސްކް އެޅުމުގައި އަނގަޔާއި ނޭފަތް ރަނގަޅަށް ބަންދުވާގޮތަށް މާސްކް ބާރުކޮށް އެޅުމުގެ މުހިންމު ކަމެވެ.

ދެމާސްކް އެޅުމުގެ މުހިންމުކަން ހާމަކޮށް، އޭގެ ސަބަބުތައްވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ކޮވިޑް-19 ބަލި ޖައްސާ ވައިރަސް މިއުޓޭޓްވެ، މީހުންގެ މެދުގައި ވަރަށް ހަލުވި ސްޕީޑްގައި ބަލި ފަތުރާ އައު އެތައް ވޭރިއެންޓެއް ދުނިޔެއިން ދަނީ ފެންނަމުންނެވެ.

ކޮވިޑް ބަލީގެ ހާލަތު ދުނިޔޭގައި އެންމެ ބޮޑަށް ގޯސްވެފައިވާ ގައުމަކީ އަދި މި ބަލީގައި އެންމެ ގިނަމީހުން މަރުވެފައިވާ ގައުމަކީވެސް އެމެރިކާ ކަމަށް ވާއިރު، އެމެރިކާގެ ފާހަގަ ކޮށްލެވޭ ގިނަ ޝަޚްސިއްޔަތުތައް މިހާރު ފެންނަނީ އެއް މާސްކްގެ ބަދަލުގައި ދެ މާސްކް އަޅުއްވައިގެން އުޅުއްވާތަނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް މިހާރު އުޅުއްވަނީ ދެމާސްކް އަޅުއްވައިގެންނެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލަޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑިރެކްޓަރ، ޑރ. އެންތަނީ ފައުޗީ ދެ މާސްކް އަޅުއްވައިގެން:

ވައިރަސްގެ ޒަރީއާއިން ފެތުރޭ ބަލިތަކާބެހޭ، އެމެރިކާގެ އެންމެ އިސް އެކްސްޕާޓް، އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލަޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑިރެކްޓަރ، ޑރ. އެންތަނީ ފައުޗީވެސް ވިދާޅުވީ، މާސްކް އަޅަނީ ކުޅުތިއްކާއި، ވައިރަސް އަނގަޔާއި ނޭފަތުގެ ޒަރީއާއިން ހަށިގަނޑުގެ ތެރެއަށް ވަނަނުދިނުމަށް ކަމަށާއި، އެންމެ ލޭޔަރެއްގެ ބަދަލުގައި ދެ ލޭޔަރު ލައިފިނަމަ އިތުރަށް ރައްކާތެރި ކޮށްދޭނެކަމީ، ހަމަ ބުއްދިން ވިސްނާލި ކޮންމެ މީހަކަށްވެސް އެނގޭނޭ ކަމެއް ކަމަށެވެ.

"އެހެންވެ ތި ބޭފުޅުންނަށް ފެންނާނެ ބައެއް މީހުން ދެ މާސްކް އަޅައިގެން އުޅޭތަން. އަދި އެން95 ވައްތަރުގެ މާސްކް އަމިއްލައަށް ހަދައިގެން އަޅައިގެން އުޅޭތަންވެސް" އެންތަނީ ފައުޗީ

އެއް މާސްކަށްވުރެ ދެ މާސްކް އެޅުމުން ކޮވިޑް ބަލިން ރައްކާތެރިކޮށްދޭ މިންވަރު އިތުރުވާ ކަމަށް އެމެރިކާގެ ސީޑީސީގެ ރިސާޗަރުން ހާމަކުރިއިރު، އެމެރިކާގެ އެހެން ދެ އެކްސްޕާޓަކު ހެދި މިފަދަ ދިރާސާއެއްގެ ރިޕޯޓް، މިދިޔަ ޑިސެމްބަރުމަހު "މެޑް" ސައިންޓިފިކް ޖާނަލްއެއްގައި ޝާއިއު ކޮށްފައި ވެއެވެ.

އެ ރިޕޯޓްގައި ރެކޮމެންޑް ކޮށްފައިވަނީ، ސާޖިކަލް މާސްކެއް އެޅުމަށްފަހު އޭގެމަތިން ބާރުކޮށް ފޮތި މާސްކެއް އެޅުމަށެވެ.

މި ރިޕޯޓް ހެދުމުގައި ބައިވެރިވި، ވައިރަސްތަކާބެހޭ ދިރާސާތައް ހަދާ ޕްރޮފެސަރ ލިންސޭ މާރ ވިދާޅުވީ، ފޮތި މާސްކެއް އަޅައިގެން ފިލްޓަރ ކުރެވެނީ ވައިގެ ތެރޭގައި އުޅޭ ކުޅުތިކިތަކުގެ %50 ކަމަށް ވަންޏާ، ދެވަނަ ލޭޔަރެއް ލައިފިނަމަ ރައްކާތެރިކަން ލިބިދޭ މިންވަރު %75 އަށް އިތުރުވެގެންދާނެ ކަމަށެވެ.

"ސާޖިކަލް ވައްތަރުގެ މާސްކަކީ ފިލްޓަރއަށް ރަނގަޅު އެއްޗެއް. އެހެން ނަމަވެސް އެއީ އެހާ ރަނގަޅަށް ފިޓްވާ އެއްޗެއްނޫން. އޭގެ ބޭރުން ފޮތި ލޭޔަރެއް ލައިފިނަމަ މާސްކް އިތުރަށް ފިޓްވެ، ގެޕްތައް ބެދި، ޚާއްސަކޮށް ކޯތާފަތާއި ނެފަތް ކައިރިން ލީކްވުންވެސް ހުއްޓޭނެ" ޕްރޮފެސަރ ލިންސޭ މާރ

ކޮވިޑް-19 ބަލި ފަތުރާ ވައިރަހާއި، ކުރިން ފެނިފައިވާ ވޭރިއެންޓްތަކާއި އަދި އަލަށް ފެންނަމުންދާ ވޭރިއެންޓްތައްވެސް މާސްކްގެ ޒަރީއާއިން ހުއްޓުވޭނެ ކަމަށް ޕްރޮފެސަރ ލިންސޭ ވިދާޅުވިއެވެ.

ކޮވިޑްބަލިޖެހޭ މީހުންނާ ޚިލާފަށް އަލަށް ފެނިފައިވާ ވޭރިއެންޓްތަކުން ބަލިޖެހޭ މީހުން ވައިގެ ތެރެއަށް ބުރުވާލާ ވައިރަސް ޕާޓިކަލްސްގެ އަދަދު އެތައްގުނަ އިތުރުކަން ޕްރޮފެސަރ ލިންސޭ ފާހަގަކުރައްވާފައި ވެއެވެ. އެހެން މީހުންނަށް ބަލި ޖައްސަން، އައު ވޭރިއެންޓްން ބޭނުންވަނީ މަދު ޕާޓިކަލްސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއް މާސްކްގެ ބަދަލުގައި ދެ މާސްކް އެޅުމަކީ ބަލިން ސަލާމަތްވުމަށް އިތުރު ރައްކާތެރިކަމެއް ލިބިދޭ ކަމެއް ކަމަށް އެމެރިކާގެ ސީޑީސީން ހާމަކުރި ނަމަވެސް، ދެ މާސްކް އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯއިން އަދި ރެކޮމެންޑް ކޮށްފައެއް ނުވެއެވެ.

މާސްކް އެޅުމާ ގުޅޭގޮތުން ޑަބްލިޔޫއެޗްއޯއިން އެންމެފަހުން ގައިޑްލައިން ނެރެފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އޭގައި ބުނެފައިވަނީ، ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ އަދި ދެމީހުންގެ ދެމެދުގައި މަދުވެގެން އެއް މީޓަރުގެ ފިޒިކަލް ޑިސްޓެންސިން ނުބެހެއްޓޭ ހުރިހާ ތަނެއްގައި، އާންމުން މެޑިކަލް ނޫން މާސްކެއް އަޅަންޖެހޭނޭ ކަމަށެވެ.