ލަޔަނަލް މެސީގެ އިތުރުން ޒުވާން ކުޅުންތެރިޔާ ޓްރިންކާއޯގެ ބޮޑު ޙިއްޞާއަކާއެކު އަލަވޭސްގެ މައްޗަށް ބޮޑު މޮޅެއް ބާސާއިން ހޯދައިފިއެވެ. ލަލީގާގައި އަލަވޭސްގެ މައްޗަށް ބާސާ ކުރި ހޯދީ 5-1 ންނެވެ.

މިމޮޅާއެކު ބާސާއިން ވަނީ ލީގުގައި ވިދިވިދިގެން 7 ވަނަ މޮޅު ހޯދާފައެވެ. މިމެޗުގައި މެސީގެ އިތުރުން ފްރާންސިސްކޯ ޓްރިންކާއޯ ދެ ގޯލް ޖެހިއެވެ. މިއީ މެސީ ލަލީގާގައި ކުޅުނު 505 ވަނަ މެޗެވެ. ކުރީގެ އެއްވަނަ މިޑްފީލްޑަރ ޒަވީވެސް ލީގުގައި މެޗު ކުޅެފައިވަނީ އެއަދަދަށެވެ. އަނެއްކޮޅުން މެޗުގައި ދެ ލަނޑު ޖެހީ ޓްރިންކާއޯ ލަލީގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗަކީވެސް ރޭގެ މެޗެވެ. އަލަވޭސްގެ ލަނޑު ޖެހީ ލުއިސް ރިއޮޚާއެވެ.

މިމޮޅާއެކު ބާސެލޯނާ ތާވަލްގެ ދެވަނާގައި އޮތީ ތިންވަނާގައި އޮތް ރެއާލްމެޑްރިޑާ މެޗުގެ އަދަދާއި، ޕޮއިންޓް އެއްވަރުވި ނަމަވެސް ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. ތާވަލްގެ އެއްވަނާގައި އޮތީ ރޭ 2-1 ން ގްރަނާޑާ ބަލިކުރި އެތްލެޓިކޯ މެޑްރިޑެވެ. އެތްލެޓިކޯ އެއްވަނާގައި އޮތީ 54 ޕޮއިންޓާއެކުއެވެ.