ނިއުޒީލެންޑުގައި ޢާންމު މުޖުތަމޢުގެ ތެރެއަށް ކުއްލިއަކަށް ފެތުރެންފެށި ކޮވިޑް-19އިގެ ބަލިމަޑުކަމަކާއި ގުޅިގެން އެ ޤައުމުގެ އެންމެ ބޮޑު ޝަހަރު 3 ދުވަހުގެ ލޮކްޑައުނަކަށް ހިނގައްޖެއެވެ.

އާދީއްތަ ދުވަހުގެ މެންދަމުން ފެށިގެން އޯކްލޭންޑު ލޮކްޑައުނަކަށް މިދިޔައީ އަދި މުޅީން ސާފުނުވާ ގޮތަކަށް ކޮވިޑް-19އިގެ ކޭސްތަކެއް ފެނިގެންނެވެ.

ބޮޑުވަޒީރު ޖެސިންޑާ އާރޑަން މި ފިޔަވަޅު އަޅުއްވާކަން އިޢުލާން ކުރެއްވީ ޤާނޫނުހަދާ މަޖިލީހުގެ އިސްބޭފުޅުންނާއި ކެބިނެޓުގެ ވަޒީރުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. ބޮޑުވަޒީރު ވިދާޅުވީ އެބޭފުޅުންވެސް ދެކިވަޑައިގަތީ ރައްކާތެރިކަމާއި އެކު ކުރިއަށް ދިއުމަށެވެ. އެއީ ކުއްލިއަކަށް ވާނުވާ ނޭނގޭ ގޮތެއްގައި ކޮވިޑް-19 ފެތުރެންފެށި ގޮތާއި ގުޅޭ ކަންކަން އެނގެންދެން ރައްޔިތުން ރައްކާތެރި ކުރުމުގެ ގޮތުން ކަމުގައެވެ. އޭގެ ތެރޭގައި އަލަށް ފެނިގެން މިއުޅޭ ކޮވިޑް-19 އިގެ ކޭސްތަކަކީ އެންމެ ބާރަށް ފެތުރޭ ވައިރަހުންތޯ ބެލުންވެސް ހިމެނެއެވެ.

މިއީ ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ނިއުޒީލެންޑު ލޮކްޑައުނަކަށްދިޔަ ފުރަތަމަ ފަހަރެވެ. އަދި މި ލޮކްޑައުން ވެގެން ގޮސްފައި މިވަނީ ކާމިޔާބު ކަމާއި އެކު ބަލި ކޮންޓްރޯލްކުރި ޤައުމެއް ފަހަތަށް ފިޔަވަޅެއް އަޅަން ޖެހުނު ސަބަބަކަށެވެ. އަދި މިއީ ނިއުޒީލޭންޑު ހިމެނޭ ސަރަޙައްދުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ފީނިސްބައްތެލީގެ ރޭސްވެސް ފަސްކުރަން ޖެހޭ ސަބަބެކެވެ.

ނިއުޒީލެންޑަކީ މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރުން ކާމިޔާބުކަމައި އެކު ހުއްޓުވި ޤައުމެކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލީގެ ނުރައްކާތެރިކަން ފެތުރެމުންދިޔައިރު ނިއުޒީލެންޑު މީހުން ވަޒީފާތަކާއި މަސައްކަތްތަކަށްނިކުމެ މާސްކާއި އެނޫންވެސް ސަމާލުވާންޖެހޭ ކަންތައްތަކެއްނެތި ކުޅިވަރު ކުޅޭ ތަންނަށާއި ކޮންސެޓުތަކަށް ގޮސް އުޅޭތާ 6 މަސްދުވަސް ވެފައިވެއެވެ.

އާރޑަން ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ބޮޑު ޙަފްލާއެއްވެސް ކެންސަލް ކުރައްވައި ވެލިންޓަނަށް ވަޑައިގެން ކޮވިޑް-19 ފެތުރުން ހުއްޓުވުމިުގެ ކަންކަމާ އުޅުއްވަން ވަނީ ނިންމަވައިފައެވެ. އަދި މިމައްސަލައިގާ އާދީއްތަދުވަހު ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމުގައި އާރޑަންވަނީ ނިއުޒީލެންޑުގެ ރައްޔިތުން ހަރުދނާ ކަމާއި އޯގާތެރިކަމުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ ގޮތަކަށް ކަންކަން ކުރިމަތިވުމުން އެންމެނަށްވެސް އެއް އިޙުސާސެއް ކުރެވޭ ކަމުގައެވެ. އަދި އެނމެންވެސް އަނެއްކާހޭ އަހައިލެވޭ ފަދަ ޙާލަތެއްގައި ތިބި ކަމުގައެވެ. އެހެން ނަމަވެސް ހަނދާން ބަހއްޓަންވީ ކަމަކީ ކުރީންވެސް މިޙާލަތުގައި ތިބި ކަމަށާ އެހެންވީމާ ގުޅިގެން މިކަމުން އަރައިގަނެވޭނެ ކަން އެންމެނަށްވެސް އެނގޭ ކަމުގައެވެ.

ނިއުޒީލެންޑުގެ އެންމެ ބަލިކަށި ހިސާބު ފެށެނީ ސަރަޙައްދު ހުރަސްކުރާ ރޮނގުމަތީންނެވެ. އަދި ބަލީގެ އާ ކޭސްތައްވެސް ފެންނަނީ އެނބުރި އަންން ދަތުރުފަތުރުވެރީންގެ ތެރޭގައެވެ. އެހެންވުމާއި އެކު ނިއޒީލެންޑުންވެސް އަޅާ އެންމެ މުހިންމު ފިޔަވަޅަކީ އެގޮތަށް އެނބުރި އަންނަ ކޮންމެ މީހަކު ދެހަފްތާގެ ކަރަންޓީނެއްގައި ތިބެންޖެހުމެވެ. އަދި ނިއުޒީލެންޑުން އަޅައިފައިވާ ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި އެކުވެސް އެނބުރި އަންނަ މީހުންގެ ފަރާތުން ރަށުތެރެއަށް ކޮވިޑް-19 ލީކުވެގެން ދެއެވެ. ނަމަވެސް ނިއުޒީލެންޑުން ވަރަށް ހަރުދަނާ ގޮތެއްގައި މުޖުތަމަޢުގެ ތެރެއަށް ބަލި ފެތުރުނަނުދީ ކޮންޓްރޯލު ކުރެއެވެ.

އޮފިޝަލުން މިހާރު ގެންދަވަނީ މިފަހަރުވެސް މި ދިމާވީ އެނބުރި އައިސް ކަރަންޓީނުގައި ތިބި ބައެއްގެ ފަރާތުން ލީކުވެގެން ފެތުރުނީތޯ ބެއްލެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.