މިދިޔަ ޖެނުއަރީމަހު ރާއްޖެއަށް މުދާ އެތެރެކޮށް އަދި ބޭރުކޮށްގެން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން އާއްމުކޮށްފައިވާ ޖަނަވަރީމަހުގެ ތަފާސްހިސާބު ދައްކާގޮތުން، އެމަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ ސީއައިއެފް އަގު 2020 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 24 އިންސައްތަ ވަނީ ދަށްވެފައެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު މި އަދަދުވަނީ 2.9 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.

ފާއިތުވި ޖަނަވަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 12 އިންސައްތަ ވަނީ ދަށްވެފައެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު 272 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު މި ޢަދަދުވަނީ 240 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޫއޭއީ، ޗައިނާ އަދި އޮމާނެވެ. ޔޫއޭއީއިން 386 މިލިއަން މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 365 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އަދި އޮމާނުން 364 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ޖެނުަރީމަހު ރާއްޖޭން އެންމެ ގިނަ މުދާ އެކްސްޕޯޓް ތައިލޭންޑަށެވެ. އެގޮތުން އެގައުމަށް 59 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ޖާރުމަންވިލާތަށް 19 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެެވެ. މީގެއިތުރުން ގްރޭޓް ބްރިޓިއަން އަދި ޔޫއެސްއޭ އާއި އިންޑިއާއަށްވެސް ގިނަ އަދަދެއްގެމުދާ މިދިޔަ މަހު އެކްސްޕޯޓްކޮށްފައިވެއެވެ.

ރާއްޖޭން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ފިނިކުރި ކަޅުބިލަމަހެވެ. އެގޮތުން 55 މިލިއަން ރުފިޔާގެ ފިނިކުރި ކަޅުބިލަމަަސް އެކްސްޕޯޓްކޮށްފައިވާއިރު ދެން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ސާފުކުރި ކަނޑުމަހުގެ ބާވަތްތަކެވެ. ސާފުކުރި ކަނޑުމަހުގެ ބާވަތްތަކުން 30 މިލިއަން ރުފިޔާ މިދިޔަ މަހު ދައުލަތަށް ލިބިފައިވެއެވެ.

މިދިޔަ ޖެނުއަރީމަހު ރާއްޖެއިން ބޭރުން 83 އުޅަނދުފަހަރު އައިސްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި 130 އުޅަނދު އައިސްފައިވެއެވެ. މީގެއިތުރުން މިދިޔަ މަހު ރާއްޖޭއިން 90 އުޅަނދެއް ފުރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ފުރީ 130 އުޅަނދެވެ.