ފަތުރުވެރިކަމަށް ހއ ކެލާއިން 14 ބިމެއް ކުއްޔަށްދިނުމަށް ނިންމައިފިއެވެ.
ތިލަދުންމަތީ އުތުރުުބުރީ ކެލާގައި ފަތުރުވެރިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ކަނޑައަޅުއްވާފައިވާ ބިންތައް ރާއްޖޭގެ ޓުއަރިޒަމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް އާންމުކޮށް އިއުލާންކޮށްގެން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އެކަށީގެންވާ އެންމެ ރަނގަޅު ހުށައެޅުމެއް ހުށައަޅާ ފަރާތަކަށް ކުއްޔަށްދިނުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމާ، ކެލާ ކައުންސިލައެކު މިއަދު ވަނީ ފަހުމުނާމާއެއް ގައި ސޮއިކޮށްފައެވެ.
އެގޮތުން އެ ކައުންސިލުން އާންމުކޮށް އިއުލާންކުރުމަށް ނިންމާފައިިވަނީ ޓޫރިސްޓު ގެސްޓްހައުސް ތަރައްގީކުރުމަށް 5000 އަކަފޫޓްގެ 12 ބިމާއި، ޓޫރިސްޓް ހޮޓާ ތަރައްގީކުރުމަށް 10،000 އަކަފޫޓުގެ 2 ބިމެވެ.
މިފަހުމުނާމާގައި ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އާދަމް ގުފްރާންއެެވެ. ޓުއަރިޒަމް މިނިސްޓްރީގެ ފާރާތުން ސޮއިކުރެއްވީ، އެމިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ މުހައްމަދު ހުއްސާނެވެ. ޒޫމް މެދުވެރިކޮށް ބޭއްވި މި ރަސްމިއްޔާތުގައި ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ބައިވެރިވެވަޑައިގެން ވާހަކަދެއްކެވިއެެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ، ފަތުރުވެރިކަން ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ކައުންސިލްގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމެއްކަމަށެވެ. ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މަސައްކަތްތައް އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީއާއި، ކައުންސިލްތަކާއި ގުޅިގެން ފަތުރުވެރިކަމަށް ބިން ދޫކުރުމުގެ ތަފާތު މަރުހަލާތަކުގައި މަސައްކަތް ކުރިޔަށްދާ ކައުންސިލްތަކަކީ، ކެލާގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް، ގދ ވާދޫ ކައުނސިލްގެ އިތުރުން ހއ ހޯރަފުށީ ކައުންސިލެވެ.
މީގެއިތުރުންވެސް ރާއްޖޭގެ އެކި އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމާއިބެހޭ މަޝްވަރާތައް އެމިނިސްޓްރީން ކައުންސިލްތަކާއި މިހާރު ކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.