ކޮވިޑްގެ ބަލިމަޑުކަމުގައި އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު އެ ޖަރާސީމުގެ ބިރުވެރިކަން ބޮޑުނޫން ދުވަސްވަރެއް މީގެކުރީން ނުފެންނަ ކަހަލައެވެ. ޤައުމީ ޞިއްޙީ ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ ޙަވާލުވެފައިވާ މުއައްސަސާތަކާއި އިދާރާތަކުގެ ފިކުރު ހުސްވެ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހުނު ފިޔަވަޅުތަކުގެ ވާހަކަ އަޑުއިވުނަސް ބިރުން ފިތްކަނޑައިގެންދާ ވަރުވިއެވެ. އިޤުތިޞާދަށް އައި ބިންހެލުމެވެ. ދަތުރުފަތުރަށް އެރި ލޮޅުމެވެ. ދައުލަތުގެ ބައިތުލްމާލު ފިސްފިސްވެގެން ހާސްކަމުގެ ތެރެއަށް ވައްޓައިލި ޙާލަތެވެ.

މިހުރިހާކަމެއް ކުރިމަތިވީ އަޅަން ޖެހުނު ފިޔަވަޅުތަކުގެ ސަބަބުންނެވެ. ފިޔަވަޅުތައް އަޅަން ޖެހުނީ ނޮވިޑް ކޮރޯނާ ވައިަރސް މުޅި ދުނިޔެ ހުއްޓުމަކަށް ގެނައުމާއި ގުޅިގެންނެވެ. ނަމަވެސް އެކަން ކުރަން މަޖުބޫރުވީ މުޅި އިންސާނިއްޔަތު ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެތީއެވެ. ކާފިއު ހިންގުމާއެކު މިސްކިތްތައް ބަންދުކުރާ ހިސާބަށް ދިޔައެވެ. މާތްވެގެންވާ ޙައްޖުގެ އަޅުކަމަށް މައްކާއަށް އެރުންވެސް މަނާވިއެވެ. މުދިމަކު ފިޔަވައި އެހެން މީހަކު މިސްކިތަށް ނޭރުމަށް އިލްތިމާސް ކުރެވުނެވެ. ސްކޫލްތަކާއި ޔުނިވަރސިޓީތައް ބަންދުވިއެވެ. ސައިހޮޓާތަކާއި ކެފޭ ރެސްޓޯރެންޓުތައް ބަންދުކޮށް ފިހާރަތަކާއި މޯލްތަކުން ޚިދުމަތް ދިނުން ގާތްގަނޑަކަށް މުޅީ އޮންލައިނަށް ބަދަލުވިއެވެ. ބޭރަށް ނިކުމެ އުޅުން މަނާވެ ޑިލިވަރީ ނުވަތަ އޯޑަރު ކުރީމާ ނޫނީ އަސާސީ ތަކެތިވެސް ގޭގެއާއި ހިސާބަށް ނުލިބޭ ހިސާބަށް ދިޔައެވެ. އަދި އެފަދަ ތަންތަނުގެ ޚިދުމަތްދޭ ވަގުތުތައް ހަނިކުރެވިގެން ދިޔައެވެ. މާސިންގާ ކަނޑުގެ ތެރޭގައި ކުދިކުދި ރަށްތަކަކުން އުފެދިފައިވާ މި ރާއްޖޭގެ އެތެރޭގެ ދަތުރުތައް ހުއްޓުވި އިރު ބައިނަލްއަޤުވާމީ ދަތުރުފަތުރު ހުއްޓުމަކަށް އައެވެ. އެބަޔަކު ތިބިތަނަކަށް އެކަހެރިވެ ބަންދެއްގައި ތިބެން މަޖުބޫރުވިއެވެ.

މިހިސާބަށް ދިޔައިރު ކޮވިޑްގެ ބިރުވެރިކަން ހުރީ ޝައްކު ކުރެވޭ މީހެއް ދިރިއުޅޭ ގެއަކާއި ހިސާބު އެއްކޮށް ބަންދުކުރެވި އަވަށްޓެރިއަކަށްވެސް އެމަގުން ޖެހިގެން ހުރި ގެއަށް ނުވަތަ އެއްމެދު އިމާރާތެއްގެ އަނެއް ފަންގިފިލައަށްވެސް ނޭރޭ ހިސާބުގައެވެ. ޗާރޓުތަކުން ކުރަހަމުން ގެންދިޔަ ރޮނގުތައް އަރައިގެން ދިޔަތަން ފެނުނީ ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް އުސް ފަރުބަދައަކަށްވުރެ އުސްވެގެން ދިޔަ ތަނެވެ. ގިނަ ދުވަހެއްނުވެ ރާއްޖެއިން ކޮވިޑް ބަލީގެ ފުރަތަމަ މަރުވެސް ފެނިގެން ދިއުމަކީ މި ވަބާގެ ނުރައްކަލުގެ އަޑު އިވިގެން ދިޔަ ޑަނޑޫރައަކަށެވެ. ދުވާލަކަށް، މި ބައްޔަށް ފައްސިވެ ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރެވޭ މީހުން އިތުރުވަމުން ދިއުމެވެ.

މިއީ އަދި ފިޔަވަޅުތަކުގެ ކުޑަ މިންވަރެކެވެ. އިތުރު ފިޔަވަޅުތައް ގިނަވެގެން ދިޔައީ ހީވެސް ނުކުރާހާ ބާރުމިނުގައެވެ. ފަތުރުވެރިކަން ހުއްޓުމާއިއެކު ރިސޯރޓުތަކަކީ ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޤައުމަށް އަނބުރައި ގެންނަ މީހުން ކަރަންޓީނުކުރާ މަރުކަޒުތަކަކަށް ހެދުނެވެ.

ވަގުތަކީ ޙާލަތު ބަދަލުކުރާ އެއްޗަކަށްވާތީ މަޑުމަޑުމަޑުން ޙާލަތު ރަނގަޅުވަމުންދާކަމުގެ އިޝާރާތްތައް ލިބެމުންދިޔައެވެ. އަދި އެއާއެކު ފިޔަވަޅުތަކަށް ލުއިލިބެންފެށިއެވެ. ޢާންމު ޙާލަތަކަށް އަނބުރައި އާދެވިދާނެ ކަމުގެ އުއްމީދު އާވަމުން ދިއުމާއި ގުޅިގެންނެވެ. ޖަނާޒާތަކަށް ނުދެވި ނިކަމެތިޙާލުގައި ތިބެން ޖެހުނު ދިގު ދުވަސްތަކެއްގެ ހިތާމައަށް އުއްމީދުގެ އަލިކަން ލިބެންފެށީ އެހިސާބުންނެވެ. ދިގު 3 މަސްދުވަހުގެ ބަންދުން ވީއްލިއްޖެ ކަހަލަ އިޙުސާސްތަކެއް ކުރެވެން ފެށުނެވެ. މިސްކިތްތަކުގެ ޖަމާޢަތްތައް ހުޅުވައިލެވުނެވެ. ސްކޫލްތަކުގެ މަތީ ގްރޭޑްތަކާއި ޔުނިވަރސިޓީތައް މަޑުމަޑުން ހުޅުވެމުން ދިޔައެވެ. ތިންމަސްދުވަހުގެ ކާރފިއު ދުވާލުގެ ވަގުތުތަކަކަށް ބަދަލު ކުރެވުނެވެ. އަދި މަޑުމަޑުން ގޮސް އުވައިލިއެވެ.

ނަމަވެސް އަނެއްކާ މިވީ ކީއްބާވައެވެ؟ މާގިނަ ދުވަހެއް ނުވެއެވެ. ކާފިއުގެ ވަގުތުތައް ގިނަވެގެންދާން ފެށީއެވެ. ލުޔާއެކު ދިން އެއްވުންތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާވީއެވެ. އެއްރަށުން އަނެއްރަށަށް ދަތުރުކުރާ މީހުން ކަރަންޓީނަށް ދާން ޖެހުނީއެވެ. އެކަހެރިކޮށް މުޖުތަމަޢުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން އަމިއްލަ ގޭގައިވެސް ވަކި ކޮޓަރިއެއްގައި ބަންދުވާން މަޖުބޫރުވީއެވެ. ޢާންމު ޚިދުމަތްދޭ ތަންތަނަށްވަގުތު ކަނޑައަޅައި މަގުމަތީގައި ހިނގުންވެސް ކުށަކަށްވާ ހިސާބަށް ދިޔައީއެވެ. 4 ބައި ގަޑިއިރުން 12 ގަޑައިއިރަށް ކާރފިއުގެ ވަގުތު ދިގުވެގެން ދިޔައީއެވެ.

ނަމަވެސް މިއީ ފުލުހުން ދައުރު ދައުރު ފުޅާކުރިކަމަށް ދާދިފަހުން އިޢުލާންކުރުމާއި އެކު ލިބިގެން ދިޔަ އެހެން ކާމިޔާބެކެވެ. ދައުލަތަކަށް އާމްދަނީ ހޯދާ ވަސީލަތަކަށް ފުލުހުން ވެގެން ދިއުމެވެ. މަގުމަތީގެ ޑިއުޓީ އަދާކުރާ ކޮންމެ ފުލުހަކީ ކާރފިއުގަޑީގައި މަގުމަތީން ފެންނަ ކޮންމެ މީހަކު ޖޫރިމަނާކުރަން ސްލިޕެއް ދޫކުރާ މީހަކަށްވީއެވެ.

މިގޮތަށް ޖޫރިމަނާ ސްލިޕް ދޫކުރުމަކީ ފުލުހުންނަށް މިއަދު އާކަމެއް ނޫނެވެ. ޓެކްސީތަކާއި ޢާންމު ސައިކަލުތަކުގައި ސްޓިކާ ޖަހައިގެން ދައުލަތަށް އާމްދަނީ ހޯދައިދިނުން އެއީ އެމީހުން ކުރަން ޖެހިފައިވާ ކަމެކެވެ. އެހެންވީމާ ކާރފިއު ގަޑީގައި ހިނގައިއުޅޭ މީހަކު އެއްހާސް ރުފިޔާއިން ޖޫރިމަނާކުރުމަކީ ކުރެވިދާނެކަމެއް ކަމަށް ފަޚުރާއެކު ފުލުހުން ގެންދަނީ ބުނަމުންނެވެ. އެގޮތުން މިހާރުވެސް ރޭގަނޑުގެ މެންދަމުގެ 11 އިން ފެށިގެން ފަތިހު 04:30 އަށް ގްރޭޓަރ މާލެ ސަރަޙައްދުގައި މަގުމަތީގައި ބޭނުމެއްނެތި އުޅޭ މީހުން ޖޫރިމަނާކުރުމުގެ ބާރު ފުލުހުންގެ ބަޔާނަކުން މިވަނީ އިޢުލާން ކޮށްފައެވެ. ދުއްވާއެއްޗެއްގައި ވިޔަސް އަދި މަގު ހިނގައިފައި އުޅުނަސް ހާހަކުން ޖޫރިމަނާ ކުރެވޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑް ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެގެންދިޔަ ދުސްވަސްވަރުކަމަށް އޭރު ދެކެމުންދިޔަ ނަޒަރިއްޔާ މިއަދު މިވަނީ ބަދަލުވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ކޮވިޑްގެ އެންމެ ނުރައްކާ ޙާލަތު ކަމުގައެވެ. ނަމަވެސް އެންމެ ނުރައްކާ ޙާލަތު ބަދަލުވެ ލުއިތައްދިނީ ކީއްވެ ކަމެއް ނޭނގުނެވެ. ބަންދު ކުރެވުނު ފިޓްނަސް ކްލަބްތަކާއި ސިނަމާތަކާއި އުގަންނައިދޭ ކްލާސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމަށްފަހު ހަފްތާއެއްގެ ތެރޭގައި ނުވަތަ ދޮޅަސް ދުވަސްވެސް ނުވެ މިވަނީ އެތަންތަން ބަންދުކުރަން ޖެހިފައެވެ. ނަމަވެސް ކޮވިޑް-19 މިނަން ނޮވިޑް ކޮރޯނާ ވައިރަސް ނުވަތަ ވޫހާން ވައިރަސްގެ ނަމުގައި ފެތުރުނު މިވަބާއަށް ދިނުމުގެ ކުރީންވެސް މިއީ މިއުޓޭޓްވެގެން ވިހަގަދަ ނުވަތަ ނުރައްކާތެރިކަން އިތުރުވެގެން ހިނގައިދާނެ އެއްޗެއްކަން އެނގެއެވެ. އެކަން ދުނިޔޭގެ ސައިންސްވެރީންނާއި މި ވައިރަހަކީ ޢާލަމީ ވަބާއަކަށްވެދާނެ ކަމުގެ އިންޒާރު ދެެއްވަމުން ގެންދެވި ބޭފުޅުން ދައްކަވަމުން ގެންދެވިއެވެ. އެހެން ނަމަވެސް އޭރު އެވާހަކަ ޢާންމުންގެ ތެރެއަށް ހާމަ ނުކުރެވުނީ ކީއްވެ ބާވައެވެ؟ ނުވަތަ ރާއްޖެއަށް ފެތުރިގެން ދިޔަ މިފަދަ ބިރުވެރި ވަބާތަކުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ކަންކުރާނެ ގޮތް ދަސްނުކޮށް ތިބީ ބާވައެވެ؟ 20 ވަނަ ޤަރުނުގެ ކުރީކޮޅާއި ހަމަ އެ ޢަރުނުގެ ފަހު ވިއްސަށް އެޅެމުންދިޔައިރު ފެތުރުނު ކޮލެރާ ވައިރަހާއި އެނޫންވެސް ފަނާކުރަނިވި ބަލިތަކުން ލިބުނު ޢިބްރަތްތަކާއިމެދު ފިކުރު ނުކުރަނީ ބާވައެވެ؟ މިފަދަ އެތައް ސުވާލެއް ޢާންމުންގެ ހިތުގައި ދަނީ އުފެދެމުންނެވެ. ޢިލްމީ ނަޒަރިއްޔާއާއި ތަރުބަވީ ތަޖުރިބާތަކުގެ އަލީގައެވެ.

ނަމަވެސް މިއަދު ކޮވިޑް-19 ގެ ފުރަތަމަ ރާޅާއި ދެވަނަ އަދި މިހާރު ޖަހަން ފަށައިފައިވާ ތިންވަނަ ރާޅު މިވަނީ ތަފާތުވެފައެވެ. މިހާރު ފެންނަމުން މިދަނީ ކޮވިޑް-19 ގެ ބާރުގަދަ އަސަރުތަކެއް ހުންނަ ވައިރަހެކެވެ. ފުރަތަމަ ރާޅުގައި ފެނުނު ވައިރަހާއި ތަފާތުކޮށް މީހުންގެ މެދުގައި މާބާރަށް އަދި އަވަހަށް ފެތުރޭ ފަކުސައެކެވެ.

މި ސަބަބުތަކަށްޓަކައި މިހާރަށްވުރެ ބޮޑަށް ދެފުށް ފެންނަ ގޮތަށް ކަންކަން ސާފުވާން ޖެހެއެވެ. ބައްޔާއި ބަލި ޖައްސާ ފަކުސައާއިގުޅޭ އިތުރު ތަފްޞީލުތަކާއި ސައިންސްގެ ހޯދުންތަކުގެ މަޢުލޫމާތު އާންމުންނަށް ތިލަވާގޮތަށް ބުނެދޭން ޖެހެއެވެ. ސަބަބަކީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ފެށުނު ވެކްސިން ޖެހުމުގެ ޕްރޮގްރާމާއެކު ފެނިގެން ދިޔައީ ކޮވިޑް ރަތަށް އެރިތަނެވެ. ފުލުހުން ހާހުން ޖޫރިމަނާކުރަން ފެށިތަނެވެ. މިހެންވީމާ މީހުންގެ ސުވާލުތައް ހުންނާނެއެވެ. ފިޔަވަޅުތަކާއި މެދު ޝައްކުގެ ނަޒަރިއްޔާއިން ދެކެން ފަށާނެއެވެ. އެޗްޕީއޭއާއި ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވެސް ވާނެއެވެ. މީހުން ޖޯކު ޖަހައި ކޮވިޑް ފެތުރޭ ވަގުތާއި ފެތުރޭ ސްޕީޑަށް ބަދަލު އަންނަ ވަގުތު ބަލައިގެން އެވަގުތަށް ކާރފިއު އިޢުލާންކުރަނީތޯ އަހާނެއެވެ.