މިއަހަރުގެ މެއި މަހުގެތެރޭ ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ހަންގާމާ-2" އިން މިފްރެންޗައިޒްގެ ފުރަތަމަ ފިލްމުގެ މެއިން ލީޑް އަކްޝަޔޭ ކަންނާ ފެންނާނެކަމުގެ ފުރުޞަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް މިވަގުތު ކުރިއަށްދާއިރު މިފްރެންޗައިޒްގެ ދެވަނަ ބައިން ފެންނާނީ މުޅީންހެން އާތަރިންތަކެކެވެ.

އޭގެތެރޭގައި ހިންދީ ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދި ބޮލީވުޑް ޑީވާ ޝިލްޕާ ޝެޓީ ކުންދްރާ ހިމެނެއެވެ.

މިއީ ދިގުމުއްދަތަކަށް ފިލްމު ކުޅުމާ ދުރުގައިހުރުމަށްފަހު ޝިލްޕާ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

ކުރީގެ "ހަންގާމާ" ފިލްމުގައި މުހިއްމު ރޯލެއް ކުޅުނު ހެއްވާ މަޖާ ރޯލުތަކުން ފެންނަ ޕަރޭޝް ރަވަލްވެސް ޝިލްޕާއާއެކު މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ.

އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކޮމީޑިއަން ޖޯނީ ލީވަރވެސް މިފިލްމުގެ މުހިއްމު ބައެއް ކުޅޭނެއެވެ.

އަކްޝަޔޭ ކަންނާ ކުޅެފައިވާ ފިލްމު "ހަންގާމާ" އަކީ ހެއްވާ މަޖާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.

"ހަންގާމާ-2" ވަނަ ބައިގައި އެކްޓަރު އަކްޝަޔޭ ކަންނާ ފެނިގެންދާ ސީންތަކުގެ ބޮޑުބައި މިހާރުވަނީ ޝޫޓްކޮށް ނިމިފައި ކަމަށްވެސް ޚަބަރުތައް ލިބެއެވެ.

މިފަހަރުގެ ފިލްމުގެވެސް ޑައިރެކްޓަރަކީ "ހަންގާމާ" ގެ ފުރަތަމަ ޑައިރެކްޓަރު ޕްރިޔަދަރްޝަންއެވެ.

ޑައިރެކްޓަރު ޕްރިޔާދަރްޝަން ޑައިރެކްޓަރެއްގެ ގޮތުގައި ފެނިގެންމިދަނީ 8 އަހަރުގެ ދިގު މުއްދަތަކަށް ބްރޭކެއް ނެގުމަށްފަހުއެވެ.