ކޮވިޑް-19 ގެ ފޭކް ވެކްސިން (އަސްލުނޫން ވެކްސިން) އުފައްދައިގެން ބޮޑު އަގުގައި ވިއްކަމުންދާ މީހުން އަތުލައިގަތުމަށް ޗައިނާއިން ވަރުގަދަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަންގެ ދަށުން، މިހާތަނަށް އެތައްބަޔަކު ހައްޔަރުވެސް ކޮށްފައިވާ ކަމަށް، ޗައިނާގެ ޒިންހުއާ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

އެގޮތުން، ފޭކް 21 ވެކްސިނަކާ ގުޅޭ މައްސަލަތަކުގައި މިދިޔަ ބުދަދުވަހުގެ ނިޔަލަށް 70 މީހަކު ހައްޔަރު ކޮށްފައި ވެއެވެ.

މިއީ، މުޅިންވެސް ޗައިނާގައި ކޮވިޑް ވެކްސިން ޖަހަންފެށި ފުރަތަމަކޮޅު ފެންމަތިވި މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާ މީހުން ކަމަށް ޒިންހުއާއިން ބުނެފައި ވެއެވެ.

އާންމުންނަށް އޮޅުވާލައިގެން ފޭކް ކޮވިޑް ވެކްސިން ބޮޑު އަގުގައި ވިއްކައިގެން އެއް ގްރޫޕަކުން 18 މިލިއަން ޔުއާން (2.8 މިލިއަން އެމެރިކާ ޑޮލަރުގެ) ފައިދާ ނަގާފައިވާ ކަމަށް ނޫހުން ބުނެފައި ވެއެވެ.

މި ގްރޫޕުން ކޮވިޑް ވެކްސިންގެ ނަމުގައި ސެލައިން ސޮލިއުޝަންއާއި، މިނެރަލް ވޯޓަރ ޕެކްކޮށްގެން އޭގެ 58،000 ޑޯޒް ބޮޑު އަގުގައި ވިއްކާފައިވާ ކަމަށް ވެއެވެ.

މީގެއިތުރުން، ބޮޑު އަގުގައި ވެކްސިން ވިއްކައި، ހޮސްޕިޓަލްތަކުން ކުރިއަށްގެންދިޔަ އިމަޖެންސީ ވެކްސިން ޕްރޮގްރާމްގެ ތެރެއަށްވެސް އެފަދަ ފޭކް ވެކްސިން ލާފައިވާ ކަމަށާއި، އަދި އެފަދަ ފޭކް ވެކްސިން ޗައިނާއިން ވަގަށް ބޭރުކޮށްފައިވާ ކަމަށްވެސް ޒިންހުއާއިން ބުނެފައި ވެއެވެ.

ކޮވިޑް ވެކްސިންގެ ނަމުގައި ފޭކް ވެކްސިންތައް ހަދައިގެން ވިއްކާ ފަރާތްތައް އަތުލައިގަތުމާއި، މިފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުންނަށް އެއްބާރުލުން ދިނުމަށް ކަމާބެހޭ އިދާރާއިންވަނީ ސަރަހައްދީ އޭޖެންސީތަކަށް ގޮވާލާފައެވެ.

ޗައިނާ ސަރުކާރުން ގެންދަނީ އެގައުމުގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމުގެ ފުޅާ ޕްރޮގްރާމެއް ހިންގަމުންނެވެ.

މި ޕްރޮގްރާމްގެދަށުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 40.52 މިލިއަން މީހުންނަށް ވެކްސިން ދީފައި ވާއިރު، ޗައިނާއިން މިހާތަނަށް ކޮވިޑް-19 އަށް 5 ވެކްސިނެއް ތަރައްގީކޮށްފައި ވެއެވެ.

އެއީ، ސިނޮވެކްގެ ވެކްސިން، ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕް (ސިނޮފާރމް) ގެ 2 ވެކްސިން، ކެންސީނޯ ބަޔޮލޮޖިކްސްގެ ވެކްސިން އަދި ޗައިނީޒް އެކަޑަމީ އޮފް ސައިންސަސްގެ ވެކްސިނެވެ.

މީގެތެރެއިން ސިނޮވެކްގެ ވެކްސިންގެ އިތުރުން، ސިނޮފާރމްގެ 2 ވެކްސިންއާއެކު ޖުމްލަ ތިން ވެކްސިން، ޗައިނާއިން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން އެގައުމުގެ ރައްޔިތުންނަށް ދަނީ ދެމުންނެވެ.

ވެކްސިންތަކުގެ ތެރޭގައި ހިމެނޭ، ކެންސީނޯ ބަޔޮލޮޖިކްސްއިން ތަރައްގީކޮށް އުފެއްދި ކޮވިޑް ވެކްސިން ދެމުން ގެންދަނީ ޗައިނާގެ އަސްކަރީންނަށް އެކަންޏެވެ.