ޕްރިމިއަރ ލީގުގައި ރޭ އޮބަމަންގް އިނގިރޭސި ޕްރިމިއަރ ލީގުގައި ހެދި ފުރަތަމަ ހެޓްރިކާއި އެކު އާސެނަލް އިން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ފަސޭހަ ކަމާއިއެކު ކުރިހޯދައިފިއެވެ.

މަންމަ ބަލިވުމާއި ގުޅިގެން ނިމުނު ޖެނުއަރީ މަހު ފަހުކޮޅުގައި އާސެނަލް ކުޅުނު މެޗުތަކުގައި އޮބަމަޔަންގް ފެނިގެންގޮސްފައި ނުވާއިރު ރޭގެ މެޗުގައި އޭނާ ޖެހި ތިންލަނޑާއެކު އޭބާ ޔޫރަޕުގެ ގަދަ ފަސްލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 200 އަށް އަރާފައެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީވެސް އާސެނަލް އިންނެވެ. އަދި އާސެނަލް އިން މެޗުގައި ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިންލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ގްރެނިޓް ޒަކާ ދިންޕާހެއް، އޭރިއާ ތެރެއަށް ވަރަށް ރީތިކޮށް ވަނުމަށްފަހު ފޮނުވާލި ބާރުހަމަލާ ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީ އޮބަމަޔަންގް އެވެ.

އާސެނަލްގެ ދެވަނަ ލަނޑަކީ އޭރިއާ ތެރެއިން ލީޑްސްގެ ކީޕަރު މެސްލިއަރ އަށް ހެދުނު ގޯހެއްގައި އާސެނަލްގެ ބުކާޔޯ ސާކާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މެސްލިއަރ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޮބަޔަންގް ކާމިޔާބުކުރި ލަނޑެކެވެ. އާސެނަލްއިން ފުރަތަމަ ހާފުގައި ޖެހި ފަހުލަނޑު ފުރަތަމަ މިހާފުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހުމިނެޓުގައި ކާމިޔާބުކޮށްދިނީ ހެކްޓަ ބެލެރިން އެވެ.

ދެވަނަ ހާފު ފެށިގެންވެސް މޮޅަށްކުޅުނު އާސެނަލް އިން އެޓީމުން މެޗުގައި ޖެހި ފަހު ލަނޑު އަދި އޮބަމަޔަންގްގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައެވެ. އެހެންނަމަވެސް މިލަނޑާއެކު ލީޑްސް އިންވަނީ ކުޅުން ރަނގަޅުކޮށް އޭގެ 11 މިނެޓުފަހުން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. މިލަނޑު ޕަސްކާލް ސްޓްރުއިކް ކާމިޔާބުކޮށްދިން އިރު ލީޑްސްގެ ދެވަނަ ލަނޑު ޓައިލާ ރޮބާޓްސް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކޯށްދިނީ ހެލްޑަރ ކޯސްޓާ އެވެ.

މިމޮޅާއެކު ކުޅުނު 24 މެޗުން ލިބުނު 34 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ 10 ވަނައިގަ އެވެ. ތާވަލުގެ އެއްވަނައިގައި އެއްމެޗު މަދުންކުޅެ 53 ޕޮއިންޓާއެކު މެންޗަސްޓަރ ސިޓީ އޮތްއިރު ދެވަނައިގައި މެންޗަސްޓަރ ޔުނައިޓެޑް އަދި ތިންވަނައިގައި ލެސްޓަރ ސިޓީއޮތީ 24 މެޗުން 46 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގައި ލެސްޓަރގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.