އިޖްތިމާއީގޮތުން ބަލިކަށި ޒުވާނުން ކުށްތަކުން ދުރުކުރުމަށްޓަކާ ކުޅިވަރަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ރާއަޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަހަކަށްއައިސް ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި ފެންނަ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ކުޅިވަރުގެ އެންމެހާ ހަރަކާތްތައް ހުއްޓާލުމަށް ނިންމި ނިންމުމުގެ ދަށުން، ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލާ، ފަރިތަކުރުންތައްވެސް ވަގުތީގޮތުން ހުއްޓާލުމަށް އެފްއޭއެމް އިން ނިންމި ނިންމުމުގެ ސަބަބުން ކުލަބު ތަކުން ކަންބޮޑުވުން ފާޅުކޮށް، ރައީސް އާއިއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ކުލަބުތަކުން ބައިވެރިވި މަންދޫބުން ވަނީ ސީޒަން މެދުކަނޑާލާފައި އޮތުމުން ކުލަބުތަކާއި ކުޅުންތެރިންނަށްވެސް ކުރިމަތިވާނޭ ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކޮށްފައެވެ. އަދި ކޮވިޑްގެ ހާލަތުން ސަލާމަތްވުމަށް އެޅިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުލަބުތަކަށް ބޮޑެތި މާލީ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަ ދިނުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާކަން މަންދޫބުން ވަނީ ހާމަކޮށްފައެވެ.

ކުލަބުތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވަނީ މިކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ފަރާތުން ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކުލަބުތަކާއި ކުޅުންތެރިން ވެސް ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވާ ގޮތަށް އަމަލުކުރުމުގައި ހާއްސަ ސަމާލުކަމެއްދީ މިބަލިމަޑުކަމުން ވީއެންމެ އަވަހަކަށް އަރައިގަތުމަށް އިސް ދައުރެއް އަދާކުރުމަށް އެދިލައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ފުޓުބޯޅަ ސީޒަން މެދުކަނޑާލުމާއިއެކު ކުލަބު ތަކުގެ ވެރިންނާއި ކޯޗުންގެ އިތުރުން ކުޅުންތެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންނާއި ބައްދަލުކޮށްފައެވެ. މިހުރިހާ ފަރާތެއްގެވެސް މައިގަނޑު ޝަކުވާއަކީ އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެދަށުން ހަރުކަށި ގައިޑްލައިން ތަކަކާއިއެކު ސީޒަން ފަށާފައިވާއިރު، މިހާތަނަށް ފުޓުބޯޅައިގެ ތެރެއިން ނުވަތަ ލީގުގެ ތެރެއިން އެއްވެސް ކޭސްއެއް ފެނިފައިނުވާއިރު ކުއްލިއަކަށް އަނެއްކާވެސް އެއްވެސް މަޝްވަރާކުރުމެއްނެތި ލީގު މެދުކަނޑާލަން ޖެހުމެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ކުޅުންތެރިންނާއި ކުލަބުތަކަށްވެސް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިދާނެކަމުގެ ކަންބޮޑުވުން މިފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

އެހެންނަމަވެސް މިއަދު ހެނދުނު ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް އިންވަނީ ކުޅުންތެރިންނާއި، ކުލަބުތަކުގެ މެނޭޖްމަންޓާއި ޓެކްނިކަލް ސްޓާފުންނަށް ވެކްސިންދީ ލީގު އަލުންފެށުމަށް މަސައްކަތްކުރަމުންދާ ކަމުގެ އުފާވެރި ހަބަރު ދެއްވާފައެވެ. އަދި ބައްސާމް އެދިލެއްވި ގޮތަށް ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް ވަނީ މިއަދު ވެކްސިން ޖަހާފައެވެ.