އިއްޔެ އެކަނިވެސް 4800އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ ރާއްޖެއަށް 4856 ފަރުތުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއާއެކު މިމަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 46،809 އަށް އަރާފައެވެ.

މިދިޔަ ޖެނުއަރީމަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 92،103 ފަތުރުވެރިންނެެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ، 138،912 އަށް އަރާފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 244،700 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 30،499 ފަތުރުވެެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން 30،295 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މީގެއިތުރުން ޔޫކްރެއިިންއާއި، ކަޒަކިސްތާން، ރޮމޭނިއާ ޖާމަނީ، ފްރާންސް އަދި ސްވިޒަލޭންޑާއި އިނގިރޭސިވިލާތުންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް ފަތުރުވެރިންނަށް ޚިދުމަތްދޭ 641 ތަނެއް ހުޅުވާފައިވާއިރު، މީގެތެރޭގައި ހިމެނެނީ 145 ރިސޯޓާއި، 11 ހޮޓެލް އަދި 136ސަފާރީގެ އިތުރުން 349 ގެސްޓްހަސްއެވެ.

މީއީ 43،976 ބެޑް ކެޕޭސިޓީއެވެ. އެގޮތުން ބެޑް ކެޕޭސިޓީ އެންމެ ގިނައީ ރިސޯޓްތަކުގައެެވެ. ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 33،432 އެވެ. ދެން ބެޑް ކެޕޭސިޓީ އެންމެ ގިނައީ ގެސްޓްހައުސްތަކުގައެވެ. އެގޮތުން ގެސްޓްހައުސްތަކުގެ ބެޑް ކެެޕޭސިޓީއަކީ 6450އެވެ.