އެސްޓްރަޒެނެކާއާ ގުޅިގެން ތަރައްގީކޮށްފައިވާ ކޮވިޑް ވެކްސިން ކުޑަކުދިންނަށް ދިނުމަށް ރައްކާތެރިތޯއާއި، އެ ވެކްސިން، ކޮވިޑްބަލިން ކުޑަކުދިން ދިފާއުކޮށްދޭ މިންވަރު ދެނެގަތުމަށް އޮކްސްފޯޑް ޔުނިވަރސިޓީން ދިރާސާއެއް ފަށައިފިއެވެ.

މިއީ، އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން ކުޑަކުދިންނަށް ދެވިދާނެތޯ ބެލުމަށް ހަދާ ފުރަތަމަ ދިސާރާއެވެ.

އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރަޒެނެކާ ގުޅިގެން ތަރައްގީކޮށްފައިވާ ކޮވިޑް ވެކްސިން މިހާރު ދެނީ ހަމައެކަނި 18 އަހަރުން މަތީގެ މީހުންނަށެވެ.

އޮކްސްފޯޑް ޔުނިވަރސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިރާސާގައި ބަލާނީ އުމުރުން 6 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުގެ ކުދިންނަށް ވެކްސިން ދީގެން، ބަލިން ދިފާއުކޮށްދޭ މިންވަރު ދެނެގަތުމަށް ކަމަށެވެ.

މިކަމަށް ގާތްގަނޑަކަށް 300 ވޮލަންޓިއަރުން ބޭނުން ކުރާނެ ކަމަށާއި، އަދި ފުރަތަމަ ޓެސްޓް މިމަހުގެ ތެރޭގައި ހަދާނެ ކަމަށް އޮކްސްފޯޑުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ދިރާސާ ހެދުމަށް ވެކްސިންގެ ޑޯޒްތައް ދެވޭނީ 240 ކުދިންނަށް ކަމަށާއި، އެހެން ކުދިންނަށް ދޭނީ ކޮންޓްރޯލް ބޭހެއް ކަމަށްވެސް އޮކްސްފޯޑުން ބުނެފައި ވެއެވެ.

އޮކްސްފޯޑް ވެކްސިން ޓްރައިލްސް ކޯ-ޗީފް އިންވެސްޓިގޭޓަރ އެންޑްރޫ ޕޮލާޑް ވިދާޅުވީ، ކޮރޯނާވައިރަސްގެ އަސަރު ގިނަ ކުޑަކުދިންނަށް ކޮށްފައި ނުވާ ކަމަށާއި، އަދި ކުޑަކުދިންނަށް ބަލި ޖެހުނަސް ބަލީގެ ހާލަތު ގޯސްވެދާނެ ކަމަށްވެސް ނުބެލެވޭ ކަމަށެވެ.

އެހެން ނަމަވެސް، ކުޑަކުދިންނާއި ޒުވާން ކުދިންނަށް ވެކްސިން ރައްކާތެރިތޯއާއި، ބަލިން ދިފާއުކޮށްދޭ މިންވަރު ދެނެގަނެވިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް އެންޑްރޫ ޕޮލާޑް ވިދާޅުވިއެވެ.

ވެކްސިންގެ ސަބަބުން ބައެއް ކުދިންނަށް އޭގެ ފައިދާ ކޮށްފާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮކްސްފޯޑް-އެސްޓްރަޒެނެކާ ގުޅިގެން ތަރައްގީކޮށްފައިވާ ކޮވިޑް ވެކްސިންއަށް ދުނިޔޭގައި ބައެއް ފަރާތްތަކުން މުޚާތަބު ކުރަނީ "ވެކްސިން ފޮރ ދަ ވޯރލްޑް" ގެ ގޮތުގައެވެ. އޭގެ ސަބަބަކީ އެ ވެކްސިންގެ އަގު ހެޔޮވެފައި، ވާދަވެރި އެހެން ކުންފުނިތަކުން އުފައްދާފައިވާ ވެކްސިންތަކަށްވުރެ އެއް ތަނުން އަނެއް ތަނަށް އުފުލުގައި ލިބިދޭ ފަސޭހައިގެ ސަބަބުންނެވެ.

އެސްޓްރަޒެނެކާއިން މިހާރު އަމާޒު ހިފާފައިވަނީ މިއަހަރުގެ ތެރޭގައި 3 ބިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމަށެވެ. އެގޮތުން، މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮންމެ މަހަކު 200 މިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން އުފައްދާނޭ ކަމަށް އެސްޓްރަޒެނެކާއިން ހާމަކޮށްފައި ވެއެވެ.