ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ވެލެންސިއާ އަތްދަށުކޮށް އަނެއްކާވެސް ލަލީގާގެ ޕޮއިންޓް ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑު އަލްފްރެޑޯ ޑި ސްޓެފާނޯ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ތަފާތު މޮޅުކުޅުމެއްދެއްކި ރެއާލްއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާ ލަނޑެއްޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ކަސެމީރޯ އޭރިއާ ބޭރުން ފޮނުވާލި ބާރުހަމަލާއާއި އެޓީމުގެ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.

ރެއާލް އިން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މިހާފުގެ 12 ވަނަ މިނެޓުގައެވެ. މިލަނޑު އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީވެސް ބެންޒެމާ އެވެ. މިއީ މިސީޒަނުގައި ބެންޒޭމާ ރެއާލްއަށް ޖަހައިދިން 17 ވަނަ ލަނޑެވެ.

ފުރަތަމަ ހާފުގައި ވެލެންސިއާއަށް ރެއާލްގެ ގޯލާއި ބޯޅަ އަމާޒުކޮށްލެވިފައި ނުވާއިރު ރެއާލްގެ ދެވަނަ ލަނޑު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ލޫކަސް ވަސްކުއޭޒް ދިން ޕާހަކުން ގޯލް އޭރިއާ ލައިން މަތީގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫޒް އެވެ.

ދެވަނަ ހާފުގައިވެސް މޮޅަށް ކުޅުނު ރެއާލް އަށް މެޗުގެ ނަތީޖާއަށް އިތުރު ބަދަލެއް ނުގެނެވުނު ނަމަވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ވިނިޝަސް ޖޫނިއާ އޭރިއާ ތެރޭ ހުސްވެހުރި ފާލެންޑް މެންޑީއަށް ޖައްސާލި ބޯޅަ އޭނާ ގޯލުގެ ތެރެއަށް ވައްދާލިނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ބޯޅަ ލިބުނުއިރު މެންޑީ އޮފްސައިޑުގައި ހުރިކަމަށް ބަލާ މިލަނޑު ބަލައިނުގަންނަން ނިންމާފައެވެ.

ރޭގެ މެޗުގައިވެސް އަނިޔާގައި ހުރި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ފެނިގެންގޮސްފައި ނުވިނަމަވެސް މެޗުގައި ރެއާލްގެ ޑިފެންސްލައިން ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. ހާއްސަކޮށް މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާ އިން އުފައްދަން މަސައްކަތްކުރި ހަމަލާތައް ދިފާއުކުރުމުގައި ރެއާލްގެ ޑިފެންޑަރުން ފެނިގެންދިޔައީ ވަރަށް ހުށިޔާރުކަމާއިއެކު ޑިފެންސްކުރިތަނެވެ.

ރޭގެ މޮޅާއެކު ރެއާލް އިން އަނެއްކާވެސް ތާވަލުގެ ދެވަނަ މަގާމަށް ޖެހިލިއިރު އެޓީމަށް 23 މެޗުން ވަނީ 49 ޕޮއިންޓް ލިބިފައެވެ. ޕޮއިންޓް ތާވަލުގެ ތިންވަނައިގައި ބާސެލޯނާ އޮތި އެއްމެޗު މަދުންކުޅެ 46 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ރެއާލްއަށްވުރެ ދެމެޗު މަދުންކުޅެ ފަސް ޕޮއިންޓުގެ ލީޑަކާއިއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.