ކޮންމެ މަހަކުވެސް ކަރަންޓު ބިލަށް އެއް އަދަދެއް ދެއްކޭ އީކުއަލް ޕޭމެންޓް ޕްލޭނެއް ސްޓެލްކޯއިން ތައާރަފުކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ޕްލޭން ތައާރަފުކޮށްފައި ވާއިރު، މި ޕްލޭންގެ ދަށުން ގޭބީސީތަކުން އެވްރެޖްގޮތެއްގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކޮންމެ މަހަކުވެސް އެއް އަދަދަކަށް ކަރަންޓު ބިލް ދެއްކޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި ހިދުމަތް ދިނުމުގައި އެ ގޭބީސީއަކީ ވޭތުވެދިޔަތަނުގައި ހުރިހާ ކަރަންޓު ބިލަކަށް ފައިސާ ދައްކާފައިވާ ގޭބީސީއެއްތޯ ބަލާނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މި ހިދުމަތް ހޯދުމަށް ސްޓެލްކޯއަށް ފޯމެއް ހުށަހަޅަންޖެހޭނެ ކަމަށާއި، މި ހިދުމަތް ދޫކުރާނީ ކަސްޓަމަރާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް ހެދުމަށްފަހު ކަމަށް އެކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ މި ޕްލޭންގެ ދަށުން ގޭބީސީތަކުން ކަރަންޓު ބިލުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައަޅާނީ ފާއިތުވި 1 އަހަރު ތެރޭ އެވްރެޖްކޮށް ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބެލުމަށްފަހު ކަމަށެވެ.

އެހެންނަމަވެސް ފާއިތުވި އަހަރަކީ ކޮވިޑް-19 އާއި ގުޅިގެން ކަސްޓަމަރުންގެ އަތްމަތިދަތިވެ ބިލް ދެއްކުން ދަތިވި އަހަރަކަށްވުމުން މިއަހަރު ބަލާނީ 2019 ވަނަ އަހަރު ކަރަންޓު ބޭނުންކުރި މިންވަރަށްކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި އަލަށް ކަރަންޓު ބޭނުންކުރާ ތަނެއްނަމަ ކަރަންޓު ބޭނުންކުރާ މިންވަރާއި، އެތަނެއްގެ ކުޑަބޮޑުމިނަށް ބަލާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

ސްޓެލްކޯއިން ބުނީ މި ޕްލޭންގެ ދަށުން ކޮންމެ މަހަކު އެއް އަދަދަކަށް ކަރަންޓު ބިލް ދެއްކޭއިރު، ކަރަންޓު ބިލް ބޮޑުވާ މަސްމަހުވެސް ދައްކަންޖެހޭނީ ހަމަ އޭގެ ކުރީ މަސްމަހުވެސް ދައްކާ މިންވަރު ކަމަށާއި، މީގެ ސަބަބުން ވަކި ބަޖެޓެއްގައި ދިރިއުޅުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ ކޮންމެ މަހަކު ކަސްޓަމަރުން ކަރަންޓު ބޭނުންކުރާ މިންވަރު ސްޓެލްކޯއިން މޮނިޓަރކުރަމުންދާނެ ކަމަށާއި، ކޮންމެ 6 މަހަކުން މި ޕްލޭން ރިވިއުވެސް ކުރެވޭނެ ކަމަށެވެ.

ރިވިއުކުރާއިރު ވޭތުވެދިޔަ މަސްތަކުގައި ދެއްކި ބިލްގެ އަދަދުން އިތުރުވި ބައި ނުވަތަ މަދުވި ބައި، އެއްކޮށް ނުވަތަ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.