މިދިޔަ ޖެނުއަރީމަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ އަށް 1.79 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 1.2 އިންސައްތަ ދަށް އަދަދެއް ކަމަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު މީރާއަށް ލިބުނު އާމްދަނީއަށްވުރެ މިއަހަރު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް ދަށްވުން ކަމަށް މީރާއިން ބުނެއެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިގްތިސޯދީ ހަރަކާތްތައް ކުރިއަށްވުރެ މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުން މީރާއިން ފާހަގަކުރެއެވެ.

މިގޮތުން، ގްރީން ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީވެސް މިއަހަރު ދަށްވެފައިވާކަން މީރާއިން ފާހަގަކުރެއެވެ. ނަމަވެސް، ޓޫރިޒަމް ދާއިރާގެ އިގްތިސޯދު މިހާރު ރަނގަޅުވަމުންދާތީ، ޓީޖީއެސްޓީގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުން އަންނަ ކަމަށް މީރާއިން ބުނެއެވެ.

މިއަހަރުގެ ޖެނުއަރީމަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 43.4 އިންސައްތަ ނުވަތަ 777.46 މިލިއަން ރުފިޔާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީން ކަމަށާއި، ޖީއެސްޓީގެ ގޮތުގައި މިއަހަރު 734.60 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 57.35 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، ޓޫރިޒަމް ލޭންޑް ރެންޓް ގޮތުގައި 52.34 މިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 45.57 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ 123.35 މިލިއަން ރުފިޔާ އަށް އަރާކަމަށް މީރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.01 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް މީރާއިން ވަނީ ބުނެފައެވެ.