މިސީޒަންގައި މެންޗެސްޓަރ ސިޓީގެ މެދުތެރޭގައި ތަފާތު ދައްކަމުން އަންނަ ގުންޑޮގާން ޓޮޓެންހަމް ކޮޅަށްވެސް ދެގޯލް ޖަހާ ސިޓީން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާގައި އޭނާގެ ދައުރުގެ މުހިއްމުކަން ސާބިތުކޮށްދީފިއެވެ.

މިދިޔަ ހަފްތާގައި ލިވަޕޫލްކޮޅަށްވެސް ދެގޯލް ޖެހި މިޑްފީލްޑަރ ޓޮޓެންހަމް ކޮޅަށް ދެ ގޯލް ޖެހީ މެޗުގެ ދެވަނަ ހާފްގައެވެ. 3-0 ން ސިޓީ ކުރި ހޯދި މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ރޮޑްރީއެވެ. އޭގެ ކުރިން ޓޮޓެންހަމްއަށް ލިބުނު ހިލޭޖެހުމެއް ހެރީ ކޭން ފޮނުވާލުމުން އަމާޒުވީ ދަނޑިއަށެވެ. ފުރަތަމަ ހާފްގައި ޖެސޫސް ފޮނުވާލި ބާރު ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. ޓޮޓެންހަމް އަތުން ހޯދި މޮޅަކީ ސިޓީން މިސީޒަންގައި ވިދިވިދިގެން ހޯދި 15 ވަނަ މޮޅެވެ. މިމޮޅާއެކު ސިޓީ އެއްވަނާގައި އޮތީ 7 ޕޮއިންޓްގެ ލީޑަކާއެކުއެވެ. ސިޓީއަށް މެޗެއް އިތުރަށް އޮތުމުން ލީޑް 10 ޕޮއިންޓަށް ފުޅާކުރުމުގެ ފުރުޞަތު އެބައޮތެވެ.

ދެވަނާގައި އޮތީ އިއްޔެ ހަވީރު ޗެމްޕިއަން ލިވަޕޫލް ބަލިކުރި ލެސްޓަރ ސިޓީއެވެ. ލިވަޕޫލްގެ މައްޗަށް ލެސްޓަރ ސިޓީން ކުރި ހޯދީ 3-1 ނެވެ.