ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަލުން ފެށޭނެ ކަމުގެ އުންމީދުގައި ފުރަތަމަ ޑިވިޝަންގައި ފުޓުބޯޅަ ކުޅޭ ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް ވެކްސިން ޖަހައިފިއެވެ.

އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އަދި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ވެސް ވަނީ އެހެން ކުޅުންތެރިންނަށް ނަމޫނާ ދައްކާ މިއަދު ވެކްސިން ޖަހާފައެވެ.

ވެކްސިން ޖެހި ކުޅުންތެރިންގެ ތެރޭގައި ސީނިއަރ ގިނަ ކުޅުންތެރިން ހިމެނޭ- ފޮޓޯ:- އެފްއޭއެމް

ގިނަ ކުޅުންތެރިންތަކެއް މިހާތަނަށް ވެކްސިން ޖަހާފައިވާއިރު ފުރަތަމަ ޑިވިޝަނުގެ ކުޅުންތެެރިންނަށް ވެކްސިންދީ ލީގު އަލުން ފެށުމަށް ތައްޔާރުވަމުންދާކަމުގެ އުފާވެރި ޚަބަރު ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ހެނދުނުވަނީ ދެއްވާފައެވެ.

ބައްސާމް މިކަން ހާމަކުރައްވާ މީސްމީޑިއާގައިި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ލީގު އަލުން ފެށުމައްޓަކާ ހުރިހާ ކުޅުންތެރިންނާއި، ކުލަބުތަކުގެ މެނޭޖްމަންޓާއި ޓެކްނިކަލް ސްޓާފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށެވެ.

އަދި އެތައް ދުވަސްތަކެއްވަންދެން ކުޅުންތެރިންނާއި ކުލަބުތަކުން އެދެމުންދިޔަ އެދުން ފުއްދަވައި ދިނުމަށްޓަކާ ހެލްތް މިނިސްޓަރ އަހްމަދު ނަސީމް އާއި ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ކޮށްދެއްވި މަސައްކަތަށް ބައްސާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްނެގުމާ އެކު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ވަނީ ޖަހަން ފަށައިފަ އެވެ. އެފްއޭއެމުން އެދުނީ މި ވަގުތު ރަސްމީ ގައުމީ ޓީމެއް ނެގިފައި ނެތުމުން، ލީގުގައި ވާދަކުރާ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖަހައިދޭށެވެ. އެއީ ގައުމީ ޓީމެއް ނެގެން އޮތީ ލީގު ކުރިއަށް ގޮސްގެން ކަމަށްވާތީ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ވައިރަސްއިން ރައްކާތެރިވުމަށްޓަކާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ކުޅިވަރުގެ އެންމެހާ ހަރަކާތްތައް ހުއްޓާލުމަށް ނެރުނު އަމުރަށް ތަބާވުމުގެ ގޮތުން ލީގު މެދުކަނޑާލާ ފަރިތަކުރުންވެސް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.

މިއާއެކު ކުޅުންތެރިންނާއި ކުލަބުތަކަށް ދިމާވާނެ މާލީ ދަތިތަކުގެ އިތުރުން ފިޓްނަސް މައްސަލަތައް ކުރިމަތިވާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މިފަރާތްތަކުން މިހާތަނަށް ޕްރެސް ކޮންފަރެންސް އެއްވެސް ބާއްވާފައިވާއިރު އާދިއްތަ ދުވަހުގެ ހެނދުނު މި ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބައްދަލުކުރެއްވުމަށްއެދި އިއްޔެ ސިޓީއެއްވެސް ވަނީ ފޮނުވާފައެވެ.

ލީގުގެ ދެވަނަ ބުރުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު ވަގުތީގޮތުން މެދުކަނޑާލަން ނިންމިއިރު ތާވަލުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެޓީމަށް ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.