އެމްޑީޕީއަކީ ދިވެހި ރައްޔިތުން އިތުބާރުކުރާ ޕާޓީއަކަށްވީ، އެ ޕާޓީއަކީ "ޖަމްޕު" ޖަހާ ޕާޓީއަކަށް ވާތީ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 172 ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ މިއަދު ދިވެހިން ބޭނުންވަނީ ޖަމްޕެއް ޖަހާލައި، އެމީހުން މިހާރު އެތިބި ހާލަތުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ވަރަށް އަވަހަށް ދިއުމަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ ޖީބަށް ވަންނަ އެއްޗެއް ދެގުނަ އިތުރުވާން އެދޭ ކަމަށާއި، ދިރިއުޅުމަށް ލިބިފައިވާ ޖާގައާއި، ލިބިފައިވާ ފުރުސަތުތަކުގެ އިތުރުން، ދަރިންނަށް ލިބޭ ތައުލީމާއި، ސިއްހީ ފަރުވާއާއި، އުމްރާނީ ހިދުމަތްތައްވެސް ދެގުނަ މައްޗަށް ޖެހެން ދިވެހިން އެދޭ ކަމަށެވެ. މި ހާލަތު ބަދަލުވާން އޮތީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށާއި، އެމްޑީޕީއަކީ ދިވެހިން އެހެން ހާލަތަކަށް ގެންދިއުމުގެ ފުޅާ ވިސްނުން އަބަދުވެސް ގެންގުޅޭ ޕާޓީއެއް ކަމަށާއި، އެ ވިސްނުން ރައްޔިތުންނަށް ހުށަހަޅައިދީ، އެ ވިސްނުން ތަންފީޒުކުރާ ޕާޓީއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ ވެރިކަން ނިމިގެން މި ހިސާބަށް އާދެވުނު އިރު، އެމްޑީޕީން ބޭނުންވާ ޖަމްޕު ޖެހުމަށް ބޭނުންވާ ތަރަހަ މިއަދު މި ވަނީ މާ ބޮޑަށްވެސް ފުރިހަމަވެފައިކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މި ތަރަހަ ވަރަށް ރަނގަޅަށް ދަންނާނެ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން އަހަރަކު ރާއްޖޭގައި ހެދެމުން އައީ އަހަރަކު ބަނދަރެއްކަމަށް ރައީސް މައުމޫން މީގެ ކުރިން ވިދާޅުވިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްވަވާފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް އެއްފަހަރާ ނިންމެވުމަށް ނުވަތަ ޖަމްޕު ޖެއްސެވުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއީ ދިވެހިން އެދޭ ޖަމްޕެއް ކަމަށްވެސް ނަޝިދު ވިދާޅުވިއެވެ.

ދިވެހިންގެ ޤައުމީ އުދފެއްދުންތެރިކަން ދެގުނަވާން ދިވެހިން އެދޭ. ރަށްރަށުގެ މަގުތަކުގައި ތާރު އަޅައި ނިންމަން. ކާނުތައް ހެދުމަށް. އަޅުގަނޑުމެން އެންމެންނަށް ބޯހިޔާވަހިކަމެއް ލިބުމަށް. އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދިނުމަށް. އަޅުގަނޑުމެންނަށް ބޭސްފަރުވާ ލިބުމަށް. އަޅުގަނޑުމެންނަށް ފަސޭހައިން އެއް ތަނުން އަނެއް ތަނަށް ދޭވޭގޮތް ހެދުމަށް. ހާސްކަމުން އަޅުގަނޑުމެން އަރައިގަތުމަށް. އެ ޖަމްޕު ޖެހުމަށް ދިވެހިން އިތުބާރުކުރަނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށާއި، މި ސަރުކާރަށް. އެއީކީ އެއްވެސް ރައްޔިތަކަށް އޮޅިފައިވާނެ ކަމެއް ނޫން.
މުހައްމަދު ނަޝީދު

ރައީސް ނަޝިދު ވިދަޅުވީ ދިވެހިން އެމްޑީޕީއަށް އިތުބާރުކޮށް އެމްޑީޕީގެ ވެރިކަން ގެންނަ މައިގަނޑު ސަބަބަކީ އެމްޑީޕީން ގެންގުޅޭ ފުޅާ ވިސްނުން ކަމަށެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވާ ޖަމްޕު ޖެހުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިކަމަށް ބޭނުންވާ ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތްވެސް މި ސަރުކާރުން މިހާރު ކުރަމުންގެންދާ ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުން ވަރަށް ފުޅާ ކަމަށާއި، ރާއްޖެއާ ހަމައިން މި ވިސްނުން ނުނިމޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.