މިދިޔަ 2020 ވަނަ އަހަރު ފެށުނުއިރު ގްރީން ފަންޑްގައި ހުރީ 782 މިލިއަން ރުފިޔާ ކަމަށާއި، އަހަރު ނިމުނުއިރު ހުރީ 809 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގްރީން ފަންޑްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި 25 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގާ ރިސޯޓްތަކާއި، ހޯޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުން ދެއްކި ޓެކުހުގެ ލާރިއެވެ.

ޑިސެމްބަރު މަހުގައި އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ ކ އަތޮޅުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުންނެވެ. އެގޮތުން އެއަތޮޅުން ޖުމްލަ 9،443،888.86 ރުފިޔާ ދައްކާފައިވެއެވެ.

ދެން އެންމެ ގިނަ ރުފިޔާ ދެއްކާފައިވަނީ ރ އަތޮޅުންނެވެ. އެއަތޮޅުން 2،430،311.12 ރުފިޔާ ދައްކާފައިވެއެވެ.

މީގެއިތުރުން ތިންވަނައަށް އެންމެ ގިނަ ރުފިޔާ ދެއްކި ބ އަތޮޅުން 2،402،966.72 ރުފިޔާ ދައްކާފައިވެއެވެ.

މި އަތޮޅުތަކުގެ އިތުރުންވެސް ނ، ދ، އއ އަދި އދ އަތޮޅުގެ ގެސްޓްހައުސްތަކާއި، ރިސޯޓްތަކުންވެސް ބޮޑު އަދަދެއް ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރު މަހުގެ ގްރީން ފަންޑުން 43،282،857.67 ރުފިޔާ ޚަރަދުކޮށްގެން 36 ޕްރޮޖެކްޓެއް ހިންގާފައިވެއެވެ.

ގްރީން ޓެކްސް އެންމެ ފުރަތަމަ ނަގަން ފަށާފައިވަނީ އޮކްޓޯބަރު 2016 އިން ފެށިގެނެވެ.

ގްރީން ޓެކުހަކީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންނާއި، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުންނަގާ ޓެކުހެކެވެ.

ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދަންށެވެ.