ގަބޫލުކުރިޔަސް އަދި ނުކުރިޔަސް އެއީ އަހަރެންގެ ލޯބީގެ ދިރުމެވެ. މި ލޯބި އާލާވެ އުފެދި ބޮޑުވި ރަށެވެ. އެތައް ޒުވާނުންނެއްގެ ހަނީމޫނާ ގުޅިފައިވާ މަންޒިލެވެ. އެ މަންޒިލަށް ކޮންމެ އަހަރަކު ވެސް އަހަރެމެން ދެ މީހުން ދަމެވެ. މި ލޯބީގެ މަތިވެރި އުމްރާ ފުރިހަމަ ކުރަމެވެ.

ހަނދާން އެބަ ހުއްޓެވެ. އެންމެ ފުރަތަމަ އެ ރަށުގެ ނަން އަހަރެން އަޑު އެހީ އަހަރެންގެ ލޯބިވެރިޔާ ޒައިނަބުގެ ދުލުންނެވެ. އެ ރަށަށް ދާންވާނެކަމަށް ޒައިނަބު ބުނި ބުނުމުންނެވެ. އެއީ ކޮން ރަށެއްކަމާއި ކިހިނެއްވާ ރަށެއްކަން އެނގުނީ އެ ހިސާބުންނެވެ. އެކަން ޒައިނަބަށް އެނގުނީ ވާހަކައަކުންނެވެ. ޑރ. މުސްޠަފާ ލުތުފީ ލިޔެފައިވާ ވާހަކައަކުންނެވެ. އެ ވާހަކަ އަހަރެން ކީމެވެ. އޭގެ ރަހަ އަހަރެން އިހުސާސް ކުރީމެވެ. އެ ލޯބީގެ އަސަރުގައި އަހަރެން ވެސް ޖެހުނެވެ. ކައިވެނި ކޮށްގެން ހަނީމުނޫގެ މާމުއި ދަތުރު އަހަރެން ކުރީ އެ ރަށަށެވެ.

އެންމެ ފުރަތަމަ އެ ރަށަށް ކުރި ދަތުރު ހަމަ ދެންމެވީ ކަމެއްހެން އަހަރެން ހަނދާން އެބަ ހުއްޓެވެ. އެހެނިހެން މެހުމާނުންނެކޭ އެއްފަދައިން އަހަރެންގެ ލޯ އެ ރަށަށް ހުސްކުރި ހަނދާން އެބަ ވެއެވެ. އިރުން ހުޅަނގަށް އޮތް ހަނި ދިގު ރަށުގެ ބޯ ގަސްތަކު ތެރޭގައި އަންހެނުންނާއެކު ހިނގި ހިނގުން ހަނދާން އެބަ ވެއެވެ. ރަށުގެ ދެ ފަރާތުގައިވާ ހުދު ސާފު ރީތި ތުނޑިމަތީ ސާފު ހިތަކާއެކު ދުވި ދުވުން ހަނދާން އެބަ ހުއްޓެވެ. ތާރީޚީ ވަޞިއްޔަތަކާ ގުޅިގެން ތިލަދުންމަތީ އައްޑޫ ޙުސައިނުގެ ދަރިކޮޅުގެ މައްޗަށް، ވާރުތަވަމުން ދިޔަ ރަށުގައި ކޮންމެ އަހަރަކު ލޯބިން ކުރި ލޯބިތައް ސިކުނޑީގައި ހަރުލާފައި އެބަ ހުއްޓެވެ. އެކަމަކު މިއަދު އަހަރެންގެ ސިކުނޑީގައި ވަނީ ހަމައެކަނި މާޒީގެ ހަނދާން ތަކެވެ. އަހަރެން އެންމެ ލޯބިވީ އަނބިމީހާގެ ޒިކްރާތަކެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟

އެ ރަށަކީ އެތައް ލޯބިވެރިންނެއްގެ މާމުއި ހަނދުގެ މަންޒިލެވެ. ދުނިޔެމަތީގައިވާ ލޯބިވެރިންގެ ސުވަރުގެއެވެ. ހަގީގަތަށް ބުނާނަމަ އެ ތަނުން އަހަރެންނަށް ކުރެވެނީ އެހެން އިހުސާސެކެވެ. ލިބިގެންދިޔައީ އެހެން އުފަލެކެވެ. ހިތަށް ވެރިވަމުން ދިޔައީ އެހެން އެއްވެސް ވެށްޓަކުން ތަޖުރިބާ ނުކުރެވޭ ހަމަޖެހުމެކެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ދިރިއުޅުމުގެ ކޮންމެ އޮޑިއަކަށް ވެސް ކުދިކުދި ރާޅުތައް ޖަހާނެކަމެވެ. ކުދިކުދި މައްސަލަތައް ކުރިމަތިވާނެކަމެވެ. އެފަދަ ކަންކަމުން އުފެދޭ ހަލަބޮލިކަމުން ހިތްހަމަ ޖެހުމުގެ ގޯއްޗަކަށް އަހަރެންގެ ދިރިއުޅުން ގެންގޮސް ދިނީ އެ ރަށަށް ކުރެވުނު ދަތުރުތަކެވެ. އެ ރަށުގެ ގޮނޑުދޮށުގައި ބޮސްދޭ ރާޅުތަކުން ކިޔައިދިން ލޯބީގެ މޫސީގީ ނާނާތަކެވެ. ހާއުފާވެރި ހިތްފަހިކަމުގެ ފެންވެރުމަކުން ހިތް ސާފުކުރުވައި ލޯބީގެ މާޒީއަށް ހިތް ރުޖޫޢަކޮށްދިން ރުޖޫޢަކޮށްދިނުމެވެ. ކިހައި މުހިންމު ރަށެއް ހެއްޔެވެ؟ އެ ރަށަށް ދެވެނީ އެހެންވެއެވެ. ކޮންމެހެން ދާން ބޭނުންވަނީ ވެސް އެ ސަބަބަށްޓަކައެވެ. އެކަމަކު މިއަދު އަހަރެންގެ އަންހެނުންނެއް ނެތެވެ. ވަނީ ހަމައެކަނި ހަނދާންތަކެކެވެ.

އަހަރެން ތެދުވީމެވެ. އަންހެނުންގެ ހަނދާންތައް އައިސް ސިކުނޑިއަށް ޖެއްސުންކުރާން ފެށުމުންނެވެ. އެ ޖެއްސުމުން ހިތަށް ވަމުން ދިޔައީ ތަދެކެވެ. އެ ތަދުން ހިތަށް އުނދަގޫ ވިޔަސް އެއީ ވަކިވެވެން ނެތް ތަދެކެވެ. އެ ތަދާއެކު ނޫނީ އަހަރެންނަށް ނޭވާލެވެން ނޯންނާނެ ތަދެކެވެ.

ޢުމުރުގެ ބޮޑު ބައެއް އަހަރެން ހޭދަކުރީ އަންހެނުންނާ އެކުއެވެ. ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބިގަތީ އެ ލޯބީގެ ތެރެއިންނެވެ. އެ ލޯތްބަށް 50 އަހަރު ފުރުނީ އިއްޔެއެވެ. އެ ރަން ޔޫބީލް އައުމުގެ 7 މަސްކުރިން އަންހެނުން އަހަރެންނާ ވަކިވެގެން އެ ދިޔައީ ކޮން ތާކަށް ހެއްޔެވެ؟ ކަނޑަށް ގެނބުނު ނަމަ އެހެން މީހުންގެ ހަށިގަނޑު ފަދައިން އެ ހަށިގަނޑު ވެސް ފެނުނީހެވެ؟ އޭނާ މަރުވި ނަމަ ހަށިގަނޑު ހޯދުނީހެވެ؟ އޭނާ މަރުވިކަމަކަށް ގަބޫލެއް ނުކުރަމެވެ. ނުވެސް ކުރާނަމެވެ. އޭނާ އަންނާނެއެވެ. އަދި މަރެއް ނުވާނެއެވެ. ނަމަވެސް މަރަކީ ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. ޢުމުރު ދިގު ކުރެވޭނަމަ އެކަން ނުކޮށް އަހަރެން ހުންނާނެ ހެއްޔެވެ؟ ގުޅުމަކަށް ނިމުމެއް ނާންނަގޮތް ހެދޭނަމަ އެ ފިޔަވަޅު ނާޅައި އަހަރެން ހުންނާނެ ހެއްޔެވެ؟ ތަގުދީރުން އަހަރެންނަށް މިންވަރުވީ މި ގޮތެވެ. މި ގޮތުގައި އަހަރެން ކުރިއަށް ދާނަމެވެ.

ޚިޔާލުތަކުގެ ފިޔަވަޅުތަކެއް އަޅަމުން އަހަރެންނަށް ގޮސް މަޑުކޮށްލެވުނީ ފާރުގައި ހަރުކޮށްލެވިފައިވާ ކަލަންޑަރުގެ ކުރިމަތީގައެވެ. މާދަމާއަކީ ހަނދުމަހުން 14 ވިލޭރެއެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ ތެރޭގައި އަންނަ ހަނދުމަހުގެ 14 ވިލޭރެއަކީ ލޯބިންފަރަށް އަހަރެންގެ ހިތާ ނަފުސު ގުރުބާންކުރާ ރެއެވެ. ފާއިތުވީ ކޮންމެ އަހަރަކު އެ ގުރުބާން އަހަރެންވީ އަހަރެންގެ ލޯތްބަށްޓަކައެވެ. އެ ލޯބީގެ ހައްގުގައެވެ. އެކަމަކު އެ ގުރުބާނުގެ މައިދާނަށް މި ފަހަރު އަހަރެން ދާން މި ޖެހެނީ އެކަންޏެވެ. އެކަނިމާ އެކަންޏެވެ. އަންހެނުންގެ ހަނދާންތަކާއެކުއެވެ. އެ ޒިކުރާތައް އާލާކުރުމުގެ ނިޔަތާ ވެސް އެކުއެވެ.

އަހަރެން ފުރީމެވެ. ހަނީމޫނުގެ އުފާވެރިކަން ލިބިގަތުމުގެ ބޭނުމުގައި ލޯބިންފަރަށް ފުރާ ލޯބިވެރިންނާ އެއް ލޯންޗަކުންނެވެ. އެ ރަށަށް ކޮންމެ އަހަރަކު ދާ ދާއިމީ މެހުމާނެއްގެ ގޮތުގައެވެ.

ދަތުރުކުރަމުން ދިޔަ ލޯންޗުގައި ވަނީ ލޯތްބެވެ. ފެންނަ ކޮންމެ އެއްޗަކުން ސިފަވަނީ ހިތުގެ ބައްޓަމެވެ. ލިޔެފައިވާ ކޮންމެ ލިޔުން ކޮޅަކުން ދިރުވައިދެނީ ވެސް ލޯތްބެވެ. ކޮންމެ މޫނަކުން ފެންނަނީ ތެދުވެރި އިޚުލާސްތެރިކަމެވެ. ވަފާތެރިކަމާއި ލޯބީގެ ބެބުޅުންތަކެވެ. އެ މަންޒަރުތަކުން ހިންދިރުވަލައިގެން އަހަރެން އިނީމެވެ. ލޮލުގެ ކުރިމަތީ ތަސްވީރުވަމުން ދިޔަ ކަންކަން ނުފެންނަ ކަމަކަށް ހަދައި ލޮލުން ދެމިގަންނަން ތައްޔާރުވެފައިވާ ކަރުނަތައް ހިފަހައްޓަމުންނެވެ. ހަގީގަތުގައި ވެސް ހިތަށް ވަރަށް ތަދުވިއެވެ. ވަރަށް އަސަރުކުރިއެވެ. އެ ތަދު ލިބިގަތީ އަމިއްލަ އަށެވެ. އަމިއްލައަށް އެ އިހުސާސް ކުރަން ބޭނުންވީއެވެ.

އަހަރެން ދެލޯ މަރާލީމެވެ. އިވެމުން ދިޔައީ "ހަނދާންތައް ހިތުގެ ވިކަމުން ގެނުވަނީ ފިލުވޭ ތަދެއް ނޫނޭ، ނަދާތައް ފަރިމަލުން އޮހުމީ ހިތަށް ފިނިވާ ކަމެއް ނޫނޭ" މި ލަވައެވެ. އެކި ބަސްބަހުން ހަދާފައިވާ އެ ލަވައިގެ އަސްލަކީ ލޯބިންފަރު ހަގީގީ ލޯބިވެރިޔާ މޫސަ، ސަންފަޔަށް ހަދާފައިވާ ޅެމެވެ. އެ ޅެމުގެ އިހުސާސްތައް އެތައް ބަޔެއްގެ ހިތާ ކުޅެމުންދާއިރު އެ އިހުސާސް މިއަދު މި ދިރުވަނީ އަހަރެންނެވެ. ހީވީ ހަމަ އަހަރެންގެ ހިތުން އެ ލަވަ ކިޔައިދޭ ހެންނެވެ.

ދޮންކުރަމުން ދިޔަ ހުޅަނގު ފަރާތުގެ އުދަރެސް ރަތްވީ ވަގުތު ލޯންޗު ގޮސް މަޑުކޮށްލީ ލޯބިންފަރުގެ ގޮނޑުދޮށް ފެންނަ ހިސާބު ދުރުގައި ރަށުގެ ވިލުދޮޅީގައެވެ. ހިތުގެ ބައްޓަމަށް އޮތް ރަށުގެ ވަށާ ވަނީ ލޯންޗު ފަހަރާއި ޔޮޓް ފަހަރެވެ. އެއިން ކޮންމެ އުޅަނދެއްގައި އެތައް ފަތުރުވެރިންނެއް ތިއްބެވެ. އެއިން ކޮންމެ މީހެއްގެ ނަޒަރު ހުއްޓިފައި ވަނީ އެ ރަށަށެވެ. އެ ދޮންވެލި ރަން ތުނޑިމައްޗަށެވެ. ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ. އަހަރެންނަށް ވެސް އިނދެވުނީއެވެ.

މާގިނައިރުތަކެއް ނުވެ ލޯންޗަށް ހިމޭންކަން ވެރިވެއްޖެއެވެ. އިވެމުންދާ މަޑު މިއުޒިކް އަޑާއި ދޯންޏާ ވާހަކަދައްކަމުންދާ ރާޅުތަކުގެ އަޑު ނޫން އެހެން ހުރިހައި އަޑުތަކެއް ކެނޑިއްޖެއެވެ. ހަނދުވަރުގެ ރިހި އަލިން މުޅި ދުނިޔެ ދިއްލައިލައިފިއެވެ. ކޮންމެ ހިތެއްގައި ވަނީ ލޯބީގެ ސާފު މުތެކެވެ. އެ މުތުގެ ދިހުމުން އެތައް ޒަމާނަކަށް އަލިކޮށްދެއެވެ.

މިއީ މި މަންޒިލަށް އާދެވުނު 50 ވަނަ ފަހަރެވެ. އެތައް ފަހަރަކު ސަންފަޔާ މޫސަ އަހަރެންނަށް ފެނިއްޖެއެވެ. އަހަރެންގެ އަންހެނުންނަށް ވެސް އެ ދެ ލޯބިވެރިން ވަނީ ފެނިފައެވެ. ބައެއް މީހުންނަށް އެ ނަސީބު ލިބިފައި ނެތަސް އަހަރެންނަށް އޮތީ އެ ނަސީބު ލިބިފައެވެ. އެ އުފާވެރިކަން ވަނީ ހޯދިފައެވެ. އެއީ ހަގީގީ ލޯބިވެރިންނަށް ނޫނީ ފެންނާނެ މަންޒަރެއް ނޫނެވެ. އެ ލޯބީގައި އިޝްގީ ވިންދު ނުޖަހާ ހިތަކަށް ތަސައްވަރު ކުރެވޭނެ ތަސްވީރެއް ވެސް ނޫނެވެ. މިއީ އަހަރެންނަށް ގަބޫލުކުރެވޭ ގޮތެވެ.

ލޯބިންފަރަށް ހުސްކޮށްގެން އިން ކަޅި ހުއްޓުނީ އެ ދޮންވެލި ދުނޑީގައި އެކަނި މާއެކަނި ހިނގަމުންދިޔަ މީހަކަށެވެ. އެއީ ސަންފަ ނޫން ދެން ކާކު ހެއްޔެވެ؟ އެކަމަކު މޫސައާ ނުލައި ސަންފަ އެ އުޅެނީ ކީއްވެ ހެއްޔެވެ؟ އެ ދެ މީހުންވެސް ވަކިވީ ހެއްޔެވެ؟ ސަންފައަށް އޮޅުނީ ހެއްޔެވެ؟

މަޑު ހިނގުމުގައި ސަންފަ ހިނގަމުން ދިޔައީ ރަށުގެ އިރުމަތި ފަރާތަށެވެ. ބައެއް ފަހަރު އެއީ މީހެއް ހެން ވެސް ހީވިޔަސް އަނެއްބައި ފަހަރު ލޮލަށް ފެންނަ ހިޔަންޏެކޭ ވެސް ހީވެއެވެ. ބައެއް ފަހަރު ހިނގާހެން ހީވާއިރު އަނެއް ބައި ފަހަރު އުދުހޭހެން ވެސް ހީވެއެވެ. ހައިރާންކަމާއެކު އެ މަންޒަރު ބަލަން އަހަރެންނަށް އިނދެވުނީއެވެ. އެހެން ދުނިޔެއެއްގައެވެ.

ސަންފަ އުދުހެމުން އަހަރެންނާ ހަމައަށް އައެވެ. އަހަރެންގެ ގާތުގައި އިށީނެވެ. އަހަރެން ނަފުސު ފަސްޖެހުނަސް އަހަރެންގެ ރޫހު ސަންފައާ ބައްދަލުކުރިއެވެ. ލިބުނު ހައިރާންކަމާއެކު އަހަރެންނަށް ބައްދައިގަނެވުނީއެވެ. އެ ބައްދައިގަތުމާއެކު ކުރެވުނީ ތަފާތު އިހުސާސެކެވެ. އެ އިހުސާސުން ގުޅުވައިދިނީ ޒައިނަބެވެ. އަހަރެންގެ އަންހެނުންނެވެ. ދުވީ ޒައިނަބުގެ ވަހެވެ. އެއީ ހަމަ އެ އިސްތަށިގަނޑެވެ. ހަމަ އެ ސޫރައެވެ.

އަހަރެންގެ ލޮލުގެ ކުރިމަތީ ފެންނަމުން އެ ދަނީ ހަގީގަތެއް ހެއްޔެވެ؟ އަހަރެން ޝަކުވާ ކުރީމެވެ. އެހައި ގިނަ ދުވަހު ނުފެނި އެޅުނީ ކޮން ތަނަކުތޯ ސުވާލުކުރީމެވެ. އެ ވަކިވުމުން ލިބުނު ހިތްދަތިކަން ބަޔާންކުރީމެވެ. ޒައިނަބު ފެށީ ރޯށެވެ. ހިތުގައި ޖެހިޖެހިފައި ގިސްލަންފެށީއެވެ. އަހަރެންގެ ހަށިގަނޑުގައި އޮޅުލަންފެށީއެވެ.

ޒައިނަބު ބޭނުންވީ ރޯށެވެ. އަހަރެންގެ އުނގުގައި ބޯ އަޅާލައިގެން އެ ހިތާމަތައް ބޭރުކުރާށެވެ. ލިބެމުން ދިޔަ އުފާތަކާއި ކުރެވެމުން ދިޔަ ފުން އިހުސާސްތަކުން އަހަރެންގެ ރޫހު ދިޔައީ ތާޒާވަމުންނެވެ. ކިތަންމެ ދުވަހެއް ވިޔަސް އެ ލޯތްބެއް މުސްކުޅިއެއް ނުވާނެއެވެ. އެ ލޯބި ދެކެ ފޫއްސެއް ވެސް ނުވާނެއެވެ. ދުވަސްވީ ވަރަކަށް އެ ލޯބި އިތުރަށް އަލާވެ ދިރިގެންދާނެއެވެ. އެހެން ނޫންނަމަ މިރޭ މިތަނުގައި މި ލޯބީގެ މަހެފިލުގައި އަހަރެން ނުއިނީހެވެ.

ޒައިނަބު އޮތީ އިރުކޮޅަކުއެވެ. އޭނާ ތެދުވެ އަހަރެންގެ ނިތްކުރިއަށް ބޮސްދިނެވެ. އެންމެ ފަހަރަކު ނޫނެވެ. ތިން ފަހަރުއެވެ. އެއީ އަބަދުވެސް އާދައެވެ. އަހަރެންގެ ލޯބި ދަތުރު ނިންމާލައި ސިއްކައެވެ. އަހަރެންގެ ހިތުގެ ވިންދު ތެޅިގަތީ އެ ވަގުތުއެވެ. ކޮން ތާކަށް ދާން ހެއްޔެވެ؟ އަނެއްކާ ވެސް ވަކިވަނީ ހެއްޔެވެ؟ އަހަރެން އެކަނި ކުރަނީ ހެއްޔެވެ؟ މި ލޯބީގެ ގުޅުން ކަނޑާލަނީ ހެއްޔެވެ؟ ޒައިނަބެވެ. ނުދާށެވެ. ކަނޑަށް ފުންމާ ނުލާށެވެ. އަހަރެން އެކަނިކޮށް ނުލާށެވެ. އަހަރެންނަށް ހަޅޭއްލަވައި ގަނެވުނެވެ. ދެންވީގޮތެއް އަހަންނަކަށް ނޭނގުނެވެ.

ހޭވެރިކަން ވީއިރު ލޯންޗުގައި ތިބި އެންމެން ކަހަލަ ގޮތަކަށް ތިބީ އަހަރެން ވަށާލައިގެންނެވެ. މޫނުގައި ފެން ހުރިކަން އެނގުމުން އަހަރެން އަނބުރައިގަތީކަން ޔަގީން ކުރެވުނެވެ. އަހަރެން ތެދުވެ، އިށީނީމެވެ. ހިނގި ކަންކަމާމެދު ވިސްނީމެވެ. ލޯތްބަކީ އިހުސާސެކެވެ. އެ އިހުސާސް ހިނގާކަށް ވަކި ތަނެއް ނޯވެއެވެ. އެކަމަކު އެފަދަ އިހުސާސްތަކަށް ލޯބިންފަރު ޚާއްޞައެވެ. ހަމަ ޔަގީނުން ވެސް އަހަރެންނަށް ވަރަށް ޚާއްޞައެވެ.

(ނިމުނީ)