މިއަދު އަނެއްކާވެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ހަދާފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ އައު ރެކޯޑެއް މިއަދު އަނެއްކާވެސް ހަދާފައިވާ ކަމަށެވެ. އެގޮތުން މިއަދު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4،700 އަށް އަރާފައިވާކަމަށް ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ.

މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާއި، މި ދާއިރާއާ ގުޅުންހުރި އިދާރާތަކުގެ ބުރަ މަސައްކަތް ކަމަށް ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑް-19ގެ ކުރިން އޮތް ހާލަތަށް ދާކަމުގެ ފެހި ސިގުނަލެއް ކަމަށް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވާކަން ފާހަގަކޮށް މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އުޖާލާކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 124،753 އަށް އަރާފައެވެ. މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މިމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 32،650 އަށް އަރާފައިވާކަމަށާއި، އަދި މިދިޔަ ޖެނުއަރީ މަހުތެރޭ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 92،103 އަށް އަރާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ރަޝިއާއިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ރަޝިއާއިން މިއަހަރުތެރޭ 27،041 ފަތުރުވެރިއަކު ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށާއި، އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 26،292 އަށް އަރާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ޔޫކްރެއިނުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8،867 އަށް އަރާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.