އަންނަ މާޗްމަހުން ފެށިގެން ދައުލަތުގެ އޮފީސްތަކަށް ފައިސާ ބަލައިގަންނާނީ ހަމައެކަނި އޮންލައިންކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސަރކިއުލާއެއްގައި ބުނީ އަންނަ މާޗްމަހުގެ 25 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ އިދާރާތަކަށް ފައިސާ ބަލައިގަތުން އޮންލައިންކުރަން ނިންމާފައިވާކަމަށެވެ.

އެގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި، ރާއްޖެއިން ބޭރުގައި ގާއިމްކޮފައި ހުރި ސަރުކާރުގެ އޮފީސްތަކާއި، އަދި ލޯކަލް ކައުންސިލްތައް ފިޔަަވައި، ދައުލަތުގެ ހުރިހާ އޮފީހަކުން ފައިސާ ބަލައިގަތުން ކުރިއަށްދާނީ އޮންލައިންކޮށްކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން އަންނަ މަހުން ފެށިގެން ދައުލަތުގެ އިދާރާތަކަށް ފައިސާ ދެއްކުން އޮންލައިންކުރުުގެ މަސައްކަތް ފެށުމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބަޔާންކުރާ މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު މިމަހުގެ 25 ގެ ކުރިން ފިނޭންސް މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ އިދާރާތަކުން ފައިސާ ބަލައިގަތުން އޮންލައިންކުރިނަމަވެސް، ޕަންލިކް އެކައުންޓިން ސިސްޓަމްގައި ހިސާބުތައް ގަވައިދުން ރެކޯޑު ކުރަންޖެހޭނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަތުން އަތަށް ފައިސާ ދިނުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާ ދެެއްކުމުގެ އިންތިޒާމުތައް ހަމަޖައްސަން މިދިޔަ އަހަރުތެރޭ ދައުލަތުގެ އިދާރާތަކަށް ވަނީ އަންގާފައެވެ. މިއާއެކު ގިނަ އިދާރާތަކަކުން އަދިވެސް ފައިސާ ބަލައިގަންނަމުން ދަނީ އޮންލައިންކޮށެވެ.

މިކަމަށް މަގުފަހިކުރުމަށް ބީއެމްއެލްއިން މީގެ ކުރިން ވަނީ ދައުލަތުގެ އޮފީސްތަކަށް ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ބީއެމްއެލްގެ މޯބައިލް ޕޮއިންޓް އޮފް ސޭލް މެދުވެރިކޮށް ހަމަޖައްސައިދީފައެވެ.