ޕްރިމިއަރ ލީގުގައި ރޭ ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ބްރޮމްވިޗް އަލްބިއަން އަތުންވެސް ޔުނައިޓެޑަށް މޮޅެއް ނުހޯދި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ވެސްޓް ބްރޮމްގެ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ.

ރޭގެ މެޗުގައި ދާދި ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވާއިރު މެޗުގެ ވަރަށް ކުރީކޮޅު ވެސްޓް ބްރޮމް އިންވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގައި ލީޑު ނަގާފައެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ކޮނޯ ގެލެގާ އޭރިއާތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީ އެމްބާއޭ ޑިއާންގް އެވެ.

ލީޑުގައި އޮތް ނަމަވެސް ވެސްޓް ބްރޮމް އިން މެޗު ފަސޭހަކޮށްނުލާ ވަރަށް ރަނގަޅަށް ޕްރެސް ކޮށްގެން ކުޅުނުނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ޔުނައިޓެޑަށް ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްދީ މޮޅުކުޅުމެއް ދައްކަމުން އަންނަ އިތުބާރު މިޑްފީލްޑަރު ބްރޫނޯ ފެރްނާންޑޭޒް އެވެ. މިއީ ލޫކް ޝޯ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ވޮލީއަކުން ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާ ބުނީ މެޗުން މޮޅުނުވެނުނު ކަމުގައި ވީނަމަވެސް އެޓީމުން މިވަގުތުވެސް އޮތީ ޕޮއިންޓުތާވަލުގެ އެއްވަނައިގައި އޮތް މެންޗަސްޓަރ ސިޓީއަށް އޮތް ބޮޑު ޗެލެންޖެއްގެ ގޮތުގައި ކަމަށެވެ. އަދި މިވަގުތު ދެޓީމުގެ ދެމެދުގައި ހަތް ޕޮއިންޓު އޮތް ނަމަވެސް އެހާ ފަސޭހަ ކަމާއިއެކު ސީޓީއަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ލީގު ޓައިޓަލް އަށް ވަރުގަދަ ފައިޓެއް ދޭނެ ކަމަށްވެސް ސޯލްޝެއާ ބުންޏެވެ.

ރޭގެ މެޗުން އެއްވަރުވެ ޔުނައިޓެޑުން ވަނީ ޕްރިމިއަރ ލީގުގެ ދެވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. ޔުނައިޓެޑަށް ކުޅުނު 24 މެޗުން 46 ޕޮއިންޓު ލިބިފައިވާއިރު އެޓީމުގެ ފަހަތުން ތާވަލުގެ ތިންވަނައިގައި 24 މެޗުން ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން އޮތީ ލެސްޓަރ ސިޓީއެވެ. ލެސްޓަރގެ މައްޗަށް ޔުނައިޓެޑަށް ތާވަލުގައި ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ އެއްވަނައިގައި އެއްމެޗު މަދުންކުޅެ 53 ޕޮއިންޓާއެކު އޮތީ މެންޗަސްޓަރ ސިޓީއެވެ.

ޕްރިމިއަރ ލީގުގައި މިރޭ ދަންވަރު ޗެލްސީ އިން އަމިއްލަ ދަނޑުގައި ނުކުންނާނީ ނިއުކާސަލް އާއި ދެކޮޅަށެވެ.