ބޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "ޓައިގަރ" ގެ އެންމެ ފަހުގެ ފިލްމު "ޓައިގަރ-3" ގައި ވިލެންއެއްގެ ރޯލް ކުޅެން އެކްޓަރު އިމްރާން ހާޝްމީ އެއްބަސްވެއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ މަހޭޝް ބަޓްއަށް ބޮޑުބޭބެކިޔާ އިމްރާން ހާޝްމީއަކީ ދެހާހުގެ އަހަރުތަކުގެ ތެރޭގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ އެކްޓަރެކެވެ.

އިމްރާން ޙާޝްމީ އެންމެ ފުރަތަމަ ކުޅެފައިވަނީ ބޮޑު ބޭބެ ވިކްރަމް ބަޓްގެ "ފޫޓްޕަތް" ކިޔާ ފިލްމެކެވެ.

އެއަށްފަހު އޭނާއަށް ގިނަ ފިލްމްތަކެއް ކުޅުމުގެ ފުރުސަތުވަނީ ލިބިގެންގޮސްފައެވެ.

އޭގެތެރޭގައި އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ، ފިލްމު "މާޑާރ" "ގެންގްސްޓަރ"، "ވަންސް އަޕޮން އަޓައިމް"، "ދަ ޑާޓީ ޕިކްޗަރ" އަދި ފިލްމު "ޖަންނަތް" އެވެ.

މީގެއިތުރުންވެސް 2018 ވަނަ އަހަރު އޭނާ ކުޅުނު ވެބް ސީރީސް "ބާރޑް އޮފް ބްލަޑް" އަކީވެސް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ސީރީސްއެކެވެ.

އިމްރާން ހާޝްމީ "ޓައިގަރ-3" ކުޅެން އެއްބަސްވެފައިމިވަނީ އޭނާގެ ފިލްމެއް ސްކްރީނަށް ނާންނަތާ ވަރަށް ގިނަ ދުވަސްތަކަކަށްފަހުއެވެ.

މިފިލްމުގައި އިމްރާން ހާޝްމީ އާއި ފިލްމުން މެއިން ލީޑް ސަލްމާންގެ ބޮޑު ކުރިމަތިލުމެއް ފެނިގެންދާނެއެވެ.

ޔާޝް ރާޖް ފިލްމްސްގެ މިފްރެންޗައިޒްއަކީ އިމްރާން ހާޝްމީ އާއެކު ސަލްމާން ޚާން އަދި ބަތަލާ ކެޓްރީނާ ކައިފް ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރުވެސްމެއެވެ.

ރިޕޯޓްތައް ބުނާގޮތުން އިމްރާންއާއެކު ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ޝޫޓްކުރަން ހަމަޖެހިފައިވަނީ ވައިއާރްއެފް ސްޓޫޑިއޯގައެވެ.

މިފިލްމުގެ ބައެއް މަންޒަރުތައް ދުބާއީގައި ނެގުމަށް ހަމަޖެހިފައިވީ ނަމަވެސް މިހާރު ފިލްމުގެ ބައެއް މަންޒަރުތައް ތުރުކީގެ އިސްތަންބޯލްގައި ނެގުމަށް ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓުތައްވެސް މިދޭތެރެއިންވަނީ ލިބިފައެވެ.

ފިލްމުގެ މެއިން ލީޑް އަދި ކާމިޔާބު އެކްޓަރ ސަލްމާން ޚާން "ޓައިގަރ-3" އިން ފެނިގެންދާނީ ސަލްމާންގެ ގާތް އެކުވެރިޔާ އަދި ކިންގް ޚާންގެ ފިލްމު "ޕަތާން" ގެ ކްލައިމެކްސް ޝޮޓަށްފަހުއެވެ.