ބައިނަލްއަޤްވާމީ މުބާރާތްތަކުން ގައުމަށް ރީތިނަން ހޯދުމަށްޓަކައި ކޮންމެ ގައުމަކުންވެސް އަދި އެގައުމެއްގެ ރައްޔިތުންވެސް ބުރަ އެތައް މަސައްކަތްތަކަކާއި މޮޅެތި އުކުޅުތަކެއް ބޭނުންކުރާނެކަން ކަށަވަރެވެ. އެގޮތުން 2015 ވަނަ އަހަރު އީރާނުންވެސް މިވަނީ އެގައުމަށް ފުޓުބޯޅައިން ރަންވަނައެއް ހޯދުމަށްޓަކައި ތަފާތު މޮޅު އުކުޅެއް ބޭނުންކޮށްފައެވެ.

އެގައުމުން ވަނީ 2015 ވަނަ އަހަރު ބައިނަލްއަގްވާމީ މުބާރާތަކަށް ތައްޔާރުވުމަށް ނެގި ގައުމީ އަންހެން ފުޓުބޯޅަ ޓީމުގައި އަށް ފިރިހެނުން ހިމަނާފައެވެ. މިކަން ކޮށްފައިވަނީ އެގައުމުގެ ގަވާނިންގް އޮތޯރިޓީތަކަށްވެސް ވަގަށް ގައުމީ ޓީމުގެ ސެލެކްޝަން ކޮމިޓީއާއި ކުޅުންތެރިން ގުޅިގެންކަމަށް ބޭރުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މިކަން ފަޅާއަރުވާލީ އީރާންގެ ފުޓުބޯޅަ ލީގުގެ އޮފިޝަލެއް ކަމުގައިވާ މުޖްތާބީ ޝަރީފް ކަމަށް އީރާނުގެ ބައެއް މީޑިއާތަކުން އޭރުވަނީ ބުނެފައެވެ. މުޖްތާބީ ބުނިގޮތުގައި ޓީމުގައި ތިބި އަށް ފިރިހެން ކުޅުންތެރިންނަކީ ކައިރި މުސްތަގުބަލެއްގައި ޖިންސު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުން ދިޔަ ކުޅުންތެރިންތަކެކެވެ. އެހެންނަމަވެސް ސްކޮޑް އެކުލަވާލައި މުބާރާތައް ތައްޔާރުވިއިރު މިއޮޕަރޭޝަން ކޮށްފައިނުވާކަމަށާއި، މިގޮތަށް ސްކޮޑް ނެގީ މުބާރާތް ކާމިޔާބުކުރުމުގެ ބޭނުމުގައިކަމަށްވެސް މުޖްތާބީ ވަނީ ބުނެފައެވެ.

މިއީ މިގޮތަށް އީރާންގެ ގައުމީ އަންހެން ޓީމުން އޮޅުވާލި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އެޓީމުން 2014 ވަނަ އަހަރުވެސް އަދި 2010 ވަނަ އަހަރުވެސް ހަމަ މިގޮތަށް ކަންކޮށްފައިވެއެވެ. އެހެންނަމަވެސް 2014 ވަނަ އަހަރުގެ ފަހުކޮޅު ކަމާބެހޭ އިދާރާތަކުންވަނީ ޓީމުތައް އެކުލަވާލުމުގެ ކުރިން ކުޅުންތެރިންގެ ޖިންސު ކަށަވަރުކުރުމަށް ޓެސްޓު ހެދުންވެސް މަޖުބޫރުކޮށްފައެވެ.

އީރާނުގެ އަންހެން ފުޓުބޯޅަ ޓީމް- ފޮޓޯ:- ޑެއިލީމެއިލް

އީރާނަކީ ޝީޢިންގެ މެޖޯރިޓީ އޮންނަ ގައުމެއްކަމުން އެގައުމުގައި އެއްޖިންސުން ގުޅުންހިންގުމާއި ކައިވެނިން ބޭރުގައި ހިންގާ ގުޅުންތަކަށް ވަރަށް ހަރުކަށި އަދަބުތަކެއް ކަނޑައެޅިފައި ވީނަމަވެސް 1979 ވަނަ އަހަރު އީރާނުގެ ކުރީގެ ވެރިޔާ އާޔަތުﷲ ޚާމަނާއީ ދެއްވި ފަތުވާއަކަށްފަހު ވަނީ އެގައުމުގައި ޖިންސު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމުގެ ހުއްދަދީފައެވެ. މިއާއެކު އީރާނުގެ ބައެއް އިލްމުވެރިން ވަނީ މިއީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފުކަމެއް ކަމަށްބުނެ ދެކޮޅުވެސް ހަދާފައެވެ.