ފާއިތުވީ ސީޒަނުގައި ވާދަކުރި ކުރިހާ މުބާރާތެއް ކާމިޔާބުކޮށް ކްލަބް ފުޓުބޯޅައިގެ ޗެމްޕިއަންގެ ގޮތުގައި އޮތް ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް އަތުވެއްޖެއެވެ.

އެންމެ ފަހުން ކުޅުނު ފަސްމެޗުވެސް ކާމިޔާބުކޮށް ޖަރުމަން ލީގުގެ ޑޮމިނެންޓް ބާރެއްގެ ގޮތުގައި އޮތް ބަޔާން އަށް މޮޅުނުވެވުނީ ރޭ ބުންޑަސްލީގާގެ ރެލިގޭޝަން ޒޯނުގައި އޮތް އަރްމީނިއާ ބީލެފީލްޑް އަތުންނެވެ.

ބަޔާންގެ އެލިއަންޒް އެރީނާގައި ކުޅެވުނު މިމެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި، ބަލާހިތްވާކަހަލަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އަރްމީނިއާ ބީލެފީލްޑް އެވެ.

މިލަނޑު ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި ބީލެފީލްޑް އަށް ކާމިޔާބުކޮށްދިނީ ލޯނު އެއްބަސްވުމުގު ދަށުން އެޓީމަށް ކުޅެމުން އަންނަ މިޝެލް ވްލެޕް އެވެ. މިއީ އޭނާގެ ޑެބިއު މެޗުވެސް މެއެވެ. ލަނޑަށްފަހުވެސް ދެޓީމުގެ ފަރާތުން ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރަމުން ދިޔައިރު ދެޓީމަށްވެސް މެޗުގައި އެންމެ ބޮޑު ދައްޗަކަށްވީ މެޗުކުޅެމުން ދިޔަގަޑީގައި ބޯކޮށް ސްނޯ ވެހުމެވެ.

ބީލެފީލްޑް އިން ލީޑުފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ ފަހުކޮޅު ކޯނަރަކުން ވްލެޕް ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީ އޭމޮސް ޕީޕާއެވެ. މިއީ ބުންޑެސްލީގާގައި ޕީޕާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ފުރަތަމަ ހާފުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ބަޔާން ދެވަނަ ހާފާއި ފެށީ ވަރަށް ވަރުގަދަކޮށެވެ. އެހެންނަމަވެސް މޮޅުވުމުގެ އުންމީދުގައި ތަފާތުދައްކަމުންދިޔަ ބަޔާން މާޔޫސްކޮށްލީ ބީލެފީލްޑް އިން އޭގެ އެއްމިނެޓު ފަހުން އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ލީޑުފުޅާކުރުމެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ގެބޯއެވެ. އިތުރު ހިތްވަރެއްލައި ބަޔާންއިން ކުޅުން އަނެއްކާވެސް ރަނގަޅުކުރިއިރު އަނެއްކާވެސް ބަޔާންއަށް ފަރަގު ކުޑަކޮށްދިން ލަނޑު 57 ވަނަ މިނެޓުގައި ލެރޯއި ސާނޭގެ އެސިސްޓަކުން ކާމިޔާބުކޮށްދިނީ ކޮރެންޓިން ޓޮލީސޯއެވެ.

ބަޔާންއިން ނަތީޖާ ހަމަހަމަކުރި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު އެލްފޮންސޯ ޑޭވީސް އެވެ. މެޗުން އެއްވަރުވިނަމަވެސް ބަޔާން އަދިވެސް އޮތީ ބުންޑަސްލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑަކާއި އެކުގައެވެ. ދެވަނައިގައި އޮތް އާރްބި ލިޕްޒިގަށް 21 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ.