ލުބުނާނުގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައިފިއެވެ.

ލުބުނާނުން އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ވެރިރަށް ބެއިރޫތުގައި ހުންނަ ރަފީގް ހަރީރީ ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓްގެ ވެރިޔާ ޑރ. މަހްމޫދު ހަސޫންއަށެވެ.

ރަފީގް ހަރީރީ ހޮސްޕިޓަލަކީ، ލުބުނާނުގައި ކޮވިޑްބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރަމުންދާ ހޮސްޕިޓަލެވެ.

ލުބުނާނުގައި ދެވަނައަށް ވެކްސިން ދީފައިވަނީ، އެގައުމުގެ ވަރަށް މަޝްހޫރު ކޮމީޑިއަންއެއް ކަމަށްވާ، އުމުރުން 93 އަހަރުގެ ސަލާހް ޓިޒާނީ ނުވަތަ ސްޓޭޖް ނަމުން ނަމަ އަބޫ ސާލިމްއަށެވެ.

ޑޮކްޓަރަށާއި، ކޮމީޑިއަންއަށް ވެކްސިންދިނީ މީޑިއާގެ ހާޟިރުގައެވެ.

އެމީހުންނަށް ވެކްސިން ދިން ވަގުތު ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު ހަސަން ދިއާބްއާއި، ހެލްތު މިނިސްޓަރ ހަމަދް ހަސަންވެސް އެތަނުގައި ތިއްބެވިއެވެ.

ވަގުތީ ބޮޑުވަޒީރު ހަސަން ދިއާބް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އޭނާ މިއަދު ވެކްސިން ނުޖައްސަވާނެ ކަމަށާއި، އެންމެބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ޚިދުމަތްތެރިންނަށް ކަމަށާއި، ސަބަބަކީ މި ބަލިމަޑު ހާލަތުގައި އެންމެބޮޑު ގުރުބާނީއެއް ވެފައިވަނީ ސިއްހީ ޚިދުމަތްތެރިން ކަމަށެވެ.

އެހެންވެ، އެންމެ ފުރަތަމަ ރައްކާތެރިކަން ދޭންޖެހޭނީ އެމީހުންނަށް ކަމަށް ދިއާބް ވިދާޅުވިއެވެ.

ލުބުނާނަށް ހޮނިހިރު ދުވަހު ބްރަސަލްސްއިން ގެނައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓްގައި ހިމެނެނީ ފައިޒަރ-ބަޔޯއެންޓެކްގެ 28،500 ޑޯޒްގެ ވެކްސިނެވެ.

ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބި، އާދީއްތަ ދުވަހު ވެކްސިން ޖަހަން ފަށާފައިވާއިރު، ލުބުނާނު ސަރުކާރުން އިއުލާންކުރި ވެކްސިން ޕްލޭންގައި ހިމެނެނީ އެންމެ ފުރަތަމަ ސިއްހީ ޚިދުމަތްތެރިންނާއި، އުމުރުން 75 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށެވެ.

ރަފީގު ހަރީރީ ހޮސްޕިޓަލްގެ އިތުރުން، ބެއިރޫތުގެ އިތުރު 3 ހޮސްޕިޓަލެއްގައި އާދީއްތަ ދުވަހު ސިއްހީ ޚިދުމަތްތެރިންނަށް ވެކްސިން ދޭން ފަށާފައި ވެއެވެ.

ބެއިރޫތުގެ 4 ހޮސްޕިޓަލެއްގައި ފުރަތަމަ ވެކްސިން ދޭން ފެށި ނަމަވެސް، ހޯމަދުވަހު އިތުރު ހޮސްޕިޓަލްތަކުން ވެކްސިން ޖަހަން ފަށާނެ ކަމަށާއި، އަދި ދެ ހަފްތާ ތެރޭގައި ލުބުނާނުގެ އެކި ހިސާބުތަކުގައި ކޮވިޑް ވެކްސިން ދިނުމުގެ 57 ސެންޓަރު ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ލުބުނާނުގެ ހެލްތު މިނިސްޓަރ ހަމަދު ހަސަން ވިދާޅުވީ، ވެކްސިން ޖެހުމަށް މިހާތަނަށް 450،000 އަށްވުރެ ގިނަމީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 75 އަހަރުން މަތީގެ 45،000 މީހުންނާއި، ހެލްތު ސެކްޓަރގެ 17،500 މީހުން ހިމެނޭ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ލުބުނާނުގެ އާބާދީގައި ހަމިލިއަން މީހުން ހިމެނެއެވެ. އަދި ސޫރިޔާއާއި ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންވެސް ލުބުނާނުގައި ދިރިއުޅެމުން ގެންދެއެވެ.

ލުބުނާނުގެ ހުރިހާ ރައްޔިތުންގެ އިތުރުން، ސޫރިޔާ އަދި ފަލަސްތީނުގެ ހުރިހާ ރެފިއުޖީންނަށްވެސް ވެކްސިން ދޭނޭ ކަމަށް ހެލްތު މިނިސްޓަރ ހަމަދު ހަސަން ވިދާޅުވިއެވެ.

ލުބުނާނުގެ، ކޮވިޑް ވެކްސިންއާބެހޭ ގައުމީ ކޮމިޓީގެ ވެރިޔާ އަބްދުއްރަހްމާން ބިޒްރީ ވިދާޅުވީ، ފުރަތަމަ ޝިޕްމަންޓްގައި ގެނައި 28،500 ޑޯޒްގެ އިތުރުން، ފައިޒަރ ވެކްސިންގެ އިތުރު ޑޯޒްތައް ކުރިއަށްއޮތް ހަފްތާތަކުގައި ގެނެވޭނެ ކަމަށެވެ.

އަދި ވެކްސިން ޕްރޮގްރާމްގެ ފަހުގެ ސްޓޭޖެއްގައި އެސްޓްރަޒެނެކާގެ ވެކްސިންވެސް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލުބުނާނުގައި މިހާތަނަށް 336،992 މީހަކަށް ކޮވިޑްބަލި ޖެހިފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 3،961 މީހުން ބަލީގައި މަރުވެފައި ވެއެވެ.