އޮކްސްފޯޑް-އެސްޓްރަޒެނެކާ ގުޅިގެން ތަރައްގީކޮށްފައިވާ ކޮވިޑް ވެކްސިން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިއަދު ރަސްމީގޮތުން އެޕްރޫވް ކޮށްފިއެވެ.
މި ވެކްސިން އެޕްރޫވް ކުރުމަށްފަހު، ކޮވިޑް ބައްޔާ ގުޅިގެން އިމަޖެންސީ ބޭނުންތަކަށް ބޭނުންކުރާ ޑަބްލިޔޫއެޗްއޯގެ ވެކްސިންތަކުގެ ލިސްޓްގައިވެސް އެސްޓްރަޒެނެކާގެ ވެކްސިން މިހާރުވަނީ ހިމަނާފައެވެ.
މިއީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެޕްރޫވްކޮށް އިމަޖެންސީ ވެކްސިންތަކުގެ ލިސްޓުގައި ހިމެނި ދެވަނަ ވެކްސިނެވެ.
ޑަބްލިޔޫއެޗްއޯއިން އެންމެ ފުރަތަމަ އެޕްރޫވްކުރި ކޮވިޑް ވެކްސިނަކީ ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިނެވެ.
އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ވެކްސިނަށް ޑަބްލިޔޫއެވްއޯއިން މިއަދު "އޯކޭ" ދިންއިރު، ޑަބްލިޔޫއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަން ޕެނަލުން މިދިޔަ ބުރާސްފަތި ދުވަހުވަނީ، އެސްޓްރަޒެނެކާގެ ވެކްސިން އެންމެނަށްވެސް ދެވިދާނެ ކަމަށާއި އަދި އުމުރުން 65 އަހަރުންމަތީގެ މީހުންނަށްވެސް ދެވިދާނެ ކަމަށް ވަގުތީ ރެކޮމެންޑޭޝަނެއް ނެރެފައެވެ.
އަދި އެ ވެކްސިނަކީ ރައްކާތެރި އަދި ކޮވިޑް-19 ބަލިން ދިފާއުކޮށްދޭ ނިސްބަތް މަތި ވެކްސިނެއް ކަމަށްވެސް ޑަބްލިޔޫއެޗްއޯގެ ޚާއްސަ ޕެނަލުން ކަނޑައަޅައިފައި ވެއެވެ.
ޑަބްލިޔޫއެޗްއޯއިން ބުރާސްފަތި ދުވަހު ބުނެފައިވަނީ، އެސްޓްރަޒެނެކާގެ ވެކްސިން ރިވިއުކުރުމަށްފަހު، އިމަޖެންސީ ބޭނުމަށް އެ ވެކްސިން ބޭނުންކުރުމަށް ޑަބްލިޔޫއެޗްއޯގެ ރަސްމީ "އޯކޭ" މި ހަފްތާތެރޭގައި ދެވޭވަރުވާނޭ ކަމަށެވެ.
ޑަބްލިޔޫއެޗްއޯއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެސްޓްރަޒެނެކާ-އެސްކޭބަޔޯ (ދެކުނު ކޮރެއާ) އަދި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ ވެކްސިން މިހާރު އެޕްރޫވް ކޮށްފައިވާ ކަމަށެވެ.
އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން ޑަބްލިޔޫއެޗްއޯއިން އެޕްރޫވްކުރުމާ ގުޅިގެން، ޚާއްސަކޮށް ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ވެކްސިން ހޯދުމުގައި އިތުރު މަގުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވިފައި ވެއެވެ.
ސަބަބަކީ، ދުނިޔޭގައި މިހާރު ބޭނުންކުރަމުންދާ ކޮވިޑް ވެކްސިންގެ ތެރެއިން އެސްޓްރަޒެނެކާގެ ވެކްސިނަކީ އަގުހެޔޮ އަދި އެއްތަނުން އަނެއް ތަނަށް އުފުލަންވެސް ފަސޭހަ ވެކްސިނަކަށް ވުމުންނެވެ. އެހެންވެ، ދުނިޔޭގައި ބައެއް ފަރާތްތަކުން އެ ވެކްސިނަށް މުޚާތަބު ކުރަނީ "ވެކްސިން ފޮރ ދަ ވޯރލްޑް" ގެ ގޮތުގައެވެ.
އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ވެކްސިން އެޕްރޫވްކުރިކަން އިއުލާންކުރުމަށް ބޭއްވި ޕްރެސް ބްރީފިންގައި ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ވެކްސިން ޑިސްޓްރިބިއުޓް ކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށާއި، މިހާރު ކުރަން އޮތް ކަމަކީ ވެކްސިން އުފައްދާ މިންވަރު އިތުރުކުރުން ކަމަށެވެ.
އެސްޓްރަޒެނެކާއިން މިހާރު އަމާޒު ހިފާފައިވަނީ މިއަހަރުގެ ތެރޭގައި 3 ބިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމަށެވެ. އެގޮތުން، މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮންމެ މަހަކު 200 މިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން އުފައްދާނޭ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.
އެންތަ!!! ދެން އެހެންވީމަ އަހަރެމެނަށް ވެސް ތީތި ޖެހިދާނެބާ؟ މި ބުނީ މިހާރު މި ޖަހާ ވެކްސިން ޖަހައިގެންވެސް؟