އަނިޔާގެ ގިނަ މައްސަލަތަކާއި ކުރިމަތިވެ ފުރަތަމަ 11 ގައި އާންމުކޮށް ކުޅޭ ގިނަ ކުޅުންތެރިންނާއިނުލާ ކުޅެމުން އަންނަ ރެއާލް މެޑްރިޑުގެ "އިންޖަރީ ލިސްޓް" އަށް ތަޖުރިބާކާރު ޑިފެންޑަރު ޑެނީ ކާވަހާލް އިތުރުވެއްޖެއެވެ.

ކާވަހަލް އަށް އަނިޔާވެފައިވަނީ ސްޕެނިޗް ލަލީގާގައި ވެލެންސިއާ އަތުން 0-2 އިން ރެއާލް މޮޅުވި މެޗުގައެވެ. ރެއާލް އިން ހާމަކޮށްފައިވާ ގޮތުގައި ކާވަހަލްގެ ފައިގެ ފަލަމަސްގަނޑަށް ބޮޑު އަނިޔާއެއް ވެފައިވާކަމަށާއި، އޭނާއަށް ކުޅުމުގެ ތެރެއަށް އާދެވޭނީ ސީދާ ކިހާދުވަހަކުންކަން ބުނަން ނޭނގޭ ކަމަށެވެ. އެހެންނަމަވެސް މަދުވެގެން މަސްދުވަސް ކުޅުމާއި ދުރުގައި އޭނާ ހުންނަން ޖެހޭނެކަމަށް ބެލެވޭކަމަށް ރެއާލް އިންވަނީ ބުނެފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗް ޒައިނެއްދީން ޒިދާން ބުނީ ކާވަހަލް މެޗުގައި ކުޅުނު މަދު ވަގުތުގައި ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، އަނިޔާވެ ކުޅުމުން ދުރައްދާންޖެހުމުން އެކަމާއި ދެރަވާ ކަމަށެވެ. އެހެންނަމަވެސް އުންމީދުކުރަނީ މާގިނަދުވަސްތަކެއްނުވެ އެނބުރި ކުޅުމުގެ ތެރެއަށް ކާވަހަލް އަންނާނެކަމަށް އުންމީދުކުރާ ކަމަށްވެސް ޒިދާންވަނީ ބުނެފައެވެ.

ކާވަހަލްގެ އިތުރުން މިވަގުތު ޒިދާން އަށް ފުރަތަމަ 11 އިން އިތުރު ކުޅުންތެރިންތަކެއްވެސް ވަނީ އަނިޔާގެ ސަބަބުން ގެއްލިފައެވެ. އޭގެތެރޭގައި ޑިފެނޑަރުންގެ ތެރެއިން ކެޕްޓަން ސާޖިއޯ ރާމޮސް، އެޑާ މިލިޓާއޮ އާއި އަލްވާރޯ އޮޑްރިއޮޒޯލާ ހިމެނެއެވެ. އަދި ފެޑެރިކޯ ވަލްވަޑްރޭ އާި ފޯވާޑް އެޑެން ހަޒާޑުވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ.

އަނިޔާގެ ގިނަ މައްސަލަތަކަކާއި ކުރިމަތިވެފައިވީ ނަމަވެސް އެޓީމު މިހާރުވެސް އޮތީ ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ ދެވަނައިގައި ކުޅުނު 23 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ތިންވަނައިގައި 22 މެޗުން 46 ޕޮއިންޓް ހޯދައިގެން އޮތީ ބާސެލޯނާއެވެ. އަދި ތާވަލުގެ އެއްވަނައިގައި އޮތީ މިސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެތްލެޓިކޯ މެޑްރިޑެވެ.