ޕްރިމިއަރ ލީގުގައި ރޭ ޕޮއިންޓް ތާވަލުގެ 17 ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާ ޗެލްސީ އިން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވެފައިވަނީ 0-2 ގެ ނަތީޖާ އަކުންނެވެ. މިއީ ޗެލްސީގެ ކޯޗުކަމާއި ތޯމަސް ޓުޗޭލް ހަވާލުވިފަހުން އެޓީމުން ކުޅުނު ހަމެޗުގެ ތެރެއިން މޮޅުވި ހަތަރުވަނަ މެޗެވެ. އެޓީމަށް މޮޅުވެވިފައި ނުވަނީ ހަމައެކަނި ޕްރިމިއަރ ލީގުގައި ވުލްވްސް ހެމްޕްޓަން އާއިދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި އެކަންޏެވެ.

މެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު ޗެލްސީ އިން މެޗުގައި ކާމިޔާބުކުރި ދެލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ޗެލްސީ އިން ލަނޑުތައް ކާމިޔާބިޔާބުކުރުމުގެ ކުރިންވެސް އެޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ކޯނަރަކުން ހުރަސްވި ބޯޅަ އަޒްޕްލިކުއެޓާ ވަރަށް ރަނގަޅަށް ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް ނިއުކާސަލްގެ ޑިފެންޑަރަކު ވަނީ ބޯޅަ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ޓެމީ އަބްރަހަމްއަށްވެސް މުޅިން ހުސް ފުރުސަތެއް ލިބިފައިވާއިރު ނިއުކާސަލްގެ ޑިފެންޑަރު ޖަމާލް ލަސެލްސް ވަނީ ފަހަތުން ވަރަށް ރަނގަޅަށް ޓެކްލް ކޮށް ބޯޅަ ދިފާއުކޮށްފައެވެ.

ޗެލްސީއިން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮލިވަރ ޖިރޫޑް އެވެ. މިއީ ޓިމޯ ވާނާ އުފެއްދި ހަމަލާއެއް ނިއުކާސަލް ކުޅުންތެރިންނަށް ރަނގަޅަށް ދިފާއުނުކުރެވި ހެދުނު ގޯހެއްގެ ފައިދާނަގާ މުޅިން ހުސްގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލައިގެން ޖިރޫޑް ކާމިޔާބުކުރި ލަނޑެކެވެ. ޗެލްސީގެ ދެވަނަ ލަނޑަކީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ޓިމޯ ވާނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުން މޮޅުވެ ޗެލްސީ ވަނީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ ހަތަރުވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. އެގޮތުން އެޓީމަށް ކުޅުނު 24 މެޗުން 42 ޕޮއިންޓް ހޯދާފައެވެ. ޗެލްސީގެ ފަހަތުން ތާވަލުގެ ފަސްވަނައިގައި 24 މެޗުން ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ވެސްޓް ހޭމް ޔުނައިޓެޑެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަށް ޕޮއިންޓް ތާވަލަުގައި 24 މެޗުން 40 ޕޮއިންޓް ހޯދައިގެން ލިބެނީ ހަވަނައެވެ.